ފުރާވަރަށް އަރަމުން އަންނަ ކުދިންގެ ސިފައަށާއި ބަރުދަނަށް ފާޑުކިޔުން، އަދިވެސް ހުއްޓާލާކަށް ނުވޭތަ؟

ސިފައަށް އަމާޒުކޮށް ބުނާ ނޭދެވޭ ބަސްތަކަކީ ފުރާވަރުގެ ކުދިންގެ ނަފްސާނީ ހާސްކަމާއި އެކަހެރިކަމަށް މަގުފަހިކުރުވާ ކަމެއް--ފޮޓޯ/އޭއައި

އާއިލީ އެއްވުންތަކާއި މުޖުތަމަޢުގެ އެހެނިހެން މަޖިލީސްތަކުގައި ފުރާވަރަށް އަރަމުން އަންނަ ކުދިންނާ ބައްދަލުވުމުން، އެންމެ ފުރަތަމަ އަޅުގަނޑުމެންގެ ދުލުން ބޭރުކޮށްލާ ބަސްތަކުގެ ތެރޭގައި އެ ކުދިންގެ ޖިސްމާނީ ސިފައާ ގުޅުވައިގެން ކުރާ "ސަމާސާ"ތައް ހިމެނެއެވެ.

"އޭ، މި ކުއްޖާ އަވީގައި އުޅެގެން ކަޅުވެއްޖެދޯ"، "މާ ފަލަވެއްޖެ، ތަންކޮޅެއް ބަލައިގެން ކާންވީނު"، ނުވަތަ "މާ ހިކިފައޭ، ކާން ނުދެނީތަ" ފަދަ ޢިބާރާތްތަކަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި އާންމު، އަދި ގިނަ ފަހަރަށް ނުބައި ނިޔަތެއް ނެތި ދޫކޮށްލެވޭ ޖުމްލަތަކެކެވެ. ނަމަވެސް، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ބަދަލުތަކެއް އަންނަ މި ނާޒުކު ދުވަސްވަރު، މިފަދަ ބަސްތައް ކުދިންގެ ސިކުނޑިތަކާ ހަމައަށް ފޯރުމުން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ނަފްސާނީ ދުޅަހެޔޮކަމުގެ ބިންގަލަށް ފުން ލޮޅުންތަކެއް ގެނުވައެވެ. މީގެ ސަބަބުން ފުރާވަރުގެ ކުއްޖާގެ ޙަޔާތުގެ މި މުހިންމު މަރުޙަލާގައި ވެސް ނަފްސާނީ ގޮތުން ނޭދެވޭ އަސަރުތައް އަށަގަންނަން ފަށައެވެ.

ކުދިންގެ ހިތްތަކަށް ހަމަޖެހުމާއި ލޯބި ގެނެސްދިނުމަށް، ސިފައަށް ފާޑުކިޔުމުގެ ބަދަލުގައި ރިވެތި އަޚުލާޤާއި ޝުޢޫރުތަކަށް ސަމާލުކަން ދިނުން މުހިންމު--ފޮޓޯ/އޭއައި

މި އަސަރުތައް ފަހުމުވަނީ، ފުރާވަރަށް އަރަމުން އަންނަ ކުދިންނަކީ ވަށައިގެންވާ މާހައުލުން ފެންނަ މަންޒަރުތަކަށް ބިނާކޮށް، ޚާއްޞަކޮށް މައިންބަފައިންނާއި ބޮޑެތި މީހުން އަދި އެ އުމުރުގެ އެކުވެރިން ދައްކާ ވާހަކަތަކުގެ އަލީގައި، އަމިއްލަ އަގު ވަޒަންކުރަން ދަސްކުރާ ބައެއްކަން ދަނެގެންނެވެ. އެގޮތުން ގައިގެ ކުލައަށް، ހަށިގަނޑުގެ ބައްޓަމަށް، ނުވަތަ ބަރުދަނަށް އަމާޒުކޮށް ބުނާ ބަސްތަކުގެ ސަބަބުން ކުދިންގެ ހިތުގައި އުފެދޭ ނަފްސާނީ ވޭންތަކަކީ ކުޑަ ކަންކަމެއް ނޫނެވެ.

