ސެންޗޫރިއަނުން އޮކްޓޫބަރުގައި އާންމުންނަށް ހިއްސާ ވިއްކަން ފަށަނީ

ސެންޗޫރިއަން ޕލކގެ ބޯޑުގެ ބައެއް ޑިރެކްޓަރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ހިންގާ ޝިޕިންގ އަދި ލޮޖިސްޓިކްސް ކުންފުނި ސެންޗޫރިއަން، ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، އެކުންފުނީގެ ހިއްސާ އާންމުންނަށް ވިއްކަން ނިންމައިފިއެވެ.

މިއީ ރާއްޖޭގައި އަމިއްލަ ބަޔަކު އުފައްދާފައިވާ ކުންފުންޏަކުން ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްގެން އާންމުކޮށް ހިއްސާ ވިއްކުމަށް ނުކުންނަ ފުރަތަމަ ފަހަރެވެ.

ސެންޗޫރިއަން ޕލކ އަކީ އެކި ކަހަލަ ލޮޖިސްޓިކަލް ސޮލިއުޝަންސް ފޯރުކޮށްދޭ ކުންފުންޏެކެވެ. އެގޮތުން އެކުންފުނިން ލޮޖިސްޓިކްސް މެނޭޖުމެންޓު، ޝިޕް އޯނަރޝިޕާއި މެނޭޖްމެންޓް، މުދާ ގުދަންކުރުމާއި ޑިސްޓްރިބިއުޝަން، ފްރައިޓް މެނޭޖުމެންޓު އަދި ޝިޕިންގް ޚިދުމަތް ދެއެވެ.

ސެންޗޫރިއަން ޕލކއިން އެކުންފުނީގެ 49 ޕަސަންޓު ކަމުގައިވާ 6،757،800 ހިއްސާ އާންމުންނަށް ވިއްކާލުމަށް ނިންމާފައި ވެއެވެ. އެއީ 25 ރުފިޔާއަށް ހިއްސާއެއްގެ ގޮތުންނެވެ. އެންމެ މަދުވެގެން އެއް ފަރާތަކަށް ގަނެވޭނީ ހަތަރު ހިއްސާ އެވެ. އެންމެ ގިނަވެގެން ގަނެވޭނެ އަދަދެއް ކަނޑައަޅާފައެއް ނުވެއެވެ.

އެކުންފުނިން ހިއްސާ ވިއްކާނީ އޮކްޓޫބަރު 20 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 13 އާ ހަމައަށެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސެންޗޫރިއަން ޕލކގެ ޗެއާމަން ކެޕްޓަން އަހްމަދު މައުމޫން ވިދާޅުވީ އެކުންފުންޏަކީ ބާރު ދުވެއްޔެއްގައި، އަދި ހިންގުމުގައި ވެސް ފައިދާވާ ރަނގަޅު ކުންފުންޏެއް ކަމަށެވެ.

"އެކަމަކު ކުންފުނި އަދިވެސް ދުވަންވާ ސްޕީޑުގައި ކުރިޔަކަށް ނުގެންދެވޭ. އުންމީދަކީ އާންމުންގެ ފައިސާއާ އެކު ކުންފުނި އިތުރަށް ކުރިއަރައި ދިއުން،" ކެޕްޓަން މައުމޫން ވިދާޅުވި އެވެ.

ސެންޗޫރިއަންގެ ޗެއާމަން ވިދާޅުވީ ޝީޕިންގްއާއި ލޮޖިސްޓިކްސްގެ ދާއިރާއަކީ ވަރަށް ބައިވަރު އެސެޓު ނުވަތަ ހަރުމުދާ ހުންނަން ޖެހޭ ކަމާށެވެ.

"އެކަމަކު އެ ފައިސާ ލިބޭނެ މަގު ދަތިކޮށް އޮންނަނީ. ކޮންމެ ފަހަރަކުވެސް ދޯންޏެއް ގަންނަން ޖެހޭ ނަމަ ވެސް ވަރަށް ބައިވަރު ފައިސާ، ނަގުދު ފައިސާއިން ގަންނަން ޖެހެނީ. މިކަހަލަ ފުރުސަތެއްގައި ރައްޔިތުން ބައިވެރިވެ، އަޅުގަނޑުމެންނަށް މިކަން ހާސިލު ކުރެވިއްޖިއްޔާ އަޅުގަނޑުމެންގެ ސާވިސްތައް އިތުރަށް ފުރިހަމަކުރުމަށް ވަރަށް ބޮޑު ބާރަކަށް ވާނެ،" ކެޕްޓަން މައުމޫން ވިދާޅުވި އެވެ.

