އިންނަމާދުއާއި އަނގޮޅިތީމުގައި ސައުދީ ސަރުކާރުން އިމާރާތްކުރި މިސްކިތް ހުޅުވައިފި

ސައުދީ ސަރުކާރުގެ ހިލޭ އެހީގައި ރ. އިންނަމާދޫގައި އިމާރާތްކުރި މިސްކިތް --- ފޮޓޯ/ ޓްވީޓާ

ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރ. އިންނަމާދުއާއި އެ އަތޮޅު އަނގޮޅިތީމުގައި އިމާރާތްކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފި އެވެ.

އެ މިސްކިތްތައް ހުޅުވައިދެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު، ރ. އަތޮޅަށާއި ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ދެރަށަށް ކުރެއްވި ޒިޔާރަތުގައެވެ.

މިސްކިތްތައް ހުޅުވައިދެއްވުމުގައި އިސްލާމިކް މިނިސްޓަރާ އެކު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރުގެ އިތުރުން ސައުދީ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެސް ބައިވެރިވެވަޑައިގަތެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ރ. އިންނަމާދުއާއި އެ އަތޮޅު އަނގޮޅިތީމުގައި އިމާރާތްކުރި ދެ މިސްކިތަކީ ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިމާރާތްކުރާ 10 މިސްކިތުގެ ތެރޭގައި ހިމެނޭ ދެ މިސްކިތް ކަމަށެވެ.

އެގޮތުން، 300 މީހުންގެ ޖާގައިގެ އެ ދެ މިސްކިތަކީ ވެސް ގާތްގަނޑަކަށް ހަ މިލިއަން ރުފިޔާގެ ދެ ޕްރޮޖެކްޓު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިމާރާތްކުރާ މިސްކިތްތަކުގެ ތެރެއިން މިހާތަނަށް ރަސްމީކޮށް ހުޅުވާފައިވަނީ ތިން މިސްކިތެވެ. އެއީ އިއްޔެ ރ. އަތޮޅުގައި ހުޅުވި ދެ މިސްކިތުގެ އިތުރުން ލ. މާވަށުގައި ހުޅުވި މިސްކިތެވެ.

އޭގެ އިތުރުން ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިހާރު ވެސް ދެ ރަށެއްގެ މިސްކިތްތައް އިމާރާތްކޮށް ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

comment ކޮމެންޓް