އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށްފި

އުރީދޫ މޯލްޑިވްސް ޕލކއަށް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރި ކަމުގެ ލިޔުން ހަވާލުކުރުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ ޓެލެކޮމް ކުންފުނި އުރީދޫ މޯލްޑިވްސް، ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓުކޮށްފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި، އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކުންފުންޏަށް ވަނީ، އެކުންފުނި ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ހިއްސާގެ ބާޒާރުގައި ލިސްޓުކުރި ކަމުގެ ސެޓްފިކޭޓް ހަވާލު ކޮށްފައެވެ.

މި ސެޓްފިކޭޓް އުރީދޫއާ ހަވާލުކުރެއްވީ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ޗެއާމަން އަލާއު އަލީއެވެ. އެ ސެޓްފިކޭޓާ ހަވާލުވެލެއްވީ، އުރީދޫގެ މައި ކުންފުނި އުރީދޫ ގްރޫޕުގެ ޗެއާމަން ޝައިޚް އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލް ޘާނީއެވެ.

މި ރަސްމިއްޔާތުގައި އުރީދޫ ވަނީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ރަސްމީކޮށް ލިސްޓު ވެސް ކޮށްފައެވެ.

އުރީދޫ ރާއްޖެއަށް ތައާރަފުވީ 2005 ވަނަ އަހަރު ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސްގެ ނަމުގައެވެ. ނަމަވެސް ވަތަނިއްޔާގެ ބެލެނިވެރި ކުންފުނި، ޤަތަރުގެ ކިއުޓެލް ގްރޫޕު "އުރީދޫ"ގެ ނަމަށް ރީބްރޭންޑް ކުރުމާ އެކު، ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ވަނީ 2013 ޑިސެމްބަރުގައި އުރީދޫ މޯލްޑިވްސްގެ ނަމަށް ރީބްރޭންޑް ކޮށްފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އުރީދޫ މޯލްޑިވްސް ޕލކގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އުރީދޫ ރާއްޖޭގައި އޮޕަރޭޓު ކުރަން ފެށިތާ މިހާރު 11 އަހަރު ވެފައިވާ އިރު، އުރީދޫއަށް ރާއްޖެއިން ވިޔަފާރީގެ ފައިދާ ކުރަންފެށީ ނުވަ އަހަރު ފަހުން، 2014 ވަނަ އަހަރު ކަމަށެވެ. އަދި ކޮންމެ އަހަރަކުން އަހަރަކަށް އުރީދޫގެ އާމްދަނީ ދަނީ 40 ޕަސަންޓަށް އިތުރުވަމުން ކަމަށް ވިކްރަމް ވިދާޅުވިއެވެ.

"2014 ވަނަ އަހަރު އަޅުގަނޑުމެންނަށް ފައިދާ ވާން ފަށައިފި. އާންމުކޮށް ޓެލެކޮމް ކުންފުނިތަކުން ވިޔަފާރީގެ ފައިދާއާ ހަމައަށް ދިއުމަށް ތިން ވަރަކަށް އަހަރު ނަގާ. އަޅުގަނޑުމެންނަށް އެކަން ވީ ނުވަ އަހަރުން. އަޅުގަނޑުމެން ދިޔައީ ފައިދާ ނުކުރިޔަސް ރާއްޖޭގައި އިންވެސްޓް ކުރަމުން. އެކަމުގެ ފައިދާ މިދިޔަ ދެ އަހަރު ވަރަށް ރީތިކޮށް ދައްކައިފި. މިދިޔަ ދެ އަހަރު އުރީދޫ މޯލްޑިވްސްގެ އާމްދަނީ އަހަރުން އަހަރަށް 40 ޕަސަންޓުން ދަނީ އިތުރުވަމުން،" އުރީދޫ މޯލްޑިވްސް ޕލކގެ ސީއީއޯ ވިދާޅުވިއެވެ.

ސީއީއޯ ވިކްރަމް ވިދާޅުވީ މިއަދު އުރީދޫ މޯލްޑިވްސް ޕލކ ވަނީ ދިވެހި ކުންފުންޏަކަށް ވެފައި ކަމަށެވެ. އަދި އުރީދޫގެ ބައިނަލްއަގުވާމީ ބްރޭންޑު ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓު ވެގެން ދިއުމަކީ ފަޚުރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އުރީދޫ ގްރޫޕުގެ ޗެއާމަން ޝައިޚް އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލް ޘާނީގެ އިތުރުން އެ ގްރޫޕުގެ ސީއީއޯ ޝައިޚް ސައުދު ބިން ނާސިރު އަލް ޘާނީގެ އިތުރުން، ރާއްޖޭގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް