ރާއްޖޭގައި އަރަބި ބަސް ކިޔަވައިދޭ އިންސްޓިޓިއުޓެއް ގާއިމް ކުރައްވަން ސައުދީ ރަސްގެފާނު ނިންމަވައިފި

ސައުދީ ރަސްގެފާނު އަބްދުލްއަޒީޒު މިއަދު ރައީސް ޔާމީނާ ރިޔާޒުގައި ބައްދަލު ކުރައްވަނީ -- ފޮޓޯ/ އަރަބް ނިއުސް

އަރަބި ބަސް ކިޔަވައިދޭ ހާއްސަ އިންސްޓިޓިއުޓެއް ރާއްޖޭގައި ގާއިމް ކުރެއްވުމަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ނިންމަވައިފި އެވެ.

ސައުދީ އަރަބިއްޔާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ސައުދީ ރަސްގެފާނު އެގޮތަށް ނިންމަވާފައިވަނީ ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދޭތެރޭ އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަކުރުމުގެ ގޮތުންނާއި ސައިންސާއި ތައުލީމީ ދާއިރާގެ އިތުރުން ތައުލީމު ކުރިއަރުވާ އަރަބި ބަސް ފެތުރެއްވުމުގެ މަގްސަދުގައެވެ.

އަދި ރާއްޖޭގައި އަރަބި ކިޔަވައިދިނުމަށް ހާއްސަ އިންސްޓިޓިއުޓެއް ގާއިމްކުރުމުގެ މަސައްކަތްތައް ރިޔާދުގައި ހުންނަ އިމާމް މުހައްމަދު އިބްނު ސައުދު އިސްލާމިކް ޔުނިވާސިޓީއަށް ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން އަންގަވާއިފާ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އެކަމާ ގުޅިގެން އިމާމް މުހައްމަދު އިބްނު ސައުދު އިސްލާމިކް ޔުނިވާސިޓީގެ ރެކްޓަރު ޕްރޮފެސަރު. ޑރ. ސުލެއިމާން ބިން އަބްދުﷲ ވަނީ، ރާއްޖޭގައި އަރަބި ބަސް ކިޔަވައިދޭ އިންސްޓިޓިއުޓެއް ގާއިމްކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީއާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރައްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

އެގޮތުން، ހާއްސަ އިންސްޓިޓިއުޓެއް ގާއިމްކޮށް އެތަނަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ޓީޗިން މެޓީރިއަލްސް ފޯރުކޮށްދިނުމުގެ އިތުރުން އަރަބި ބަހުން ލިޔެފައިވާ ބައެއް ފޮތްތައް ރާއްޖޭގެ ޔުނިވާސިޓީތަކަށް ފޯރުކޮށްދޭނެ ކަމަށް ވެސް އިމާމް މުހައްމަދު އިބްނު ސައުދު އިސްލާމިކް ޔުނިވާސިޓީގެ ރެކްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން އެ ޔުނިވާސިޓީގަ އާއި ސައުދީން ބޭރުގައި ސައިންސް ކިޔަވަމުންދާ ދަރިވަރުންނަށް ރަސްގެފާނު ސަލްމާން ބަހައްޓަވާ ޝައުގުވެރިކަމަށާއި ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް އޭނާ ވަނީ ޝުކުރުއަދާ ކުރައްވާފަ އެވެ.

ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ސައުދީ މީޑިއާތަކުގައި ހާމަކޮށްފައެއްނުވެ އެވެ.

comment ކޮމެންޓް