ދައުވާކުރި ހަވީރު މުވައްޒަފުން ހާޒިރުނުވެގެން ހައިކޯޓުން މައްސަލަ ބާތިލުކޮށްފި

ހަވީރު ނޫހުގެ އެޑިޓަރު މޫސާ ލަތީފް އަދި މިހާރު ނޫހުގެ އެޑިޓަރު އިސްމާއިލް ނަސީރު -- ސަންފައިލް ފޮޓޯ

ހަވީރުގައި މަސައްކަތް ކުރި ބައެއް މުވައްޒަފުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ މުވައްޒަފުން ހާޒިރު ނުވެގެން ބާތިލުކޮށްފި އެވެ.

ހިއްސާދާރުންގެ މެދުގައި މައްސަލަ ޖެހިގެން ހުއްޓާލާފައިވާ ހަވީރު ނޫހުގެ މުވައްޒަފުން ދެ އަހަރުވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށާއި ކުރާ ނަމަ ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީގެ މައްޗަށް އަންގައި ކުރި ހުކުމް ހަވީރުގައި މަސައްކަތް ކުރި ހަ މުވައްޒަފެއްގެ ފަރާތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފަ އެވެ.

އެ މައްސަލާގައި މިއަދު 9:15 އަށް ތާވަލުކުރި އަޑުއެހުމަށް މުވައްޒަފުންގެ ފަރާތުން މީގެ ކުރިން ހާޒިރުވި ވަކީލު ހުސްނުއްސުއޫދު ހާޒިރުވެފައި ނުވާތީ ހައި ކޯޓުން ވަނީ މައްސަލަ ބާތިލުކޮށް ދައުވާ ރައްދުވާ ފަރާތައް ވެސް އަންގައިފަ އެވެ. މައްސަލާގައި ދައުވާ ރައްދުވަނީ ހަވީރުގެ ތިން ހިއްސާދާރުން ކަމަށްވާ އަބްދުﷲ ފާރޫގު ހަސަނާއި އިބްރާހީމް ރަޝީދު މޫސާ އާއި މުހައްމަދު ނައީމް އަށެވެ.

ހައިކޯޓު ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ)

  • ހައިކޯޓުން ބަލާ ކޮންމެ ޤަޒިއްޔާއެއްގައި ވެސް އެ ޤަޒިއްޔާ ބެލުމަށް ހައިކޯޓުން ކަނޑައަޅާ ތާރީހާއި ގަޑިއަށް މަގުބޫލު އުޒުރެއްނެތި ދައުވާ ކުރާ ފަރާތް ނުވަތަ މިގަވާއިދުގައިވާ ގޮތުގެ މަތިން އޭނާގެ ބަދަލުގައި ފޮނުވާ މީހަކު ހާޒިރު ނުވެއްޖެ ނަމަ ދައުވާ ފޯމު ބާތިލު ކުރެވޭނެ އެވެ.

މީގެ ކުރިން އެމައްސަލާގައި ބޭއްވި އަޑުއެހުމުގައި ހަވީރާ އެކު މުވައްޒަފުން ވެފައިވާ އެއްބަސްވުން ބެލުމަށް ފަހު އެއާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ދައުވާ ލިބޭ ތިން ފަރާތުން ހާޒިރުވި ވަކީލަށް ވަނީ ފުރުސަތު އަރުވާފަ އެވެ.

މައްސަލަ ނިމުމާ ގާތްވެފައި ވަނިކޮށް ދައުވާ ކުރި ފަރާތުން މައްސަލައަށް ހާޒިރު ނުވީ ކީއްވެކަން ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. އެނގިފައިވާ ގޮތުން އެ މައްސަލާގައި މުވައްޒަފުންގެ ފަރާތުން ހާޒިރުވާ ވަކީލު ރާއްޖޭގައި ނޫޅުއްވަ އެވެ.

އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ 'މިހާރު' ނޫހުގެ އެޑިޓަރު ބ. އޭދަފުށި، މާތިހާ، އިސްމާއިލް ނަސީރު އާއި މިހާރު ނޫހުގެ ސީއީއޯ ހުޅުމާލެ ފްލެޓް ނޭމް 05-9ރ، ރިފްއަތު މުހައްމަދު އާއި މިހާރު ނޫހުގެ އެސިސްޓެންޓް އެޑިޓަރު ސ. ހިތަދޫ، އަބްހަރީގެ އަހުމަދު ހަމްދޫން، މިހާރު ނޫހުގެ އެސިސްޓެމްޓް އެޑިޓަރު ހއ. އުލިގަމް، މާޒް ނިއުމަތުﷲ އިދްރީސްގެ އިތުރުން މިހާރު ނޫހުގެ ޖެނެރަލް މެނޭޖަރު ބ. ކެންދޫ، ޖަވާހިރުވާދީ އަބްދުއްރަޝީދު ހުސައިންނެވެ. އޭގެ އިތުރުން ހަވީރު ނޫހުގެ އެޑިޓަރު މ. ހުސްނޫ މޫސާ ލަތީފު ވެސް ވަނީ މައްސަލަ އިސްތިއުނާފުކޮށްފަ އެވެ.

ހަވީރުގެ ކުރީގެ މުވައްޒަފުންނަށް އެހެން މީޑިއާއެއްގައި ދެ އަހަރު ވަންދެން މަސައްކަތް ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ، މީޑިއާއަކީ މުވައްޒަފުންނާ ގުޅުން ހުރި ތަނަކަށްވެފައި، ހަވީރަށް ގެއްލުން ދިނުމުގެ ގޮތުން އެއްފަހަރާ މުވައްޒަފުން ކެނޑިގެން ދިއުމުން ތަނަށް ގެއްލުންތަކެއް ކުރިމަތިވާނެތީ ކަމަށް ބުނެ އެވެ.

އެމައްސަލަ މުވައްޒަފުންގެ އިތުރުން ދައުލަތުގެ ފަރާތުން ވެސް ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފަ އެވެ.

comment ކޮމެންޓް