ޖަޕާނަށް ބާރުގަދަ ބިން ހެލުމެއް އަތުވެއްޖެ

ޖަޕާނަށް މިއަދު ބިންހެލުން އައި ސަރަހައްދު ތަރިއަކުން ފާހަގަކޮށްފައި ---

ޓޯކިޔޯ (ރޮއިޓާސް) – ޖަޕާނުގެ ހުޅަނގަށް މިއަދު 6.6 މެގްނިޓިއުޑުގެ ބާރު މިނުގައި ބާރުގަދަ ބިން ހެލުމެއް އައިސްފައިވާ ކަމަށް އެގައުމުގެ މީޓިއޯރޮލޮޖިކަލް އެޖެންސީން ބުނެފި އެވެ.

އެ އެޖެންސީން ބުނި ގޮތުގައި، އެ ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯމީޓަރު އަޑިއަށް ކަމަށާއި ބިންހެލުމަށްފަހު ގާތްގަނޑަކަށް 30 މިނެޓު ވަންދެން ކުދި ލޮޅުންތަކެއްގެ އަސަރު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ބިންހެލުމާ ގުޅިގެން އެއްވެސް ސުނާމީ އެއް އުފެދިދާނެ ކަމުގެ ބިރެއް ނެތް ކަމަށް ޖަޕާނުގެ މެޓް އެޖެންސީން ބުނެ އެވެ.

ބިންހެލުމާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ތަނަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައި ނުވި ނަމަވެސް، ބިންހެލުން އައި ސަރަހައްދުގެ ގާތްގަނޑަކަށް 39000 ގެއަކުން ކަރަންޓް ކެނޑިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ދުނިޔެއަށް އަންނަ ބިންހެލުންތަކުގެ ތެރެއިން ހަ މެގްނިޓިއުޑް ނުވަތަ އެއަށްވުރެ ބާރުގަދަ ބިންހެލުންތަކުގެ 20 ޕަސެންޓް އަންނަނީ، ދުނިޔޭގެ އެންމެ ގިނަ އަދަދަކަށް ބިން ހެލުން އަންނަ ސަރަހައްދުގައި އޮންނަ ޖަޕާނަށެވެ.

ޖަޕާނަށް މިހާތަނަށް އައި އެންމެ ބާރުގަދަ ބިންހެލުމުގެ ގޮތުގައި ރިކޯޑް ކުރެވިފައި ވަނީ، މާޗް 11، 2011 ވަނަ ދުވަހު އައި ނުވަ މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެވެ. ބިންހެލުމާ ގުޅިގެން ސުނާމީ އެއް އުފެދި، ޖަޕާނުގެ އޮކުމާގައި ހުންނަ ފުކުޝީމާ ނިއުކުލިއާ ޕްލާންޓަށް އަސަރުކޮށް، ދުނިޔޭގެ އެންމެ ނުރައްކާތެރި ނިއުކުލިއާ ކާރިސާ އުފެދުނެވެ. އެ ހާދިސާގައި 15،000 މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް