ރައީސް ޔާމީން ބޭއްވި ކައުންސިލުން ސައްޚައެއް ނޫން: މައުމޫން ފެކްޝަން

ޕީޕީއެމްގެ އޮފީހުން ރައީސް މައުމޫން ނުކުމެވަޑައިގެން ސަޕޯޓަރުންނާ ހަނާ އަޅުއްވަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޕީޕީއެމްގެ މުސްތަޝާރެއްގެ ހައިސިއްޔަތުން ރައީސް އަބްދުﷲ ޔާމީން ޗެއާކުރައްވައި ރޭ ދަރުބާރުގޭގައި ބޭއްވި ކައުންސިލް ބައްދަލުވުން ސައްޚަ ނޫން ކަމަށް ވިދާޅުވެ ރައީސް މައުމޫނުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް އަންގައިފި އެވެ.

ޕީޕީއެމަށް ރައީސް މައުމޫނު އައްޔަން ކުރެއްވި ސެކެޓްރީ ޖެނެރަލް އަބްދުލް އަލީމް ސޮއި ކުރައްވައި އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ރޭ ދަރުބާރުގޭގައި ބޭއްވި ކަމަށް ބުނާ ކައުންސިލް ބައްދަލުވުމަކީ ބާތިލް ބައްދަލުވުމެއް ކަމަށެވެ.

އެއީ ޕާޓީގެ ކައުންސިލުގެ ހިންގާ ގަވާއިދުން ކައުންސިލް ބައްދަލުވުމަށް ދައުވަތު ދިނުމުގެ ބާރު އޮންނަނީ ހަމައެކަނި ރައީސަށް ވާތީ ކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ.

ޕާޓީގެ މުސްތަޝާރަކީ ޕާޓީ ހިންގުމުގައި އެއްވެސް އަމަލީ ދައުރެއް އޮންނަ ފަރާތެއް ނޫން ކަމަށްވެސް ސިޓީގައި ބުނެފައިވެ އެވެ. އެހެންކަމުން ރޭ ދަރުބާރުގޭގައި ޕީޕީއެމް ރައީސް ޔާމީންގެ ފެކްޝަނުން ނިންމި ނިންމުންތަކަކީ ބާތިލް ނިންމުންތަކެއް ކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ.

އިއްޔެ މެނދުރުގެ ވަގުތެއްގައި ރައީސް މައުމޫނު ޗެއާ ކުރައްވައި ޕީޕީއެމް އޮފީހުގައި ބޭއްވި ކައުންސިލު ބައްދަލުވުމުގައި ފާސްކުރި ކަންކަން ރަސްމީ ސިޓީއަކުން އިލެކްޝަންސް ކޮމިޝަނަށް ވަނީ އަންގާފަ އެވެ. އެގޮތުން ސެކެޓްރީ ޖެނެރަލަކަށް އަލީމް އައްޔަން ކުރި ކަމާއި ނައިބު ރައީސް ކަމުން އަބްދުއްރަހީމް އަބްދުﷲ ވަކިކުރިކަން ވެސް އަންގާފައިވެ އެވެ.

އޭގެ އިތުރުން ޕީޕީއެމް ޒުވާނުންގެ ގޮފީގެ ރައީސް އިބްރާހިމް ޔޫސުފާއި ކައުންސިލް މެމްބަރު ޒާހިދު ރަމީޒު ވަކިކުރިކަންވެސް ވަނީ އަންގާފަ އެވެ. އަދި ޕީޕީއެމްގެ ކައުންސިލަށް އުމަރު ނަސީރާއި ސޮފްވާން އައްޔަން ކުރިކަން ވެސް އިލެކްޝަނަށް ވަނީ އަންގާފަ އެވެ.

ރައީސް ޔާމީންގެ ފެކްޝަނުން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ސެކެޓްރީ ޖެނެރަލަކަށް އައްޔަން ކޮށްފައިވަނީ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޙަލީލު އެވެ.

މަޝްވަރާތަކުގައި ބައިވެރިވާނީ ދިއްގަރު ދާއިރާގެ މެމަބްރު އަހުމަދު ފާރިޝް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ކަމަށް ރައީސް މައުމޫނު ފެކްޝަނުން ނިންމާފައިވެ އެވެ.

ނަމަވެސް ރައީސް ޔާމީން ފެކްޝަނުން ރޭ ވަނީ އެ ނިންމުމަށް ބަދަލުގެނެސް ސަރުކާރުން ބާއްވާ މަޝްވަރާތަކުގައި ބައިވެރިވާނީ ޕީޕީއެމް ޕީޖީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ކަމަށް ކަަނޑައަޅާފަ އެވެ.

comment ކޮމެންޓް