ލަންކާގެ ކެޑޭޓް ކޭމްޕެއްގައި ބައިވެރިވާ ކެޑޭޓުންނާ އެޑިއުކޭޝަން މިނިސްޓަރު ބައްދަލުކުރައްވައިފި

ސްރީ ލަންކާގެ ނެޝަނަލް ކެޑޭޓް ކޯޕްސް އިން ބާއްވަމުން އަންނަ ހާމަން ލޫޒް ޓްރޮފީ ޗެލެންޖު ކޭމްޕުގައި ބައިވެރިވާ ދިވެހި ކެޑޭޓުންނާ އޮފިޝަލުންނާއެކު އެޑިއުކޭޝަން މިނިސްޓަރު --- ފޮޓޯ/ އެޑިއުކޭޝަން

ކޮންމެ އަހަރެއްގެ ވެސް އެންމެ މޮޅު ކެޑޭޓް ޕްލެޓޫން ހޮވައި އެވޯޑް ދިނުމަށް ސްރީ ލަންކާގެ ނެޝަނަލް ކެޑޭޓް ކޯޕްސް އިން ބާއްވަމުން އަންނަ ހާމަން ލޫޒް ޓްރޮފީ ޗެލެންޖު ކޭމްޕުގައި މިއަހަރު ރާއްޖޭގެ 10 ކެޑޭޓުން ބައިވެރިވާނެ އެވެ.

މިމަހުގެ 13 އިން 24 އަށް ލަންކާގެ ކޮލަންބޯ އަދި ރަންތަންބޭގައި ކުރިއަށްދާ އެ ކޭމްޕުގައި ރާއްޖޭން ބައިވެރިވާނީ އިސްކަންދަރު ސްކޫލާއި އަމީނިއްޔާ ސްކޫލާއި ތާޖުއްދީން ސްކޫލުގެ އިތުރުން ހއ. އަތޮޅު މަދަރުސާ އާއި ގދ. އަތޮޅު ތައުލީމީ މަރުކަޒާއި ފޭދޫ ސްކޫލު އަދި ހަމަދު ބިން ހަލީފާ އަލް ސާނީ ސްކޫލުގެ ދަރިވަރުންނެވެ.

ރާއްޖޭން ބައިވެރިވާ ކެޑޭޓުންގެ ތެރޭގައި ފަސް އަންހެން ކެޑޭޓުންނާއި ފަސް ފިރިހެން ކެޑޭޓުންގެ އިތުރުން ތިން އޮފިސަރުން ބައިވެރިވާނެ އެވެ. މިއީ މިކޭމްޕުގައި ރާއްޖޭގެ ގައުމީ ކެޑޭޓް ކޯގެ ކެޑޭޓުން ބައިވެރިވާ 10 ވަނަ ފަހަރެވެ.

ރާއްޖޭން ބައިވެރިވާ ކެޑޭޓުންނާ އެޑިއުކޭޝަން މިނިސްޓަރު މިއަދު ވަނީ ބައްދަލުކުރައްވާފަ އެވެ.

ކެސްރީ ލަންކާގެ ނެޝަނަލް ކެޑޭޓް ކޯޕްސް އިން ބާއްވަމުން އަންނަ ހާމަން ލޫޒް ޓްރޮފީ ޗެލެންޖު ކޭމްޕުގައި ބައިވެރިވާ ދިވެހި ކެޑޭޓުންނާ އޮފިޝަލުންނާއެކު އެޑިއުކޭޝަން މިނިސްޓަރު މިއަދު ބައްދަލުކުރައްވަނީ --- ފޮޓޯ/ އެޑިއުކޭޝަން

