ތައިލެންޑުގެ ބެންކޮކްގައި މިހާރު ކުރިއަށްދާ 12 ވަނަ އޭޝިއަން އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖޭގެ ގައުމީ ފެތުމުގެ ޓީމު ފަޚުރުވެރިކަމާއެކު ބައިވެރިވެއްޖެއެވެ.
މި ހިނގާ ޖުލައި މަހުގެ 17 އިން 25 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ފިރިހެން އަދި އަންހެން ބައި ހިމެނޭހެން ބޮޑު ސްކޮޑެއް ވަނީ ނެރެފައެވެ.
ގައުމީ ޓީމުގައި ހިމެނޭ ފިރިހެން ފެތުންތެރިންނަކީ އަޒާން އަޒްމީލް ލަތީފް، ދާނިޔަލް އަމީން ފައިސަލް، އިބްރާހިމް ޖޫދު ހުސައިން، އިސްމާއިލް އަޖްމަލް މޫސާ ޒަމީރު، އިޒްޔާން ނާޒިމް، ލޫތު މުހައްމަދު ހުސައިން، މަކީން އަހްމަދު ޝަކީބު، އައިމަން މޫސާ ރަޝީދު، އިބްރާހިމް ޔުއާން ޝަމީމް، މުހައްމަދު އާއިޝް ސިނާން، ޔާސީން މުހައްމަދު ޔޫސުފް، އިސްމާއިލް ހާމް ހުސައިން، މުހައްމަދު ރާހިން ޔޫނުސް، ޒާކިން އަޝްރަފް ރަޝީދު، މުހައްމަދު އަލްޔާން ޝިފާން އަދި އަލްފީ ސަމާހް ހަލީމް އެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރާ ހުނަރުވެރި އަންހެން ފެތުންތެރިންގެ ތެރޭގައި ހިމެނެނީ ދާލިއާ އައިދާ ލަތީފް، މަރިޔަމް އަގްސާ އަސަދު ހަނީފް، މަރިޔަމް އައިރާ ޝިރްނީލް، ސާރާ މުހައްމަދު، ސާރާ އަހްމަދު ސައީދު، މަލައިކާ ލިންޑާ އިމްރާން، އަލްޔާ އަޝްރަފް، އަޔާނާ އަރީފް، އައިޝާ ޒާޔާ ހުސައިން، ފާތިމަތު އަންޖަލް ފަޔާޒް، އައިޝަތު އަލީނާ ޝާހިދު އަދި އަލައިޔާ ޝަހުދީ އަންވަރެވެ.
މި ފެތުންތެރިންގެ އިތުރުން ޓީމުގެ ފަހަތުގައި ވަރުގަދަ އޮފިޝަލުންގެ ޓީމެއް ވެސް ހަރަކާތްތެރިވެއެވެ. އެގޮތުން ޓީމުގެ މެނޭޖަރެއްގެ ގޮތުގައި މުހައްމަދު ވިޝާމް ހަމަޖައްސާފައިވާއިރު، އެސިސްޓެންޓް މެނޭޖަރަކީ ޚަދީޖާ އީސާފުޅެވެ. އަދި ފެތުންތެރިންނަށް ފަންނީ އިރުޝާދު ދިނުމުގައި އިސްކޮށް ތިއްބެވީ ކޯޗުން ކަމަށްވާ އަބްދުލް އަލީމް އަބްދުއްރަހްމާން، މުހައްމަދު ސަމީރު އަދި މުހައްމަދު ޖައުފަރެވެ.
އޭޝިއާ ސަރަހައްދުގެ އެންމެ މޮޅު ޒުވާން އެތުލީޓުން ވާދަކުރާ މި މުބާރާތަކީ ދިވެހި ފެތުންތެރިންނަށް ބައިނަލްއަގުވާމީ ބޮޑު ތަޖުރިބާއެއް ލިބި، ގައުމީ ރެކޯޑުތައް އާކުރުމަށް ލިބޭނެ ރަނގަޅު ފުރުސަތެއްގެ ގޮތުގައި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ދެކެއެވެ.