މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސަަސް އޮތޯރިޓީގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި އިދާރާގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އައްޔަން ކުރައްވައިފިއެވެ.
މި ކަން ހާމަ ކުރައްވައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިރޭ އެކްސްގައި ވިދާޅުވެފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ އެ އިދާރާގެ ގަވަނިން ބޯޑު ވެސް އެކުލަވާލައްވާފައި ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން ރައީސްގެ ތަސައްވުރާ އެއްގޮތަށް ފައިނޭންޝަލް ސެކްޓަރަށް އިންގިލާބެއް އަންނާނެ ކަން ޔަގީންކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގާނޫނު އަސާސީން ރައީސަށް ލިބިދޭ ބާރުގެ ދަށުން އެ މަނިކުފާނު މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސަަސް އޮތޯރިޓީގެ ނަމުގައި އިދާރާއެއް އުފެއްދެވީ 21 ޖެނުއަރީގައެވެ.
މި އޮތޯރިޓީއަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެކެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިން ހިދުމަތްތަކުގެ އިތުރުން އޮން-ޝޯ ފައިނޭންސިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށް ކަމަށް ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވެއެވެ.
މި އޮތޯރިޓީގެ މަސައްކަތްތަކުގެ ތެރޭގައި އޯފް-ޝޯ ފައިނޭންސިން ޚިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުމާއި، ދިވެހިރާއްޖޭގައި އޯފް-ޝޯ/އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމު ކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ރާއްޖޭގެ މާލީ ބާޒާރު ތަރައްގީކޮށް ވާދަވެރި ނިޒާމެއް ގާއިމު ކުރުމަށް ހުރި ގާނޫނީ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ހައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން ހިމެނެއެވެ.
ރާއްޖޭގައި އަމިއްލަވަންތަ އިގުތިސާދެއް ބިނާކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު މިނިވަން ކުރައްވާނެ ކަމަށް ރައީސްވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އެ ގޮތުން ބޮޑެތި އިގުތިސާދީ މަޝްރޫއުތައް މިހާރު ވެސް ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.