މެގަ މޯލްޑިވްސް ފްލައިޓުތަކަށް ވެސް ނޯޓު 7 އެރުވުން މަނާކޮށްފި

މެގަ މޯލްޑިވްސްއިން ކުއްޔަށް ގެނައި އާ ފްލައިޓު -- ފޮޓޯ/ ކިޔުންތެރިއެއް

ބެޓެރީ ދޮން ބޮޑުވެ، ބެޓެރީގައި ރޯވާ މައްސަލަ ދިމާވުމުގެ ސަބަބުން ވިއްކުން ރަސްމީކޮށް ހުއްޓާލާފައިވާ، ކޮރެއާގެ ސެމްސަންގް ކުންފުނީގެ ގެލެކްސީ ނޯޓު 7 ފޯނު، ރާއްޖޭގެ ޕްރައިވެޓް އިންޓަނޭޝާނަލް އެއާލައިން، މެގަ މޯލްޑިވްސްގެ ފްލައިޓުތަކަށް އެރުވުން މަނާކޮށްފިއެވެ.

މެގަ މޯލްޑިވްސްއިން ހޯމަ ދުވަހު ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީއެއްގައި ބުނެފައި ވަނީ، ސެމްސަންގް ކުންފުނީގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ އޭވިއޭޝަން ރެގިއުލޭޓަރީ ބޮޑީތަކުން، ސެމްސަންގް ގެލެކްސީ ނޯޓު 7 އާ މެދު ފާޅުކޮށްފައިވާ ކަންބޮޑުތަކަށް ރިއާޔަތްކޮށް، އެ ފޯނު މެގަ މޯލްޑިވްސްގެ ފްލައިޓުތަކަށް އެރުވުން މަނާކޮށްފައިވާ ކަމަށެވެ.

މެގަ މޯލްޑިވްސްއިން ހޯމަ ދުވަހު މި އެޑްވައިޒަރީ ނެރެފައިވާ އިރު، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން އިއްޔެ ނެރުނު އެޑްވައިޒަރީގައި ބުނެފައި ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސެމްސަންގް ގެލެކްސީ ނޯޓު 7 ގަނެފައިވާ ފަރާތްތަކުން އެ ފޯނު ސެމްސަންގް ކުންފުންޏާ ހަވާލުކުރަން އަންގާފައިވާ އެންގުމަށް ރިއާޔަތް ކުރުމަށްފަހު، އެ ފޯނު މޯލްޑިވިއަންގެ ފްލައިޓުތަކަށް އެރުވުން މަނާކޮށްފައިވާ ކަމަށެވެ.

އެގޮތުން، ޗެކްޑް އިން ބެގޭޖާއި ހޭންޑް ލަގޭޖްގެ އިތުރުން، ފަސިންޖަރު އަތުގައި ބާއްވާ ގޮތަށް ވެސް ފޯނު ފްލައިޓަށް ނޭރުވޭނެ ކަމަށާއި، ކާގޯގެ ގޮތުގައި ވެސް އެ އެއާލައިނުން ކާގޯގެ ގޮތުގައި ވެސް އެ ފޯނު އުފުލައި ނުދޭނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.

މީގެ ކުރިން މޯލްޑިވިއަން އާއި އެހެނިހެން އެއާލައިންތަކުގެ ފްލައިޓުތަކަށް ސެމްސަންގް ގެލެކްސީ ނޯޓު 7 ގެ ފޯނުތައް އެރުވުމުގެ ހުއްދަ އޮތް ނަމަވެސް، އެ ފޯނު އޮން ކޮށް، އޭގެ ބޭނުން ކުރުން އޮތީ މަނާކޮށްފައެވެ.

ގެލެކްސީ ނޯޓު 7 ފޯނަށް ދިމާވި މައްސަލަ، ސެމްސަންގް ކުންފުންޏަށް ހައްލު ކުރެވޭ ގޮތް ނުވުމުގެ ސަބަބުން އޮކްޓޫބަރު 11 ވަނަ ދުވަހު ވަނީ، އެ ފޯނު އުފެއްދުމާއި ވިއްކުން ރަސްމީކޮށް ހުއްޓާލައިފައެވެ.

ސެމްސަންގްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ، ކަސްޓަމަރުންގެ ސަލާމަތަށްޓަކައި ގެލެކްސީ ނޯޓު 7 ފޯނު ވިއްކުމާއި އުފެއްދުން ހުއްޓާލާފައިވާ ކަމަށެވެ.

އަދި ނޯޓު 7 ގެ އޮރިޖިނަލް ފޯނާއި، އޭގެ ބަދަލުގައި ސެމްސަންގްއިން ފޮނުވި ނޯޓު 7 ފޯނުތައް މިވަގުތު އޮތް ކަސްޓަމަރުން، އެ ފޯނުތަކުގެ ޕަވަރ އޮފް ކުރުމަށްފަހު އޭގެ ބަދަލުގައި ފައިސާ ނުވަތަ އެހެން ފޯނެއް ސެމްސަންގުން ހޯދުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

comment ކޮމެންޓް