އިލްހާމް އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް! މިހާރު ވަނީ މަރުޒޫގާ ވެސް ބައްދަލުކުރައްވާފައި

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްކަމަށް ވަޑައިގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު މަސައްކަތް ފައްޓަވައިފިއެވެ.

އޮލިމްޕިކް ކޮމިޓީގެ ރައީސްކަމަށް ވަޑައިގަތުމުގެ މަސައްކަތް އިލްހާމް ފައްޓަވާފައިވާކަން އޭނާގެ އަރިސް ބޭފުޅަކު ވަނީ 'ސަން ސްޕޯޓްސް' ޓީމަށް ކަށަވަރުކޮށްދެއްވައިފައެވެ. އެގޮތުން އެ މަސައްކަތްކުރުމަށް ކުޅިވަރު އާއިލާގައި ހިމެނޭ ވަރުގަދަ ޓީއްމެވެސް އިލްހާމާއެކު ހަރަކާތްތެރިވަމުން ދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، (އެފްއޭއެމް)ގެ ރައީސްކަން ވެސް ކުރިން ކުރައްވާފައިވާ އިލްހާމް މިއަދު ވަނީ، "ސަމަރސެޓް ހޮޓެލް"ގެ ރެސްޓޯރަންޓުގައި އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު މަރުޒޫގު (މަރޭ)އާ ވެސް ބައްދަލުކުރައްވައިފައެވެ. އިލްހާމް އޮލިމްޕިކް ކޮމިޓީގެ ރައީސްކަމަށް ވަޑައިގަތުމަށް، ނުވަތަ އެކަމުގައި ކުރިއަށް ދިއުމާމެދު އިލްހާމް، މަރުޒޫގާ މަޝްވަރާ ކުރައްވާނޭކަންވެސް އިލްހާމްގެ އަރިސް ފަރާތަކުން ވަނީ ސަން އަށް ކަށަވަރުކޮށް ދެއްވައިފައެވެ.

އެހެންނަމަވެސް، މިކަމާގުޅޭގޮތުން މަރޭ މިއަދު ވިދާޅުވީ، "އިލްހާމަކީ ވަރަށް ގާތް އެކުވެރިއެއް. މާލޭގަ ހުންނެވިއްޔާ ކޮންމެ ދުވަހަކުވެސް ދިމާވާނެ، ހާއްސަކޮށް މެންދުރު ގަޑީގަ އަޅުގަނޑުމެން ކޮފީއަށް ދަން،" ކަމަށެވެ.

"ދެން އޮލިމްޕިކް ކޮމިޓީއާ ގުޅޭގޮތުން އެކަހަލަ ވާހަކައެއް އަދި އަޅުގަނޑާ ހިއްސާކުރައްވައިފައެއް ނެތް. އެނޫނަސް އަޅުގަނޑަކީ ވޯޓެއްވެސް ދެވޭނޭ މީހެއް ނޫން. އަޅުގަނޑު ނުގެންގުޅެން ކްލަބެއް ވެސް."

އޮލިމްޕިކް ކޮމިޓީގެ ރައީސްކަމަށް ޝަވީދު އިންތިޚާބުކުރީ 11 ޖުލައި 2013 އިން ފެށިގެ ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެހެންކަމުން ޝަވީދުގެ ދައުރު ހަމަވާނީ 10 ޖުލައި 2017ގައެވެ.

އެފްއޭއެމްގެ ރައީސްކަމުގައި އިލްހާމް ހުންނެވި އިރު އޭނާގެ، އެޑްވައިޒަރެއްގެ ގޮތުގައި އޭރު ހުންނެވި، މިހާރު އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވަނީ، އޭރު ކުރިމަތިވި މައްސަލަތަކެއްގައި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން، އެފްއޭއެމްގެ ރައީސްކަމުން އިލްހާމް ދުރުކޮށް އެކުލަވައިލި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންކަން ކުރައްވައިފައެވެ. އަދި އޭރު އެފްއޭއެމްގެ ރައީސްކަމަށް ވާދަ ނުކުރައްވާނޭ ކަމަށް ވިދާޅުވެފައި، ފަހުން އަނެއްކާ އެ މަގާމަށް ވާދަކުރެއްވުމަށް ނިންމެވިއެވެ. އަދި އޭގެ ފަހުން އިންތިޚާބު ބޭއްވި އިރު، ޝަވީދު އެމަގާމަށް ވާދައެއް ނުކުރައްވައެވެ.

އިލްހާމްގެ އަރިސް ބޭފުޅަކު ވިދާޅުވީ، އޮލިމްޕިކް ކޮމިޓީގެ ރައީސްކަމަށް އިލްހާމް ކުރިމަތިލެއްވި ނަމަވެސް، އޭނާއާ ޝަވީދާ ދެމެދު އެއްވެސް ކަހަލަ ނުތަނަވަސްކަމެއް ނެތް ކަމަށެވެ.

އޮލިމްޕިކް ކޮމިޓީގެ ރައީސްކަމުގެ މަގާމަށް އިލްހާމް ޝައުގުވެރިކަން ފާޅުކުރައްވާފައި ވާއިރު، އޭނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.

comment ކޮމެންޓް