ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ޖުމްހޫރީ ޕާޓީންވެސް ބައިވެރިވަނީ

މާޗް 3، 2016: ސަރުކާރުން ސިޔާސީ ޕާޓީތަކާ އެކު ބޭއްވި މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުމަށް ފަހު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ނޫސްވެރިންނާ ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްވަރާތަކުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބައިވެރިވާން އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި މިއަދު ނިންމައިފި އެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ސީމެގުން، ސަރުކާރަށް އަންގާފައިވާއިރު އިދިކޮޅު ފަރާތްތަކަށް އަންގާފައިވަނީ އެއްވެސް ޝަރުތަކާ ނުލައި މަޝްވަރާތަކުގައި ބައިވެރިވުމަށެވެ.

މިއަދު ޖޭޕީން މާފަންނު ކުނޫޒުގައި ބޭއްވި އެޕާޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވުމަށެވެ. އެގޮތުން މަޝްވަރާތަކުގައި އެޕާޓީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި ކެންދޫ ދާއިރާގެ އަލީ ހުސެއިން އަދި މަތިވެރި ދާއިރާގެ ހުސެއިން މުހައްމަދު ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.

މީގެކުރިންވެސް ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދަން ފެށި މަޝްވަރާތަކުގައި ޖޭޕީން ވަނީ ބައިވެރިވެފައެވެ. ނަމަވެސް މަޝްވަރާކުރެވުނު ކަންކަމަށް ހައްލެއް ނުލިބި މަޝްވަރާތައް ވަނީ މެދުކެނޑިފައެވެ.

މިފަހަރުގެ މަޝްވަރާތަކުގައި ބައިވެރިވާނެކަން މިހާތަނަށް އިއުލާނުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީ އަދި އަދާލަތު ޕާޓީއިންނެވެ.

comment ކޮމެންޓް