މ. މަޑުއްވަރީއަށް ދިމާވެގެން އުޅޭ ކަރަންޓުގެ މައްސަލައަށް ފެށޭ ހަފްތާގައި ހައްލެއް ލިބިގެން ދާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ޝަރީފު އާދަމް ވިދާޅުވެއްޖެއެވެ.
މަޑުއްވަރީގައި އަވަސް އަވަހަށް ކުއްލިއަކަށް ކަރަންޓު ދާތީ އެރަށުގެ ގެތަކުގައި ގެންގުޅޭ އިލެކްޓްރޯނިކް ސާމާނަށް ގެއްލުން ލިބޭކަމަށް ބުނެ އެރަށު ރައްޔިތުން ދަނީ ޝަކުވާ ކުރަމުންނެވެ.
ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ޝަރީފު މިއަދު 'ސަން' އަށް ވިދާޅުވީ މަޑުއްވަރީގައި ކަރަންޓުގެ މައްސަލަ ދިމާވެގެން އުޅޭނީ މީގެ ކުރިން އެރަށުގައި ބޭނުން ކުރަމުން ދިޔަ ތިން ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރަށް މައްސަލައެއް ދިމާވުމުން ކަމަށެވެ. އަދި މައްސަލަ ޖެހުނު ޖަނަރޭޓަރަކީ ވޯލްވޯ ޖަނަރޭޓަރެއް ކަމަށާއި އެ ޖަނަރޭޓަރު ހެދުން ލަސްވަނީ ސްޕެއާ އަދި ނުލިބޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެން އެޖެންޓެއް މެދުވެރިކޮށް ސްޕެއާއަށް އޯޑަރު ދީގެންވެސް މިހަފްތާގެ ބުރާސްފައްޗަށް ސްޕެއާ ލިބޭ ވަރުވީ. 15 ވަރަކަށް ސްޕެއާ އެބަ ބޭނުންވޭ ޖެނެރޭޓަރުގެ މަރާމާތައް. އެހެންވީމަ މި ބަލަނީ ފެށޭ ހަފްތާގެ ހޯމަ ދުވަހު ޖެނެރޭޓަރު މަރާމާތު ކުރެވި ކަަރަންޓު މައްސަލައަށް ހައްލެއް ލިބިގެން ދާނެ ކަމަށް،" ޝަރީފް ވިދާޅުވިއެވެ.
ދެ ޖެނެރޭޓަރުން ކަރަންޓު ނުހިފަހައްޓަނީ ލޯޑު ބޮޑުވުުގެ ސަބަބުން ކަމަށާއި، ކަރަންޓު ކުއްލި ކުއްލިއަށް ދަނީ އެހެންވެގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ސަންއާ ވާހަކަދައްކަމުން މަޑުއްވަރީގެ ވިޔަފާރިވެރި ބުނީ އެގޮތަށް ކަރަންޓު ކެނޑެމުން ދާތީ ފިނިކޮށްގެން ވިއްކަން ގެންގުޅޭ ބައެއް މުދާ ހަލާކުވެ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.
ގޭގޭގައި ގެންގުޅޭ އޭސީ، ޓީވީ ފަދަ އަގުބޮޑެތި އިލެކްޓްރޯނިކް ސާމާނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް 'ސަން' އާ ވާހަކަދައްކަމުން މަޑުއްވަރީ މީހަކު ބުންޏެވެ.