ކާޑު ސަބްސިޑީ ނިކަމެތިންނަށް އެކަނި ދޭން ނިންމައިފި

އެސްޓީއޯގެ ހަކުރު ގުދަނުން އުޅަނދަކަށް ހަކުރު ބަރު ކުރަނީ: ދައުލަތުން ކާޑުގެ ބާވަތްތަކަށް ދޭ ސަބްސިޑީ ކަމެތިންނަށް އެކަނި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައި -- ސަން ފައިލް ފޮޓޯ

ރާއްޖޭގައި ސަބްސިޑީ ދެމުންގެންދާ، ކާޑުގެ ބާވަތްތައް ހަމައެކަނި ނިކަމެތިންނަށް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ނައިބު އާދަމް ތައުފީގު މިއަދު ސަންއަށް ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހުން ފެށިގެން މިހާރު ދެމުންދާ އަގުގައި ކާޑު ސަބްސިޑީ ދޭނީ ހަމައެކަނި ނިކަމެތިންނަށް ކަމަށެވެ.

އެއާއެކު މިހާރު 3.98 ދޭ ހަނޑޫ ކިލޯއެއްގެ އަގު .7.96 ރުފިޔާއަށް ބޮޑުވާނެއެވެ. އަދި 4.50 ރުފިޔާއަށް ދޭ ހަކުރު ކިލޯއެއްގެ އަގު އަށް ރުފިޔާއަށް ބޮޑުވެއެވެ. އަދި 3.50އަށް ދޭ ފުށް ކިލޯއެއްގެ އަގު 5.96 ރުފިޔާއަށް ބޮޑުވާނެއެވެ.

މިހާރު އަގުތައްވެސް ކަނޑައަޅާފައިވަނީ ދައުލަތުން ސަބްސިޑީގެ ގޮތުގައި އަދަދުތަކެއް ހިމަނައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތައުފީގު ވިދާޅުވީ، ސަބްސިޑީ ލިބޭ ފަރާތްތައް ކަނޑައަޅައި ސަބްސިޑީ ދޭނީ އެންސްޕާ މެދުވެރިކޮށް ކަމަށެވެ. އެ ދޭނެ ތަފްސީލް އަދި ހާމައެއްނުކުރެއެވެ.

އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލު ވިދާޅުވީ އެކަމުގެ ތަފްސީލް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.

އާންމުކޮށް ރާއްޖޭގައި ކެއިންބުއިމަށް ބޭނުންކުރާ ކާޑުގެ ބާވަތްތައް އަގުހެޔޮވެފައިވަނީ ދައުލަތުން ސަބްސިޑީގެ ގޮތުގައި ބޮޑު ހޭދައެއް ކުރާތީއެވެ. އެގޮތުން ބިދޭސީންނާއި ރިސޯޓްތަކުގައިވެސް ކެއިންބުއިމަށް ސަބްސިޑީދޭ ކާޑު ބޭނުންކުރެއެވެ. އެއަށް ދައުލަތުން ބޮޑު ހަރަދެއް ކުރެވެއެވެ.

ތައުފީގު ވިދާޅުވީ ކުރިއަށްއޮތްތަނުގައި ސަބްސިޑީ ލިބިގެންދާނީ އޭގެ ހައްގުވެރިންނަށް ކަމަށެވެ.

ސަބްސިޑީ އޭގެ ހައްގުވެރިންނަށް ދެވިގެންދިއުމުން ސަބްސިޑީގެ ފައިސާއިން ރައްކާކުރެވޭ ފައިސާ ރައްޔިތުންގެ ތަރައްގީއަށް ބޭނުންކުރެވޭނެ ކަމަށްވެސް ސަރުކާރުން ބުނެއެވެ.

comment ކޮމެންޓް