އަސައްކޮގެ ދެ ލަނޑުން މާޒިޔާ މޮޅުވާން ދަނިކޮށް، ބީޖީން ހިފަހައްޓައިފި

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ބީޖީ ބައްދަލުކުރި މެޗެއްގެ ތެރެއިން: މިއަދު ހަވީރު ބީޖީ އާއި މާޒިޔާ ބައްދަލުކުރި ތިން ވަނަ ބުރުގެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އަސަދުﷲ އަބްދުﷲ (އަސައްކޮ)ގެ ދެ ލަނޑުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު މޮޅުވާން ދަނިކޮށް، ބީޖީ ސްޕޯޓްސް ކްލަބުން ހިފަހައްޓައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު މާޒިޔާ އާއި ބީޖީ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. އެ މެޗުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަދި މާޒިޔާގެ މުހިންމު ފޯވަޑް އަލީ އަޝްފާގު (ދަގަނޑޭ) ފެނިފައެއް ނުވެއެވެ.

އެ ނަތީޖާއާ އެކު ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާ އަށް ކުޅުނު 19 މެޗުން 44 ޕޮއިންޓް ލިބިފައިވާ އިރު، ބީޖީ އަށް ވަނީ އަދިވެސް ރެލިގޭޝަންގެ ބިރާ ކުރިމަތިލާން ޖެހިފައެވެ. ކުޅުނު 19 މެޗުން ލިބުނު 13 ޕޮއިންޓާއެކު ތާވަލުގެ އެންމެ ފުލުގައި ބީޖީ އޮތް އިރު، ކުޅުނު 19 މެޗުން ލިބުނު 16 ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.

މިއަދު ކުޅުނު މެޗުގެ 12 ވަނަ މިނެޓުގައި ބީޖީ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު އަހްމަދު އުސާމް އުފެއްދި ހަމަލާ ކީޕަރު އިމްރާން މުހައްމަދު ވަނީ މަތަކޮށްފައެވެ.

މެޗުގެ 18 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އަހްމަދު ނާޝިދު (ނައްޓޭ) ދިން ބޯޅައަކުން މާޒިޔާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަސައްކޮއެވެ. އޭނާ އަށް ބޯޅަ ލިބުނު އިރު، ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރީ ވަރަށް ހުސްކޮށެވެ.

އެ ލަނޑަށްފަހު ބީޖީ އަށް ވެސް ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ބީޖީގެ އަހްމަދު ޖައިލަމް އާއި ޑޭވިޑް އޮސަގިއޭ އަޑެލެކޭ އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެ ވަނަ ހާފު ފެށިތާ ދިހަ މިނެޓް ފަހުން މާޒިޔާ އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އިސްމާއިލް އީސަ ދިން ރީތި ބޯޅައަކުން މާޒިޔާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އަސައްކޮއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ.

މެޗުގެ 67 ވަނަ މިނެޓުގައި ބީޖީން ވަނީ ލަނޑެއް ޖަހައިފައެވެ. ކިންގްސްލީ އެލެޗީ ދިން ބޯޅައަކުން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުން ބީޖީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އިބްރާހިމް ޝިޔާމް (ދޮނާ) އެވެ.

ބީޖީން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އިބްރާހިމް ރަޝީދަށް ސަމްދޫހު މުހައްމަދު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ބީޖީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކިންގްސްލީ އެލެޗީއެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ކްލަބު ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ އެވެ.

comment ކޮމެންޓް