އެމްޕީއެލް އަށް ތެޔޮ ސަޕްލައިކޮށްދިނުމުގައި މެރީޑިއަމް ސާވިސް އިން ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިވާކަމުގެ ރިޕޯޓެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރެފިނަމަ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރުކަމުން އިސްތިއުފާދެއްވާނެ ކަމަށް ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ އެމްޕީއެލް އަށް ތެޔޮ ސަޕްލައިކޮށްދިނުމުގައި މެރީޑިއަމް ސާވިސް އިން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެކަމާ ގުޅޭގޮތުން ތަހުގީގުންކުރާ ކޮންމެ ސުވާލަކަށް ޚަތިމުގައި އަތްލައި މާތްﷲ ގަންދީ ހުވާކޮށް ތެދުބަހުން ޖަވާބުދިނުމަށް އޭނާ އާއި މެރީޑިއަމްގެ ހުރިހާ މުވައްޒަފުން ތިބީ ތައްޔާރަށް ކަމަށެވެ.
"އަޅުގަނޑު މިވަރުގެ ކޮރަޕްޝަނެއް ހިންގާފަ އޮވެއްޖެއްޔާ. އެބުނާގޮތަށް އެކަން ހިނގާފަ އޮވެއްޖެއްޔާ އަޅުގަނޑުމެންގެ އިހުމާލުން، އަޅުގަނޑުމެން ސަޕްލައި ނުކުރާ އެއްޗަކަށް ކޮށްފަ އޮވެއްޖެކަމަށް ވަންޏާ އަޅުގަނޑު މިހިރަ މަގާމުން އެ ރިޕޯޓު ނެރޭ ދުވަހު އަޅުގަނޑު އިސްތިއުފާދޭނަން،" ރިޔާޒު ވިދާޅުވިއެވެ.
އެމްޕީއެލް އަށް ތެޔޮ ސަޕްލައިކޮށްދިނުމުގައި ކަން ހިނގާފައި އޮތީ އެކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވާގޮތަށްތޯ ބެލުމަށް މާދަމާ އެމްޕީއެލްގެ އޮފީހަށް ވަދެދިނުމަށް ރިޔާޒު މިރޭ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ގޮވާލައިފައެވެ.
"އަޅުގަނޑު މިއަދު މިތާ އިނދެ ގޮވާލަން، މާދަމާ އެމްޕީއެލްއަށް ވަދެދޭށޭ. މިހާތަނަށް މެރީޑިއަމް ސާވިސްއާ އެމްޕީއެލްއާ ދޭތެރޭ ހިނގާފަހުރި މުއާމަލާތުގައި ޖުނައިދު ވިދާޅުވާގޮތަށްތޯ އެކަން ހިނގާފަ އޮތީ ބަލައިދިނުމަށް. ބަލައި ވީހާވެސް އަވަހަކަށް ރައްޔިތުންނަށް މިކަމުގެ ހަގީގަތް ހާމަކޮށްދޭށޭ،" ރިޔާޒު ވިދާޅުވިއެވެ.
އެ މައްސަލަ ބަލައިދިނުމަށް އޭނާ މިރޭ ވަނީ ރައްޔިތުންގެ މަޖިލީހާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ވެސް ގޮވާލައިފައެވެ.
އެމްޕީއެލް އަށް ތެޔޮ ސަޕްލައިކޮށްދިނުމަށް މެރީޑިއަމް ސާވިސްއާ ދެވަނަ ފަހަރަށް ހަވާލުކޮށްފައި ވަނީ ބިޑުކުރުމެއް ނެތި ކަމަށް އެކުންފުނީގެ ސީއީއޯ ޖުނައިދު ވިދާޅުވެފައިވާތީ ރިޔާޒު މިރޭ ވަނީ އެވާހަކައަށް ރައްދު ދެއްވައިފައެވެ.
އޭނާ ވިދާޅުވީ އެމްޕީއެލް އަށް ތެޔޮ ސަޕްލައިކުރަން މެރީޑިއަމް ސާވިސް އަށް ލިބިފައި ވަނީ ބިޑު ޕްރޮސެސްއެއްގެ ތެރެއިން ކަމަށާއި އެ އެގްރީމެންޓުގެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ވަނީ މުއްދަތު އިތުރުކޮށްފައި ކަމަށެވެ.
އެގޮތަށް މުއްތަދު އިތުރުކޮށްފައި ވަނީ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައިވާ މާއްދާއެއްގެ ދަށުން ކަމަށާއި ކޮންޓްރެކްޓާ ބެހޭ ގާނޫނުގައި ވެސް އެކަން އޮންނަނީ އެގޮތަށް ކަމަށް ރިޔާޒު ވިދާޅުވިއެވެ.
"ބިޑުކޮށްގެން ބިޑު އުސޫލުން ލިބުނީ. އެގްރީމެންޓުގައި ބުނެފައި އެބައޮވޭ ދެފަރާތުން އެއްބަސްވެވޭނަމަ އިތުރު ކުރެވިދާނެއޭ. އެހެންވީމަ އެމާއްދާގެ ދަށުން އިތުރުކުރެވިގެން މި އެގްރީމެންޓު ކޮންޓިނިއުސްކޮށް ކުރިއަށްދަނީ. އެހެންވީމަ އެކަން ވެސް ކުރީ އެތަނުގެ ބޯޑުން ނުވަތަ އެކުންފުނިން ހިންގާފަ އޮތް މުއާމަލާތެއް މިއީ. ކޮންޓްރެކްޓާ ބެހޭ ގާނޫނުގައި ވެސް މިކަން އޮންނަނީ މިހެން. ދެފަރާތުގެ ދެމެދުގައި ވެވޭ އެގްރީމެންޓަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭ ދެ ފަރާތުން ވެސް،" ރިޔާޒު ވިދާޅުވިއެވެ.