ރާއްޖެ-ތައިލެންޑް ޓްރޭޑު ކޮމިޓީގެ ބައްދަލުވުން މިހަފްތާގައި ރާއްޖޭގައި

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޑިވެލޮޕްމެންޓް ކޮންސަލްޓަންޓް ނުހާ ރިޒާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތައިލެންޑާ ރާއްޖެއާ ދެމެދު އުފައްދާފައިވާ ޖޮއިންޓް ޓްރޭޑް ކޮމިޓީގެ ދެވަނަ ބައްދަލުވުން، މި ހަފްތާގައި ރާއްޖޭގައި ބާއްވާނެއެވެ.

ތައިލެންޑުގެ ކޮމާސް މިނިސްޓަރު އަޕިރާދީ ޓަންޓްރަޕޯން ބުދަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރާ އެކު، ތައިލެންޑުގެ 30 ވިޔަފާރިވެރިންގެ ވަފުދެއް ވެސް ރާއްޖެ އަންނާނެއެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ މިނިސްޓްރީގެ ބިޒްނަސް ޑިވެލޮޕްމެންޓް ކޮންސަލްޓަންޓް ނުހާ ރިޒާ ވިދާޅުވީ ތައިލެންޑްގެ މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ، 2013 ވަނަ އަހަރު ރާއްޖެއާ ތައިލެންޑާ ދެމެދު ވެވިފައިވާ ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

ދެހާސް ތޭރަވަނަ އަހަރު ތައިލެންޑާ ރާއްޖެއާ ދެމެދު އެގްރިމެންޓް އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަންގެ ދަށުން، ދެގައުމުގެ ދެމެދުގައި ޖޮއިންޓް ޓްރޭޑް ކޮމިޓީގެ ނަމުގައި ވަނީ ޚާއްސަ ކޮމިޓީއެއް އުފައްދައިފައެވެ. އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން، އެ އަހަރު ތައިލެންޑުގައި ބާއްވާފައިވެއެވެ.

ނުހާ ވިދާޅުވި ގޮތުގައި، ތައިލެންޑްގެ މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ އެ ކޮމިޓީގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.

"މަޝްވަރާ ކުރެވޭ ކަންކަމުގެ ތެރޭގައި އިންވެސްޓްމެންޓުގެ ފުރުސަތުތައް ތައިލެންޑުގެ ވިޔަފާރިތަކަށް އިތުރަށް ހުޅުވާލައި، އެކަންކަމުގެ މައުލޫމާތު ހިއްސާ ކުރުން. ތައިލެންޑަކީ ރާއްޖޭގެ ވިޔަފާރީގެ ވަރަށް ބޮޑު ޕާޓްނަރެއް. އެހެންކަމުން އިމްޕޯޓު އެކްސްޕޯޓު ވިޔަފާރީގައި މިހާރުވެސް ދިމާވާ ދަތިތަކަށް ހައްލުތަކެއް ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރެވިގެން ދާނެ،" ނުހާ ވިދާޅުވިއެވެ.

ރާއްޖެއާ ތައިލެންޑުގެ ޖޮއިންޓް ޓްރޭޑު ކޮމިޓީ ބައްދަލުވުމުގެ ދެ ބައެއް ކުރިޔަށް ދާނެއެވެ. ފުރަތަމަ ބަޔަކީ ދެގައުމުގެ ވިޔަފާރީގެ ސީނިއާ އޮފިޝަލުންގެ ބައްދަލުވުމެވެ. އެ ބައްދަލުވުން ކުރިޔަށް ދާނީ ބުދަ ދުވަހުއެވެ. ބައްދަލުވުމުގެ ދެވަނަ ބައި ކަމުގައިވާ، މިނިސްޓީރިއަލް ލެވެލްގެ ބައްދަލުވުން އޮންނާނީ ބުރާސްފަތި ދުވަހުއެވެ. އެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ތައިލެންޑުގެ ކޮމާސް މިނިސްޓަރު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މި އަހަރުގެ ކުރީކޮޅު ވަނީ ތައިލެންޑަށް ދަތުރުފުޅެއް ކުރައްވައިފައެވެ. އެ ދަތުރުފުޅުގައި ތައިލެންޑުގެ ބޮޑުވަޒީރު ޖެނެރަލް ޕްރާޔުތު ޗަން އޮޗާއާ ރައީސް ޔާމީން ބައްދަލުކުރެއްވި އިރު، ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ އިތުރުން އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

comment ކޮމެންޓް