މިރެއިން ފެށިގެން ބިދޭސީން ބޭރަށް ފޮނުވާ ފައިސާއިން ތިން ޕަސަންޓު ޓެކްސް ނަގާނެ

ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ގިނަ ބަޔަކު ގައުމީ ފުޓުބޯޅަ ދަނޑުގައި މެޗެއް ބަލަނީ ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާދަމާއިން ފެށިގެން، ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ތިން ޕަސެންޓް، ރެމިޓެންސް ޓެކްސްގެ ގޮތުގައި ނަގަން ފަށާނެއެވެ.

ދިވެހިރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނަށް އޮގަސްޓު މަހުގެ 17 ވަނަ ދުވަހު ގެނައި އިސްލާހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަހުގެ 25 ވަނަ ދުވަހު ތަސްދީގު ކުރައްވައިފައެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި ފަސްވަނަ އިސްލާހާ އެކު އެ ގާނޫނަށް ވަނީ ރެމިޓެންސް ޓެކްސްއާ ބެހޭ ބާބެއް އިތުރުކޮށްފައެވެ. އެ ބާބުގައި ބުނާ ގޮތުގައި 2016 އޮކްޓޫބަރު އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ރެމިޓެންސް ޓެކްސްގެ ގޮތުގައި ތިން ޕަސެންޓު ނެގޭނެއެވެ.

ގާނޫނު ބުނާ ގޮތުން، ރެމިޓެންސް ޓެކްސް ދެއްކުމަކީ ބޭންކުތަކާއި މާލީ ވިޔަފާރި ހިންގާ ފަރާތްތަކުގެ ތެރެއިން، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ދޭ ފަރާތްތަކުގެ ޒިންމާއެކެވެ.

ގާނޫނުގައިވާ ގޮތުން ކޮންމެ މަހަކު ރެމިޓެންސް ޓެކްސްގެ ގޮތުގައި މީރާއަށް ދައްކާ މިންވަރު ހިސާބުކޮށް، ވިދިގެން އަންނަ މަހުގެ 15 ގެ ނިޔަލަށް މީރާއަށް ޓެކްސް ބަޔާން ހުށަހަޅާން ޖެހެއެވެ. އަދި އެ ތާރީޚުގެ ނިޔަލަށް މީރާއަށް އެ ފައިސާ ދައްކަން ޖެހެއެވެ.

ރެމިޓެންސް ޓެކްސް ދައްކަން ޖެހެނީ ދިވެހި ރުފިޔާއިންނެވެ.

ޓެކްސް ދައްކަންޖެހޭ ތާރީޚާ ހަމައަށް ރެމިޓެންސް ޓެކްސް ނުދައްކައިފި ނަމަ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ގާނޫނު ބުނެއެވެ.

އަދި ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވުމަށް މަސައްކަތް ކޮށްފި ނަމަ، ނުވަތަ އެކަމަށް އެހީޓެރިވެދީފި ނަމަ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ އިތުރުން، ދައްކަންޖެހޭ ޓެކްސްއާ އެއްވަރުގެ އަދަދަކުން އެފަރާތެެއް ޖޫރިމަނާ ކުރާނެއެވެ. އަދި އެކަން ކުރީ ވިޔަފާރިއަކުން ކަމުގައިވާ ނަމަ، ޖޫރިމަނާ ކުރުމުގެ އިތުރުން އެފަދާތަކަށް ދޫކޮށްފައިވާ ވިޔަފާރީގެ ހުއްދަ ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިޚްތިޔާރު ދައުލަތަށް ލިބޭ ކަމަށް އެ ގާނޫނުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް