ސަޓާ އެވޯޑުގެ އޮންލައިން ވޯޓިން ބަންދުކޮށް، އެވޯޑްތަކަށް ފަނޑިޔާރުކަން ކުރުމަށް ތައްޔާރުވެއްޖެ

އަނަންތަރާ ކިހަވައް ރިސޯޓުގައި ހުއްނަ މޫދު އަޑީގެ ރެސްޓޯރެންޓު

ދެކުނު އޭޝިއާ ސަރަހައްދަށް ޚާއްސަކޮށްގެން ބާއްވާ ފަތުރުވެރިކަމުގެ އެންމެ ޝަރަފްވެރި އެވޯޑް ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އަށް އޮންލައިން ކޮށް ވޯޓުދޭން ހުޅުވާލި މުއްދަތު ނިމި، ފަނޑިޔާރުކަންކުރަން ތައްޔާރުވެއްޖެއެވެ.

ސްރީ ލަންކާ ވިޔަފާރިވެރިންގެ ޖަމިއްޔާ، ކޮލަންބޯ ޗެމްބާ އޮފް ކޮމާސް އާ ގުޅިގެން މިއަހަރު ބާއްވާ އެ އެވޯޑްސް 10 ސެގްމަންޓަކުން 39 ކެޓަގަރީ އަކުން އެވޯޑް ދޭން ނިންމާފައިވާ އިރު، އެވޯޑަށް 273 ފަރާތްތަކުން ނޮމިނޭޓްވިއެވެ.

ސަޓާ އަށް ނޮމިނޭޓް ކޮށްފައިވާ މަޝްހޫރު ހޮޓެލް ޗެއިންތަކުގެ ތެރޭގައި ހައިޑަރޭ އާއި ޖުމެއިރާ، ޕާކް ހަޔަޓް، ކޮކޯ ކަލެކްޝަން، ވިލާ ގްރޫޕް، ސަން ސިޔާމް، އަދާރަން، ކޮންސްޓެންޓް، އެޓިކަން ސެޕްންސް އާއި ލީލާ ގްރޫޕުގެ އިތުރުން ކިންގްބެރީ، ތާޖް ސަމުންދްރާ، ކާސާ ކަލެކްޝަންފަދަ އެތައް ބްރޭންޑެއް ހިމެނެއެވެ.

އެވޯޑް ދިނުމުގައި އޮންލައިންކޮށް ވޯޓު ދިނުމަށް ފުރުސަތު ހުޅުވާލައި، އޮންލައިންކޮށް ލިބޭ ވޯޓުގެ 50 ޕަސެންޓާއި ތަޖުރިބާކާރު ފަނޑިޔާރުންގެ ޓީމަކުން ފަނޑިޔާރުކަންކޮށް ބާކީ 50 ޕަސެންޓް މާކްސް ދޭނެއެވެ.

އެގޮތުން، ނޮމިނޭޓްވި ފަރާތްތަކަށް އޮންލައިންކޮށް ވޯޓު ދިނުމަށް މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ހުޅުވާލި ފުރުސަތު ރޭގެ ނިޔަލަށް ވަނީ ހަމަވެފައެވެ. ދެން ކުރިއަށްދާނީ ނޮމިނޭޓްވި ފަރާތްތަކަށް ފަނޑިޔާރުކަންކުރުމެވެ.

ރާއްޖޭގެ ތަޖުރިބާކާރު އިވެންޓްސް މެނޭޖްމަންޓް ކުންފުނި، ހައިރައިޒް އިން އިންތިޒާމްކުރާ މިއަހަރުގެ ސަޓާ އެވޯޑާ ގުޅޭގޮތުން އެ ކުންފުނީގެ ޑިރެކްޓަރު އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ވިދާޅުވީ، އެވޯޑުގެ ނޮމިނީސްއަށް ފަނޑިޔާރުކަން ކުރާނީ ރާއްޖެއާއި އިންޑިއާ އަދި ސްރީ ލަންކާގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންގެ ޕެނަލަކުން ކަމަށެވެ.

އެގޮތުން، ކޮންމެ ގައުމަކުން ވެސް އެވޯޑަށް ނޮމިނޭޓްވެފައިވާ ފަރާތްތަކުގެ ފަނޑިޔާރުކަން އެގައުމެއްގައި ކުރާއިރު، ފަނޑިޔާރުކަން މިމަހުގެ 18 ވަނަ ދުވަހު ފަށާނެ ކަމަށް އިއްސެ ވިދާޅުވިއެވެ.

ފަނޑިޔާރުކަން ކުރުމަށްފަހު އަންނަ ނޮވެމްބަރު މަހުގެ ފަހުކޮޅު ލަންކާގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި އެ ފަރާތްތަކަށް އެވޯޑް ކުރެވިގެންދާނެއެވެ.

މިއަހަރުގެ ސަޓާ އެވޯޑުގެ ގިނަ ކެޓަގަރީތަކަށް ރާއްޖޭގެ ގިނަ ފަރާތްތަކަކުން ވަނީ ނޮމިނޭޓްވެފައެވެ. އެގޮތުން ސަޓާ އެވޯޑުގެ ވިޒިޓާސް ޗޮއިސްގެ ނުވަ ކެޓަގަރީން އަށް ކެޓަގަރީ އަކަށް ރާއްޖެ ނޮމިނޭޓް ވެފައިވާ އިރު، ސެލްފް ނޮމިނޭޓެޑް ކެޓަގަރީގައި ހިމެނޭ 30 ކެޓަގަރީ އަކުން ރާއްޖޭގެ 140 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ނޮމިނޭޓްވެފައެވެ.

ސަރަހައްދުގެ ބޮޑެތި ޖަމިއްޔާތައް ކަމަށްވާ ފެޑަރޭޝަން އޮފް ޗެމްބާ އޮފް ކޮމާސް އިން ލަންކާ އާއި ކޮންފެޑަރޭޝަން އޮފް ކްރެޑިޓެޑް ޓުއާ އޮޕަރޭޓާސް (ކެޓޯ) އިންޑިޔާ، އިން ބަލައިގެންފައިވާ ސަޓާ އެވޯޑުގެ ޕާޓްނަރުންގެ ގޮތުގައި ރާއްޖޭގެ އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) އާއި ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ބައިވެރިވެއެވެ.

މީގެ އިތުރުން، އިންޑިޔާގެ، އެސޯސިއޭޝަން އޮފް ޓޫރިޒަމް ޓްރޭޑް އޮގަނައިޒޭޝަން (އޭޓީޓީއޯއައި) އާއި ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާސް ކްލަބް (ކޭއެޗްޖީއެމްސީ) ގެ އިތުރުން، އިންޑިޔާގެ ތިންވަނަ އަށް އެންމެ ބޮޑު ޓޫރިޒަމް ޖަމިއްޔާ އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލް އިން ޓޫރިޒަމް (އޭޕީޓީ، އިންޑިޔާ) ބައިވެރިވެއެވެ.

comment ކޮމެންޓް