ސެންޗޫރިއަން ޕލކގެ ޗެއާމަން ކެޕްޓަން އަހްމަދު މައުމޫން އަދި އެމްޑީ އައިމަން ޖަމީލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކުންފުނިން ހިއްސާ ވިއްކުމަށް ނިންމި މައިގަނޑު ސަބަބަކީ އެކުންފުނީގެ ފްލީޓާއި ޚިދުމަތްތައް ފުޅާ ކުރުމެވެ. އެކުންފުނިން ބުނާ ގޮތުގައި ހިއްސާ ވިއްކައިގެން ހޯދުމަށް ނިންމާފައިވާ ފައިސާ ބޭނުންކުރާނީ 10 ދޯންޏާއި އެއް ޓަގާއި ބާޖަކާއި، ދެ ލޭންޑިންގ ކްރާފްޓާއި އެއް ކާގޯ ބޯޓު ގަތުމުގެ އިތުރުން ގުދަން ހެދުމަށެވެ.

ސެންޗޫރިއަންގެ 49 ޕަސަންޓު ހިއްސާ އާންމުންނަށް ދޫކޮށްލާ އިރު މިވަގުތު އެކުންފުނީގައި އެއް ފަރާތަކުން އެންމެ ގިނަ އަދަދަކަށް ކޮންޓްރޯލުކުރާ ހިއްސާގެ މިންވަރަކީ 27 ޕަސަންޓެވެ. އެހެންކަމުން 49 ޕަސަންޓު ހިއްސާ އާންމުންނަށް ވިއްކާލުމުން ކުންފުނީގެ ފުރިހަމަ ކޮންޓްރޯލު އޮންނާނީ އާންމުންގެ އަތުގަ އެވެ.

ކެޕްޓަން މައުމޫން ވިދާޅުވީ، ވަކި މީހަކު ކުންފުނީގައި ނެތަސް ކުންފުނި ކުރިޔަށް ދާންޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަން ކުރެވޭނީ ކުންފުންޏަކީ ޕްރޮފެޝަނަލް، މިނިވަން ކުންފުންޏެއްގެ ގޮތުގައި ބޭއްވިގެން ކަމަށެވެ.

"ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި އޮތިއްޔާ އަޅުގަނޑުމެން ބޭނުން ކޮންމެ ގޮތެއް ހެދުމުގެ ޖާގަ ދެވޭނެ. އެކަމަކު ކުންފުންޏަކީ އާންމުންނަށް އެކައުންޓަބަލް ކުންފުންޏަކަށް ހަދައިފިއްޔާ އެއީ ވަރަށް ބޮޑު ތަފާތެއް،"

އެގޮތުން، ސެންޗޫރިއަންގެ ބޯޑަށް އައްޔަނު ކުރާނީ ކަމަށް ގާބިލު ތިން މިނިވަން ޑިރެކްޓަރުން ކަމަށާއި، އާންމުންގެ ފަރާތުން ވެސް ކުންފުންޏަށް ނަގާނީ ވަކި މިންވަރަކަށް ތައުލީމު ލިބިފައިވާ ތަޖުރިބާކާރު ދެ މެމްބަރުން ކަމަށް ސެންޗޫރިއަންގެ ޗެއާމަން ކެޕްޓަން މައުމޫން ވިދާޅުވި އެވެ.

ސެންޗޫރިއަންގެ ބޯޑުގައި މިވަގުތު ތިބެނީ ހަތް މެމްބަރުންނެވެ. އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރަކީ އައިމަން ޖަމީލެވެ. އެ ބޯޑުގައި ހިމެނޭ އިތުރު ބޭފުޅުންނަކީ މުރްތަޟާ މުހައްމަދު، ޖުވައިރިޔާ ސައީދު، އަބްދުﷲ ހަސަން، އަހްމަދު މަންސޫރު އަދި ޝިވާ މަންދަރެވެ.

comment ކޮމެންޓް