ތިލަފުށީ ކައިރިން ފަހުން ހިއްކާފައިވާ ބިމާއި މިހާރު މަސައްކަތްތައް ކުރިއަށްގެންދާ ތިލަފުއްޓާ ގުޅުވައިދޭ "ތިލަފުށި އެކްސެސް ރޯޑް ޕްރޮޖެކްޓް"ގެ އެއްބަސްވުންތަކުގައި މިއަދު ކަމާ ގުޅުން ހުރި ކުންފުނިތަކާ އެކު ސޮއިކޮށްފި އެވެ.
މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ތިލަފުށި ކޯޕަރޭޝަނުން ސޮއިކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި ސްޓެލްކޯ އާ އެކުގަ އެވެ. އެއީ އެތަނަށް ބޭނުންވާ ކަރަންޓާއި، ފެނާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.
ތިލަފުށި ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާސިފް އެވެ. އެހެން ކުންފުނިތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނިތަކުގެ އިސްވެރިންނެވެ.
ޕްރޮޖެކްޓާ ގުޅޭ ގޮތުން ތިލަފުށި ކޯޕަރޭޝަންގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ވަސީމް ވިދާޅުވީ، މިހާރު ބޭނުންކުރަމުން އަންނަ "ކޯޒްވޭގެ" ބަދަލުގައި އެތަނުގައި 820 މީޓަރު ދިގު، 30 މީޓަރު ފުޅާ އަދި 14 މީޓަރު ޕޭވްކޮށްގެން ތާރު އެޅި މަގެއް ހަދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިވަގުތު ތިލަފުށިން އަލަށް ހިއްކި ސަރަހައްދަށް ތަކެތި ބަދަލުކޮށް މަސައްކަތްތައް ކުރިއަށްގެންދަން ވެސް ދަތިތައް ދިމާވާ ކަމަށެވެ.
އޭނާ ވިދާޅުވީ އަލަށް ހިއްކި ސަރަހައްދުގައި އިތުރު މަސައްކަތްތައްކޮށް ޑިވެލޮޕްކުރެވެން އޮތީ މަގުގެ މަސައްކަތްތައް ނިންމުމަށް ފަހު ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެ ސަރަހައްދަށް ގެންދަން ބޭނުންވާ ތަކެތި ގެންދިއުމުގައި އެ މަގުގެ ސަބަބުން ފަސޭހަވެ، ސްޓެލްކޯގެ ކަރަންޓު ގާއިމްވުމުގެ ސަބަބުން މުވައްޒަފުންނަށް ވެސް މަސައްކަތްތަކުގައި ކުރިއަށްދިއުން ފަސޭހަވާނެތީ ކަމަށެވެ.
ތިލަފުށި ކޯޕަރޭޝަންގެ އަމިއްލަ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ އެ ޕްރޮޖެކްޓަށް 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށް ވަސީމް ވިދާޅުވި އެވެ. އަދި އެ ހުރިހާ މަސައްކަތް ކުރިއަށް އޮތް 10 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށް ވަސީމް ވިދާޅުވި އެވެ. އެގޮތުން މަގަށް ބޭނުންވާ އިތުރު ސަރަހައްދެއް ހިއްކުމާއި، ޝޯ ޕްރޮޓެކްޝަން އަދި ތާރުއެޅުމާއި މަގުގެ އެހެނިހެން މަސައްކަތްތައް އެ މުއްދަތުގައި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ނާސިފް ވިދާޅުވީ، ޒަމާނާ އެއްވަރަށް ތަރައްގީކޮށް ރާއްޖޭގައި ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުން އަންނަ އިރު، މިއަދު ތިލަފުށީގައި ފެށި ޕްރޮޖެކްޓްގެ ސަބަބުން ތިލަފުށީގެ މަސައްކަތްތައް ވެސް އިތުރަށް ތަރައްގީވެގެންދާނެ ކަމަށެވެ.