ސަދަގާތު ފައުންޑޭޝަނުން ބާއްވާ ފުޑް ފިއެސްޓާ ހުކުރު ދުވަހު ރަސްފަންނުގައި

ސަދަގާތު ފައުންޑޭޝަންގެ ފަރާތުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސަދަގާތު ފައުންޑޭޝަންގެ ފަރާތުން ބާއްވާ ފުޑް ފިއެސްޓާއެއް އަންނަ ހުކުރު ދުވަހު ހަވީރު 4:00 ގައި ރަސްފަންނު ސަރަހައްދުގައި އޮންނާނޭކަމަށް އެ ފައުންޑޭޝަނުން ބުނެފި އެވެ.

ފުޑް ފިއެސްޓާއާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ހަވީރު ސަދަގާތު ފައުންޑޭޝަންގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަދަގާތު ފައުންޑޭޝަންގެ އޮފިޝަލަކު ވިދާޅުވީ، އެ ފުޑް ފިއެސްޓާ އަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށް ފަންޑު ރެއިސްކުރަން ބާއްވާ ހަރަކާތެއް ކަމަށެވެ.

ސަދަގާތު ފައުންޑޭޝަނުން ބުނީ ހުކުރު ދުވަހު ބާއްވާ ފުޑް ފިއެސްޓާގައި 116 ފަރާތަކުން މިހާރު ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން މަޖީދީ މަގުގެ ކޮޅުން ފެށިގެން އައިޖީއެމްއެޗް ކައިރިއަށްވާ ދޭތެރޭގައި މޭޒުތައް ބަހައްޓައި، އެ ފަރާތްތަކުން އައިޓަމްތައް ވިއްކަމުންދާނެ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.

ފުޑް ފިއެސްޓާގައި މައިގަނޑު ގޮތެއްގައި ވިއްކާނީ ކާނާގެ ބާވަތްތައް ކަމަށް ސަދަގާތު ފައުންޑޭޝަނުން މައުލޫމާތުދެ އެވެ. އެގޮތުން ހަވީރު 4:00 އިން ފެށިގެން އިރުއޮސްސި 6:00 އަށް، ކުޑަކުދިންނަށް އެ ސަރަހައްދު ހާއްސަކޮށްފައިވާ އިރު، ހަވީރު ކުރިއަށްދާ ޝޯވެސް ހާއްސަވާނީ ކުޑަކުދިންނަށް ކަމަށް އެ ފައުންޑޭޝަނުން މައުލޫމާތުދެ އެވެ.

ނަމަވެސް ރޭގަނޑު 8:00 އިން 12:00 ހާއްސަކޮށްފައި ވަނީ ބޮޑެތި މީހުންނަށެވެ. އެގޮތުން ބޮޑެތި މީހުންނަށް ހާއްސަ ތަފާތު ކެއުންތައް އެތަނުގެ މޭޒުތަކުން ލިބެން ހުންނާނެ ކަމަށާއި، ރޭގަނޑު ކުރިއަށްދާ ޝޯވެސް ހާއްސަވެފައި ވާނީ ބޮޑެތި މީހުންނަށް ކަމަށް ސަދަގާތު ފައުންޑޭޝަނުން މައުލޫމާތުދެ އެވެ.

އެ ފުޑް ފިއެސްޓާ އަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެކި ގޮތްގޮތުން ނުކުޅެދިފައިވާ ފަރާތްތައް އަދި އެކަނިވެރި މައިންނަށް އެހީވުމަށް ބާއްވާ ހަރަކާތަކަށް ވާތީ އެތަނަށް ވީހާވެސް ގިނަ ފަރާތްތައް ދިއުމަށް ސަދަގާތު ފައުންޑޭޝަނުން އެދެއެވެ.

comment ކޮމެންޓް