އެސްޓީއޯއިން ވިއްކާ ތައްޔާރީ ކޮންކްރީޓު، ނުވަތަ "ޕަވާމިކްސް"ގެ ޚިދުމަތް ހޯދައިގެން މާލެ އާއި ކޮލޮމްބޯ ދެމެދު ދެކޮޅު ޓިކެޓާއި އަގުހުރި އިނާމުތަކެއް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަން ވެއާހައުސްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، މި ޕްރޮމޯޝަން ފައްޓަވައި ދެއްވީ އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރެވެ.
މިއީ އެސްޓީއޯ އާއި ގައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެން ކުރިޔަށް ގެންދާ ޕްރޮމޯޝަނެކެވެ.
މީޑިއާއަށް މައުލޫމާތު ދެއްވަމުން، އެސްޓީއޯގެ ޖެނެރަލް މެނޭޖަރ ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން މެޓީރިއަލްސް އަބްދުލްވާހިދު މޫސާ ވިދާޅުވީ މި ޕްރޮމޯޝަނަކީ އެސްޓީއޯގެ ޕަވާމިކްސް ޚިދުމަތާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވައި، އެ ޚިދުމަތް ޕްރޮމޯޓު ކުރުމަށް ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށެވެ. ނަމަވެސް ޕަވާމިކްސްގެ ޚިދުމަތް މިވަގުތު ދެނީ މާލޭގައި އެކަނި ކަމުން، މި ޕްރޮމޯޝަން ކުރިޔަށް ދާނީ މާލޭގައި އެކަންޏެވެ.
މި ޕްރޮމޯޝަން ކުރިޔަށް ދާނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
ވާހިދު ވިދާޅުވީ، ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ، އެސްޓީއޯ ކޮންސްޓްރަކްޝަނުން ގަންނަ ރެޑީމޭޑް ކޮންކްރީޓު ގަތުމުން ލިބޭ ކޫޕަން ފުރައިގެންނެވެ. އެސްޓީއޯއިން ގަންނަ ރެޑީމޭޑު ކޮންކްރީޓުގެ ކޮންމެ ކޮޑިމީޓަރަކަށް ކޫޕަނެއް ދޫކުރާނެއެވެ.
އިނާމުތައް:
އެއްވަނަ އިނާމު: ހިޓާޗީ ބްރޭންޑުގެ 55 އިންޗީގެ ޓީވީއެއް
ދެވަނަ އިނާމު: ހިޓާޗީ ބްރޭންޑުގެ ރިފްރިޖަރޭޓަރެއް
ތިންވަނަ އިނާމު: ހިޓާޗީ ބްރޭންޑުގެ ދޮންނަ މެޝިނެއް
މި ތިން އިނާމާ އެކު، ކޮންމެ ނަސީބުވެރިއަކަށް ވެސް މޯލްޑިވިއަންގެ ހެޔޮ އެދުންތަކާ އެކު ސްރީލަންކާގެ ކޮލޮމްބޯއާ މާލެއާ ދެމެދު ދެކޮޅު ޓިކެޓު ވެސް ލިބޭނެ އެވެ.
އެސްޓީއޯއިން "ޕަވާމިކްސް"ގެ ނަމުގައި ތައްޔާރީ ކޮންކްރީޓު ފޯރުކޮށްދިނުމުގެ ޚިދުމަތް ދޭންފެށީ މި އަހަރުގެ ކުރީކޮޅު އެވެ. އެ ޚިދުމަތް އިފްތިތާހު ކޮށްދެއްވީ، މި އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު މާލޭގައި ބޭއްވި "މަސީ ބިލްޑް އެންޑް ހޯމް އެކްސްޕޯ"ގައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.