މި އުމުރުގައި ތަކުރާރުކޮށް މިފަދަ ފާޑުކިޔުންތައް އަމާޒުވުމުން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލެން ފަށައެވެ. މި އިޙުސާސްތަކާ އެކު ބޮޑުވަމުން އަންނަ ވަރަކަށް، އެހެން ކުދިންނާ އެކު އުޅެން ޖެހިލުންވެ، އިޖުތިމާޢީ ގުޅުންތަކުގެ ތެރެއިން އެކަހެރިވެ، އަމިއްލަ ޚިޔާލުތަކުގެ ތެރޭގައި ފިލާ ތިބުމުގެ އާދަ ކުއްޖާގެ ކިބައިގައި އަށަގަނެއެވެ.

ހަމައެއާއެކު، މި ނަފްސާނީ ބުރައިގެ ސަބަބުން ކެއުމުގެ އާދަތަކަށް ވެސް ނޭދެވޭ ބަދަލުތައް އާދެއެވެ. އެގޮތުން ބައެއް ކުދިން ފަލަވެދާނެ ކަމުގެ ބިރަށް ކާ އެއްޗެއް ނުކައި ތިބޭއިރު، އަނެއްބައި ކުދިން ނަފްސާނީ ހާސްކަމާއި ހިތްދަތިކަމުގެ ތެރެއިން ލުޔެއް ހޯދުމަށް މާ ގިނައިން ކެއުމުގެ އާދަ އަށަގަނެއެވެ.

އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ތަފާތު ސިފަތަކަށް އިޙުތިރާމްކުރުމުގެ ސަޤާފަތެއް އާލާކުރުމުން، ފުރާވަރުގެ ކުދިންނަށް އުފާވެރި މާހައުލެއް ބިނާކޮށްދެވޭނެ--ފޮޓޯ/އޭއައި

ފުރާވަރުގެ ކުދިންނަށް އަމާޒުކޮށް ބުނެވޭ މިފަދަ ބަސްތަކުގެ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން، އެމެރިކާގައި މަސައްކަތްކުރައްވާ މަޝްހޫރު ކްލިނިކަލް ސައިކޮލޮޖިސްޓް އަދި ފުރާވަރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ޑރ. ލީސާ ޑަމޯރް ވިދާޅުވަނީ، ސިފައަށް ފާޑުކިޔުމަކީ "ސަމާސާއެއް" ކަމަށް ހެދުމަކީ ކުދިންނަށް ލިބޭ ވޭން ކުޑަކޮށް، އެކަމުގެ ސީރިއަސްކަން ކުޑަކޮށްލާ ކަމެއް ކަމަށެވެ. ކުއްޖެއްގެ ސިފައާ ބެހޭގޮތުން ބުނާ ބަހަކުން އެ ކުއްޖާ ދެރަވެއްޖެ ނަމަ، އެއީ "ސަމާސާއެކޭ" ބުނުމުގެ ބަދަލުގައި، އެއީ ގެއްލުންދެނިވި އަދި އަޚުލާޤީ ގޮތުން ވެސް ރަނގަޅު ކަމެއް ނޫންކަން ކުދިންނަށް ވިސްނައިދޭން ޖެހޭ ކަމަށް އޭނާ ފާހަގަކުރައްވައެވެ. ކުއްޖަކަށް ނޭދެވޭ ފާޑުކިޔުމެއް އަމާޒުވެއްޖެ ހިނދެއްގައި، އެ ކުއްޖާގެ ޝުޢޫރުތަކަށް ހަމްދަރުދީވެ، އަޑުއަހައި، ސިފައަށް ފާޑުކިޔުމަކީ ކުށެއްކަން ކަށަވަރުކޮށްދިނުމަކީ ކުއްޖާގެ ނަފްސާނީ ބާރު ގަދަކޮށްދޭނެ ކަމެއްގެ ގޮތުގައި ޑރ. ލީސާ ޑަމޯރް ސިފަކުރެއްވިއެވެ.

