ސައުދީ ވިސާއަށް ނަގާ ފީގެ އަގު ބޮޑުކޮށްފި

ސައުދީ އަރަބިއްޔާ - ފޮޓޯ: ގަލްފް ބިޒްނަސް

ސައުދީ އަރަބިއްޔާގެ ވިސާއަށް ނަގަމުން އައި ފީގެ އަގު ބޮޑުކޮށްފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެގައުމުން ވިސާގެ އަގު ބޮޑު ކޮށްފައި ވަނީ ތެލުގެ އަގުތައް ދަށްވުމާ ގުޅިގެން އެގައުމުގެ އާމްދަނީ ދަށްވެފައިވާތީ ކުރިމަތިވަމުންދާ ގޮންޖެހުންތައް ފޫބެއްދުމުގެ ގޮތުންނެވެ.

ވިސާގެ އަގު ބޮޑު ކުރަން އެގައުމުގެ ކެބިނެޓުން ނިންމީ މިދިޔަ މަހުގެ ތެރޭގައި އެވެ. ނަމަވެސް ކެބިނެޓުން ނިންމާފައިވާ އުސޫލަށް ވިސާ ފީ ނެގުމަށް އަމަލު ކުރަން ފަށާފައި ވަނީ މިއަދު އެވެ.

އަލަށް އަމަރު ކުރަން ފަށާފައިވާ ވިސާ ވީގެ އުސޫލުގެ ދަށުން ސައުދީ އަށް އެތެރެ ވުމަށް ޖަހާ ވިސާއަށް 2000 ރިޔާލް ދައްކަން ޖެހޭނެ އެވެ. އެއީ ގާތްގަނޑަކަށް 533 ޑޮލަރެވެ. ދިވެހި ފައިސާ އިން ބަލާއިރު 8220 ރުފިޔާ އެވެ.

މި އުސޫލުގެ ދަށުން ހައްޖާއި އުމްރާއަށް ދާ ފަރާތްތަކަށް ވެސް ވިސާ ދޫކުން ހަމަޖައްސާފައި ވަނީ މި ރޭޓުގަ އެވެ. ނަމަވެސް ފުރަތަމަ ފަހަރަށް ހައްޖަށް ނުވަތަ އުމްރާއަށް ދާ ފަރާތްތަކުން މި ފީ ދައްކާކަށް ނުޖެހޭނެ އެވެ. އެ ފަރާތްތަކުން ދައްކަން ޖެހޭނީ މީގެ ކުރިން ވިސާ އަށް އެގައުމުން ނަގަމުން އައި ފީއެވެ.

ނަމަވެސް އިތުރަށް ކުރާ ކޮންމެ ދަތުރެއްގައި ވެސް ވިސާ ޖެހޭނީ އަލަށް ކަނޑައެޅި އުސޫލުގެ ދަށުން ފީދައްކައިގެންނެވެ. އަލަށް އަމަލު ކުރަން ފަށާފައިވާ އުސޫލުގެ ދަށުން ހަމަސް ދުވަހުގެ މަލްޓިޕްލް އެންޓްރީ ވިސާއަށް ނަގާނެ އަގަކީ 3000 ރިޔާލެވެ. އަހަރު ދުވަހަށް ވިސާ ނަގާކަމަށްވާ ނަމަ 5000 ރިޔާލު ދައްކަން ޖެހޭ އިރު ދެ އަހަރު ދުވަހަށް ދައްކަން ޖެހޭނީ 8000 ރިޔާލެވެ.

މި އުސޫލުގެ ދަށުން ތިން މަސް ދުވަހުގެ މަލްޓިޕްލް އެންޓްރީ ވިސާ ޖެހުމުގެ ފުރުސަތުވެސް ލިބެއެވެ. އެގޮތުން ތިން މަސް ދުވަހުގެ މަލްޓިޕްލް އެންޓްރީ ވިސާގެ އަގަކީ 133 ޑޮލަރު ނުވަތަ 500 ރިޔާލެވެ.

މައުލޫމާތު: ގަލްފް ބިޒުނަސް

comment ކޮމެންޓް