އެ ދަރިވަރުންނާ ބައްދަލުކުރައްވާ މިނިސްޓަރު ވަނީ ކެޑޭޓް ފަދަ ސްކޫލް ތަކުގައި ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރުންނަކީ ސްކޫލް ދައުރު ނިމޭއިރު ރިވެތި އާދަތަކާއި އެކު ދިރިއުޅުމަށް ތައްޔާރުވެފައި ހުންނަ ދަރިވަރުން ކަން ފާހަގަ ކުރައްވާފަ އެވެ. އަދި ސްކޫލްތަކުގައި ހިންގާ އިތުރު ހަރަކާތްތަކުގެ ފައިދާ ސްކޫލްތަކުގެ ކުރި އެރުމަށާއި މުޅި މުޖުތަމައު އަށް އެދެވޭ ގޮތެއްގައި ކުރާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، ކޭމްޕްގައި ބައިވެރިވާ ދިވެހި ކެޑޭޓުންނަކީ ނަމޫނާ ކުދި ބަޔަކަށްވެ ދަތުރުން ލިބޭ ތަޖުރިބާގެ ބޭނުން ހިފުމަށް ދަރިވަރުންނަށް މިނިސްޓަރު ޑރ. އައިޝަތު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ ކޭމްޕަށް ކެޑޭޓުން ހޮވާފައިވަނީ ގްރޭޑް 8 ނުވަތަ 9 ގައި ތައުލީމް ހާސިލްކުރަމުން އަންނަ ކެޑޭޓުންގެ ތެރެއިން ލާންސް ކޯޕްރަލްއަށް ވުރެ މަތީ ރޭންކެއްގައި ހުރި ދަރިވަރުންނެވެ.

އަދި އެ ދަރިވަރުންގެ ތެރެއިން ވެސް އަހްލާގް ރަނގަޅު، އިނގިރޭސި ބަހުން ރަނގަޅަށް ވާހަކަދައްކަން ދަންނަ ދިވެހި ތާރީހާއި ދިވެހި ކެޑޭޓުންގެ ތާރީހްގެ މައުލޫމާތު ހުރި އަދި ދުޅަހެޔޮ ސިއްހަތު ރަނގަޅު ކެޑޭޓުންނަށް އިސްކަންދީފައިވެ އެވެ.

ކެސްރީ ލަންކާގެ ނެޝަނަލް ކެޑޭޓް ކޯޕްސް އިން ބާއްވަމުން އަންނަ ހާމަން ލޫޒް ޓްރޮފީ ޗެލެންޖު ކޭމްޕުގައި ބައިވެރިވާ ދިވެހި ކެޑޭޓުންނާ އޮފިޝަލުންނާއެކު އެޑިއުކޭޝަން މިނިސްޓަރު މިއަދު ބައްދަލުކުރައްވަނީ --- ފޮޓޯ/ އެޑިއުކޭޝަން

ދަތުރުގައި ބައިވެރިވާ ކެޑޭޓުން ސްރީލަންކާގެ އަސްކަރިއްޔާގެ މުހިއްމުތަންތަނަށް ޒިޔާރަތްކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން ސްރީލަންކާ އާމީ ހެޑްކުއާޓާޒް، ސްރީލަންކާ ނޭވީ ހެޑްކުއާޓާޒް، ސްރީލަންކާ އެއާ ފޯސް ހެޑްކުއާޓާޒް، ސްރީލަންކާ މިލިޓަރީ އެކަޑަމީގެ އިތުރުން ސްރީލަންކާގެ ގައުމީ ކެޑޭޓް ކޯގެ ޓްރެއިނިން ސެންޓަރަށާއި ސްރީލަންކާ މިލިޓަރީ އެކަޑަމީ އާއި ޖެނެރަލް ސާ ޖޯން ކޮޓިލާވާ ޑިފެންސް ޔުނިވާސިޓީއަށް ޒިޔާރަތްކޮށް އެތަންތަނުގެ އިސްވެރިންނާ ބައްދަލުކުރާނެ އެވެ.

މީގެ 99 ވަނަ އަހަރުކުރިން ފެށިގެން ބާއްވަމުން އަންނަ ސްރީ ލަންކާގެ ނެޝަނަލް ކެޑޭޓް ކޯޕްސް އިން ބާއްވަމުން އަންނަ ހާމަން ލޫޒް ޓްރޮފީ ޗެލެންޖު ކޭމްޕުގައި ސްރީލަންކާގެ އެކިކަންކޮޅުތަކުގެ ކެޑޭޓުންގެ އިތުރުން ސާކް ގައުމުތަކުގެ ތެރެއިން ދައުވަތު ދީގެން ބައިވެރިވާ ގައުމުތަކުގެ ކެޑޭޓުން ހިމެނެ އެވެ.

އެގޮތުން މިދިޔަ އަހަރުގެ ކޭމްޕުގައި ސްރީ ލަންކާގެ 61 ޕުލެޓޫން އަކުން 1500 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއިރު، ބޭރުގައުމުތަކުން 55 ކެޑޭޓުން ބައިވެރިވި އެވެ. މިދިޔަ އަހަރުގެ ކޭމްޕުގައި ވެސް ރާއްޖޭގެ ކެޑޭޓުން ބައިވެރިވި އެވެ.

comment ކޮމެންޓް