އެއް މިލިއަން ވަނަ ފަތުރުވެރިޔަކަށް ހޮވުނީ އިންޑިއާގެ އަލީ

މިއަހަރު ރާއްޖެ އައި މިލިޔަންވަނަ ފަތުރުވެރިޔާ އަލީ އަގްސަރު ގޮދްރަވާލާއާއި އޭނާގެ އަންހެނުން އަލީފިޔާ މާޗަންޓަށް، އިންޑިއާގެ ހައިކޮމިޝަނަރު ރާއްޖެއިން މަރުހަބާ ކިޔަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ރާއްޖެއަށް މިއަހަރު ޒިޔާރަތް ކުރި އެއް މިލިޔަން ވަނަ ފަތުރުވެރިޔާއަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

މިއަހަރުގެ އެއް މިލިޔަން ވަނަ ފަތުރުވެރިޔަކީ އިންޑިއާގެ ރައްޔިތެއް ކަމުގައިވާ އަލީ އަގްސަރު ގޮދްރަވާލާ އެވެ. އޭނާއަކީ އިންޑިއާގެ ގުޖަރާތު ސްޓޭޓުގެ ސޫރަތު ސިޓީއަށް ނިސްބަތްވާ މީހެކެވެ.

އަލީ އާއި އޭނާގެ އަންހެނުން އަލީފިޔާ މާޗަންޓް ރާއްޖެ އައީ މިއަދު މެންދުރު ބެންގަލޫރުން މާލެ އައި އެއާ އިންޑިއާގެ ފްލައިޓަކުންނެވެ.

އަލީ އާއި އޭނާގެ އަންހެނުންނަށް ރާއްޖެއިން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. މިލިޔަން ވަނަ ފަތުރުވެރިޔާއަށް ރާއްޖެއިން މަރުހަބާ ވިދާޅުވީ، ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރު އަކިލޭޝް މިޝްރާ އާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަޒާއިލް ޝިޔާމެވެ.

މިލިޔަން ވަނަ ފަތުރުވެރިޔާއަށް އެމްއެމްޕީއާރުސީ އާއި އެމްއޭސީއެލްގެ ފަރާތުން އެކި ކަހަލަ ހަދިޔާތައް އެރުވި އިރު، ހުރަވަޅި އައިލެންޑް ރިސޯޓުގެ ފަރާތުން އެދެމަފިރިންނަށް ވަނީ ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތެއް ވެސް ހަދިޔާ ކޮށްފައެވެ. ހުރަވަޅި އައިލެންޑް ރިސޯޓަކީ މުޅި ދުނިޔޭގައި ވެސް މިވަގުތު ހުރި އެންމެ ބޮޑު އަންޑަވޯޓާ ރެސްޓޯރަންޓް ހުންނަ ރިސޯޓެވެ.

ކައިވެންޏަށް ފަހު، އަންހެނުން ގޮވައިގެން ހަނީމޫނަށް ރާއްޖެ އައި އަލީ ގޮދްރަވާލާ ބުނި ގޮތުގައި، މިއީ އޭނާއަށް ލިބުނު ބޮޑު ސަޕްރައިޒެކެވެ.

"މިހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައި. މިއީ ދުނިޔޭގައި ޚިޔާލަށް ވެސް ނުގެނެވޭނެ ވަރުގެ ކަމެއް، ރާއްޖެއިން މިކަހަލަ މަރުހަބާއެއް ލިބުމަކީ. ދިވެހި ރައްޔިތުންނާއި ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" އަލީ ބުންޏެވެ.

އޭނާގެ އަންހެނުން އަލީފިޔާ ބުނި ގޮތުގައި، އެ ދެމީހުން އެންގޭޖްވެގެން ފަސް އަހަރު އުޅުނު އިރު، ހަނީމޫނަށް ރާއްޖެ އައުމުގެ ވާހަކަ ދެއްކި ކަމަށާއި، އެގޮތުގެ މަތިން ރާއްޖެ އައީ ކަމަށެވެ.

އަދި ކުރިޔަށް އޮތް ތަނުގައި ވެސް އެދެމަފިރިން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށާއި، އެ ދެމަފިރިންގެ ރަހުމަތްތެރިން ވެސް ރާއްޖެ ގެންނާނެ ކަމަށް އެ މީހުން ބުންޏެވެ.

ރާއްޖެއިން މިފަހަރު އަމާޒު ކޮށްފައިވަނީ 1.5 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.

comment ކޮމެންޓް