ގަން އެއާޕޯޓުގެ ރަންވޭއާ އެކު އުންމީދުތައް ވެސް ބޮޑުކޮށްފި!

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭއަށް އިތުރުކުރި ބައި --

ރާއްޖެއިން އިނގިރޭސީން ފައިބައިގެން ދިޔަ އިރު، އެގައުމުގެ ރޯޔަލް އެއާފޯސްއިން އައްޑޫ އަތޮޅުގެ ގަމުގައި ހިންގަމުން އައި އެއާބޭސް ދިވެހި ސަރުކާރާ ހަވާލުކުރިއެވެ. އެތަން އެންމެ ފުރަތަމަ ބޭނުންކުރީ ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައެވެ. އެއަށްފަހު، އިންޓަނޭޝާނަލް ފެންވަރަށް ގަން އެއާޕޯޓު އަޕްގްރޭޑް ކޮށް، އެތަން "ގަން އިންޓަނޭޝާނަލް އެއާޕޯޓު"އަށް ހެދިއެވެ.

އެއަށް ފަހު އެކި އަހަރު މަތިން އެކި ކަހަލަ ބަދަލުތައް ގަން އެއާޕޯޓަށް ގެނެވުނު ނަމަވެސް، މިހާރު އެތަނުގައި ކުރިޔަށްދާ މަޝްރޫޢުހާ ވަރުގަދަ މަސައްކަތެއް މިހާތަނަށް ކުރެވިފައެއް ނުވާނެއެވެ.

ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ އެންމެ މައިގަނޑު މަސައްކަތަކީ އެ އެއާޕޯޓުގައި އޮތް 2،650 މީޓަރުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝާނަލް އެއާޕޯޓުގެ ރަންވޭގެ ބޮޑުމިނަކީ 3،200 މީޓަރެވެ. ފުޅާމިނަކީ 45 މީޓަރެވެ. އެހެން ނަމަވެސް ގަން އެއާޕޯޓުގެ ރަންވޭ އެއަށް ވުރެ ބޮޑުކޮށްފިއެވެ. އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން ގަން އެއާޕޯޓުގެ ރަންވޭ ވަނީ 3،400 މީޓަރަށް ދިގު ކޮށްލައިފައެވެ. އަދި ރަންވޭގެ ދެކޮޅުން 7.5 މީޓަރު އިތުރުކޮށް، 60 މީޓަރަށް ފުޅާމިން ވެސް ދަމާލީއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްތިޝާމާ އަހްމަދު ސައީދު --

ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ ޖެނެރަލް މެނޭޖަރ އިބްތިޝާމާ އަހްމަދު ސައީދު "ސަން"އާ ހިއްސާ ކުރެއްވި ގޮތުގައި، ގަން އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަށްޓަކައި 960 ވަރަކަށް މީޓަރުގެ ސަރަހައްދު ހިއްކާފައިވެއެވެ.

"ރަންވޭ ބޮޑުކުރުމުގެ ހުރިހާ މަސައްކަތެއް ފުރިހަމަ ކޮށްފައިވަނީ. ކޮންޓްރެކްޓަރުން ވަނީ މަސައްކަތް ފުރިހަމަކުރި ކަމުގެ ލިޔުންތައް ވެސް ހަވާލުކޮށްފައި. ރަންވޭގައި 3،400 މީޓަރު ހުރިތޯ އަޅުގަނޑުމެންގެ އިންޖިނިއަރުން ރަނގަޅަށް ބަލާނެ،" އިބްތިޝާމާ ވިދާޅުވިއެވެ.

ގަން އެއާޕޯޓުގެ އޮޕަރޭޝަންތައް މިވަގުތުވެސް ހިންގަން ޖެހޭތީ، ރަންވޭގެ 2،020 މީޓަރު މިހާރުވެސް ދަނީ ބޭނުން ކުރެވެމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުން ބޮއިންގް 757 މަރުކާގެ ބޯޓުތަކަށާއި އެއާބަސް އޭ320 އަދި އޭ321 މަރުކާގެ ބޯޓުތަކަށް ޚިދުމަތް ދޭ އިރު، ރަންވޭ ބޮޑުކުރުމުގެ ސަބަބުން އެއަށް ވުރެ ބޮޑެތި ބޯޓުތަކަށް ޚިދުމަތް ދެވޭނެއެވެ.

