އެމްއެންޔޫއެސްޔޫގެ ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ޔުނިވާސިޓީގެ ބިޒްނަސް ސްކޫލް ހޯދައިފި

އެމްއެންޔޫއެސްޔޫގެ ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ހޯދި ޔުނިވާސިޓީގެ ބިޒްނަސް ސްކޫލުގެ ކުޅުންތެރިންނާއެކު އޮފިޝަލުން --- ފޮޓޯ/ އެމްއެންޔޫއެސްޔޫ

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުން (އެމްއެންޔޫއެސްޔޫ) އިން ރާއްޖޭގެ ކޮލެޖް ޔުނިވާސިޓީ އަދި ހައި ސްކޫލްތަކަށް އަމާޒުކޮށްގެން ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ބިޒްނަސް ސްކޫލުން ހޯދައިފި އެވެ.

"ލިޓަސް އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ" ގެ ނަމުގައި ރާއްޖޭގެ ކޮލެޖް/ ޔުނިވާސިޓީ އަދި ހައި ސްކޫލްތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ތަށި އެމްއެންޔޫގެ ބިޒްނަސް ސްކޫލް ހޯދީ އެ މުބާރާތުގެ ފައިނަލުގައި ރޭ ސައިރިކްސް ކޮލެޖާ ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ.

މިއީ އެމްއެންޔޫގެ ބިޒްނަސް ސްކޫލުން އެ މުބާރާތް ކާމިޔާބު ކުރި ތިން ވަނަ ފަހަރެވެ. އެ ފެކަލްޓީން ވަނީ އެ މުބާރާތް ބޭއްވި ފުރަތަމަ އަހަރު، 2013 ވަނަ އަހަރާއި 2014 ވަނަ އަހަރު ވެސް އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެމްއެންޔޫގެ ބިޒްނަސް ސްކޫލަށް ތައްޓާއި އެވޯޑްތައް ހަވާލުކޮށްދެއްވީ ރޭގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.

އަދި މުބާރާތުގެ ރަނަރަޕް ޓީމަކަށް ހޮވުނު ސައިރިކްސް ކޮލެޖަށް ތަށި ހަވާލުކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ފަވާޒު ޝަރީފެވެ.

މީގެ އިތުރުން ގައުމީ ޔުނިވާސިޓީގެ 10 ފެކަލްޓީ އަކާއި ރާއްޖޭގެ ކޮލެޖް/ ޔުނިވާސިޓީ އަދި ހައި ސްކޫލްތަކުން 10 ޓީމު ބައިވެރިވި އެ މުބާރާތުގެ ނިމުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި މުބާރާތުގެ އެކިވަނަތަކަށް ހޮވުނު ޓީމުތަކަށާއި ކުޅުންތެރިންނަށް އިނާމާއި ހަނދާނީ ލިޔުން ވަނީ ދީފަ އެވެ.

އެގޮތުން މުބާރާތުގެ ފެއާޕުލޭ ޓީމަކަށް ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް (އެފްއެޗްޓީއެސް) އަށް ލިބުނުއިރު، ބެސްޓް ސަޕޯޓިން ފަރާތަކަށް ހޮވުނީ މުބާރާތުގެ ރަނަރަޕްކަން ހޯދި ސައިރިކްސް ކޮލެޖުގެ ސަޕޯޓަރުންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއެންޔޫ ބިޒްނަސް ސްކޫލުގެ މާލިކް އަބްދުލް ގަފޫރެވެ. އަދި ޓޮޕް ސްކޯރާގެ މަގާމް މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އައިރޫން އަހުމަދު ރަޝީދު ހޯދިއިރު އެންމެ ކާމިޔާބު ކޯޗު އެމްއެންޔޫ ބިޒްނަސް ސްކޫލުގެ އަލީ ޝަރީފެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އެމްއެންޔޫ ބިޒްނަސް ސްކޫލުގެ މާލިކް އަބްދުލް ގަފޫރާއި އިބްރާހިމް ނައީމް އާއި އަބްދުﷲ އަމްޖަދުގެ އިތުރުން ސައިރިކްސް ކޮލެޖުގެ މުހައްމަދު އަމްޖަދު އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޔާސިރު މުހައްމަދެވެ.

comment ކޮމެންޓް