ބޮކްސް އޮފީހުގައި 1,100 ކްރޯޑު ރުޕީސް (131.1 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ލިބުނު ފިލްމު "ކަލްކީ2898: އޭޑީ" މި މަހުގެ 22ވަނަ ދުވަހު އެމޭޒަން ޕްރައިމް އަދި ނެޓްފްލިކްސްއިން ޕްރީމިއާކުރާނެކަން އިއުލާނުކޮށްފިއެވެ.
އިންޑިއާގެ އިތުރުން ބޭރު ދުނިޔޭގެ ބައެއް ޤައުމުތަކުގެ ސިނަމާތަކުގައި ކާމިޔާބު ކަމާއެކު ގިނަ ޝޯތަކެއް ދެއްކުމަށްފަހު އެމޭޒަންގައި މި ފިލްމު ދައްކަން ނިންމާފައި ވަނީ ތަމަޅަ، ތެލުގޫ، ކަންނާޑާ އަދި މަޅަޔާލަމް ބަހުންނެވެ.
ހިންދީ އޯޑިއަންސަށް "ކަލްކީ"ގެ ހިންދީ ވާޝަން މި މަހުގެ 20ވަނަ ދުވަހު ނެޓްފްލިކްސް މެދުވެރިކޮށް ބަލާލެވޭނެ ކަމަށް ވެސް ފިލްމު ގެނެސްދޭ ވިޖަޔަންތިމޫވީސްއިން ވަނީ ބުނެފައެވެ.
ސައުތު ސިނަމާގެ ކުޅަދާނަ އެކްޓަރު ޕްރަބާސް އަދި ބޮލީވުޑް ބަތަލާ ދީޕިކާ ޕަދުކޯން މުހިއްމު ރޯލް ކުޅެފައިވާ މި ފިލްމަކީ، ތެލުގޫ ޑައިރެކްޓަރު ނާގް އަޝްވިން ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ވަރަށް މުހިއްމު ރޯލްއިން އެކްޓަރު އަމީތާބް ބައްޗަން، ކަމަލް ހަސަން އަދި ބަތަލާ ދިޝާ ޕަޓާނީ ފެންނާނެއެވެ.

"ކަލްކީ2898: އޭޑީ"ގެ މަންޒަރެއްގައި އެކްޓަރު ޕްރަބާސް--ފޮޓޯ/ޕިންކްވިލާ
ފިލްމު ނެޓްފްލިކްސްއަށް ދޫކޮށްލަމުން ޑައިރެކްޓަރު ނާގް އަޝްވިން ބުނެފައި ވަނީ ގްލޯބަލް އޯޑިއަންސަކަށް ފިލްމު ދޫކޮށްލެވުމަކީ ސިނަމާ މެދުވެރިކޮށް ފިލްމު ބަލާލުމުގެ ފުރުސަތު ނުލިބުނު ޤައުމުތަކުގެ ގިނަ ބަޔަކަށް ދޫކޮށްލެވޭ ހަދިޔާއެއް ކަމަށެވެ.
މި ފިލްމަކީ، އެއްވެސް ހުރަހެއް ނެތި އާ އުއްމީދެއް ސިނަމާއެއް ގެނެސްދިން ވާހަކައެއް ކަމަށާއި ފިލްމުގެ ދެވަނަ ބައި މިއަށްވުރެ މާ ބޮޑަށް ޝައުގުވެރިވާނެ ކަމަށް ނާގް އަޝްވިން ވަނީ ބުނެފައެވެ.
މި ފިލްމުގެ ދެވަނަ ބައިގެ ބޮޑު ބައެއްގެ މަސައްކަތް މިހާރު ނިމިފައިވާއިރު ވަރަށް އަވަހަށް ފިލްމުގެ އަމަލީ މަސައްކަތް ފަށާނެ ތާރީޚެއް އިއުލާނު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.