އެގޮތުން ބޮއިންގް 747 އާއި ބޮއިންގް 777ގެ ބޯޓުތަކާއި، އެއާބަސް އޭ330 އަދި އޭ340 ފަދަ ވައިޑް ބޮޑީ އެއާކްރާފްޓުތަކަށް ގަން އެއާޕޯޓަށް ޖެއްސޭނެ ކަމަށް އިބްތިޝާމާ ވިދާޅުވިއެވެ.

މިއާ އެކު ގަން އެއާޕޯޓަށް ލިބެނީ އާ މާކެޓެކެވެ. ގިނަ ފްލައިޓުތަކަށް އެތަނަށް ޖެއްސޭނެއެވެ. ޑޮމެސްޓިކް ފްލައިޓުތަކުގެ އިތުރުން، ބައިނަލްއަގުވާމީ އެއާލައިންތަކުންވެސް ގަމަށް އާދެވޭނެއެވެ.

މިހާރުވެސް ގަން އިންޓަނޭޝާނަލް އެއާޕޯޓަށް ބައިނަލްއަގުވާމީ ޝެޑިއުލްޑް ދަތުރުތައް ފެށުމަށް މަސައްކަތްތަކެއް ކުރެވެމުންދެއެވެ. އެގޮތުން ސްރީލަންކަން އެއާލައިންސްއިން ކޮލޮމްބޯއާ ގަމާ ދެމެދު ހަފްތާއަކު ހަތަރު ފްލައިޓު ބޭއްވުމުގެ ކާމިޔާބު މަޝްވަރާތަކެއް ހިނގާފައިވާ އިރު، "ސަން"އަށް އެނގިފައިވާ ގޮތުން ސިވިލް އޭވިއޭޝަން ޑިޕާޓްމެންޓުގެ ހުއްދަ ލިބުނުހާ އަވަހަކަށް އެ ދަތުރުތައް ފަށާނެއެވެ.

ކޮންމެ އަހަރެއްގައި ވެސް ވިލާތަށް ފިނި މޫސުން އަންނަ ދުވަސްވަރު، ޑެންމާކުން ގަމަށް ޝެޑިއުލްޑް ޗާޓަރު ދަތުރުތަކެއް ކުރުމަށް އެއްބަސް ވެވިފައިވާ އިރު އޭއައިއޭގެ ޖެނެރަލް މެނޭޖަރ އިބްތިޝާމާ ވިދާޅުވީ މިއަހަރުގެ ނޮވެމްބަރުން ފެށިގެން އެ ޗާޓަރު ދަތުރުތައް ކުރިޔަށް ދާނެ ކަމަށެވެ.

މީގެ އިތުރުންވެސް ޝެޑިއުލްޑް އަދި ޗާޓަރު އޮޕަރޭޝަންތަކާއި، އޭޝިއާއާއި ވިލާތުން އެއާ ޓްރެފިކް ގަމަށް ގެނައުމަށް އަމާޒު ކުރާ ކަމަށްވެސް އިބްތިޝާމާ ވިދާޅުވިއެވެ.

ސައިޒު ބޮޑުކޮށް ރަންވޭއަށާއި މުޅި އިންފްރާސްޓްރަކްޗާއަށް ބޮޑުބަދަލެއް ގެނެސް، ތަރައްގީގެ މަގުގައި ކުރިއަށް އަޅަމުންދާ ފިޔަވަޅުތަކާއެކު ގަން އެއާޕޯޓުން މިއަދު ފެންނަނީ އުންމީދީ ކުލަވަރުތަކެވެ.

މިއީ ހަމައެކަނި ގަން އެއާޕޯޓަށް ލިބޭ ކުރިއެރުމެއް ނޫނެވެ. ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ، އައްޑޫ ސިޓީއަށްވެސް ލިބޭ ކުރިއެރުމެކެވެ. ގަން އެއާޕޯޓުގެ މި އުންމީދީ މަޝްރޫއާއެކު މުޅި އައްޑޫސިޓީގެ ރައްޔިތުންނާއި ވިޔަފާރިތަކަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. މުޅި ގައުމުގެ އިގްތިޞާދަށް މިކަމުގެ ލާބައާއި މަންފާކުރާނެއެވެ. ގައުމަށް މިވަގުތު ބޭނުންވަނީ ތަރައްގީގެ މިފަދަ ބިޔަ މަޝްރޫއުތަކެވެ.

comment ކޮމެންޓް