އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކާ ބައްދަލު ކުރަން މައުމޫން އެދިވަޑައިގެންފި

ރައީސް މައުމޫނު ނޫސްވެރިންނާ ބައްދަލުކުރައްވަނީ --- ސަންފައިލް ފޮޓޯ

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ ނޫން އެހެން ޕާޓީތަކަށް ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ސިޓީފުޅެއް ފޮނުވައި ބައްދަލުކޮށް މަޝްވާރ ކުރަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް މައުމޫނު ފެކްޝަނުން ބުނީ އެ ޕާޓީގެ ރައީސް މައުމޫނު ސިޔާސީ ޕާޓީތަކަށް ބައްދަލުކުރައްވަން އެދިވަޑައިގެން ސިޓީ ފުޅެއް ޕާޓީތަކަށް ފޮނުއްވާފައިވާ ކަމަށެވެ. އޭގެތެރޭގައި ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ޑީއާރުޕީގެ އިތުރުން އެމްޑީއޭ ހިމެނެ އެވެ. ނަމަވެސް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް މައުމޫނު ސިޓީފުޅެއް ނުފޮނުއްވަ އެވެ.

ރައީސް ޔާމީންގެ ކެބިނެޓުގައި ކުރިން އުޅުއްވި ބައެއް މިނިސްޓަރުންނާ ވެސް މައުމޫނު އިއްޔެ ވަނީ ބައްދަލުކުރައްވާފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީނާއި، ކުރީގެ ޔޫތް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ހިމެނިވަޑައިގަންނަވަ އެވެ.

މިހާރު ޕީޕީއެމް ތެރޭގައި ހިޔާލުތަފާތުވުން އުފެދި ދެ ފެކްޝަނަކަށް ޕާޓީވަނީ ބައިވެފަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ދަރުބާރުގޭގައި ޕާޓީގެ ހުރިހާ މަސައްކަތްތަކެއް ކުރިއަށްގެންދާއިރު ރައީސް މައުމޫނު ފެކްޝަނުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ޕީޕީއެމްގެ ރަސްމީ އޮފީހުގަ އެވެ.

ކޮންމެ ބަޔަކު ވެސް ވަކާލާތު ކުރަމުންދަނީ އެބޭފުޅުންނަކީ "އަސްލު ޕީޕީއެމް" ކަމަށެވެ.

ޕާޓީގެ އެކި މަގާމުތަކަށް ކޮންމެ ފެކްޝަނަކުން ވެސް ބޭފުޅުން އައްޔަން ކުރަމުން ދާއިރު، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިޔާ އިލެކްޝަނަސް ކޮމިޝަނުން ބުނެފައި ވަނީ އެބޭފުޅުން އަމަލު ކުރާނީ ކޯޓު ހުކުމާ އެއްގޮތަށް ކަމަށެވެ. ކޯޓުން ހުކުމް ކޮށްފައި ވަނީ ޕީޕީއެމްގެ ހިންގުން މުސްތަޝާރު ރައީސް ޔާމީނާ ހަވާލު ކުރުމަށެވެ.

comment ކޮމެންޓް