ކުއްޖާގެ ކުރިމަތީގައި އެހެން މީހަކު ކުއްޖާގެ ސިފައަށް ފާޑުކިޔައިފި ނަމަ، ސާފުކޮށް އެއީ އެދެވޭ ކަމެއް ނޫންކަން ބުނެދީ މިފަދަ ވަގުތުތަކުގައި، ހަރުދަނާ ޢިބާރާތަކުން މައިންބަފައިންނަށް އެކަން ހުއްޓުވުމަށް މަސައްކަތް ކުރެވިދާނެއެވެ.

މައިންބަފައިންގެ ފަރާތުން ދެވޭ ރައްދުގެ އިތުރުން، އަމިއްލަ ނަފްސު ދިފާޢުކުރުމަށް ވެސް އަދަބުވެރިކަމާ އެކު ވާހަކަ ދައްކަން ފުރާވަރުގެ ކުދިންނަށް ދަސްކޮށްދޭން ޖެހެއެވެ. ކޮންމެ ފާޑުކިޔުމަކަށް ފަހު ވެސް، އެއީ ކުއްޖާގެ ކުށެއް ނޫންކަމާއި، ކޮންމެ ސިފައެއްގައި ހުއްޓަސް އެ ކުއްޖާގެ އަގު އަބަދުވެސް އެހެން ކުދިންނާ އެއްވަރުކަން ކުއްޖާއަށް ޔަޤީންކޮށްދީ، ހިތުގެ ހަމަޖެހުން އަނބުރާ ގެނެސްދިނުމަށް މައިންބަފައިންނަށް ބާރުއެޅިދާނެއެވެ.

ކުދިންގެ ހިތުގެ ހަމަޖެހުން ދެމެހެއްޓުމަށް ރައްދު ދިނުމުގެ އިތުރުން، މުޖުތަމަޢުގައި ހަރުލާފައިވާ މި ނޭދެވޭ އާދަ ފުހެލުމަކީ ވެސް މުހިންމު ކަމެކެވެ. މިއީ އެއް ދުވަހުން ދެ ދުވަހުން ކުރެވޭނެ ކަމަކަށް ނުވި ނަމަވެސް، ވިސްނުންތެރިކަމާ އެކު މިކަމަށް ބޮޑެތި ބަދަލުތަކެއް ގެނެވިދާނެއެވެ. އެގޮތުން ފުރާވަރުގެ ކުދިންނާ ބައްދަލުވުމުން އެ ކުދިންގެ ސިފައަށް ވާހަކަ ދެއްކުމުގެ ބަދަލުގައި، އެ ކުދިންގެ ހުނަރުތަކާއި ޝައުޤުވެރިކަން ހުންނަ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކާށެވެ. ކިޔަވާ ފިލާވަޅުތަކާއި، ކުޅިވަރުގެ މައިދާނުގައި ހޯދާ ކާމިޔާބީތަކާއި، އުފެއްދުންތެރި މަސައްކަތްތަކާއި، އާ ކަންކަން ދަސްކުރާ ވާހަކަތަކަށް އިސްކަންދިނުމުން، ވާހަކައިގެ މިސްރާބު ރަނގަޅު މަގަށް އަނބުރާލެވޭނެއެވެ.

ސިފައަށް ފާޑުކިޔުމުގެ "ސަމާސާ" ތަކުގެ ބަދަލުގައި، ފުރާވަރުގެ ކުދިންގެ ހިތްތަކަށް ހިތްވަރާއި އުފާވެރިކަން ގެނެސްދޭ، ލޯތްބާއި އިޙުތިރާމް އެކުލެވޭ ހިތްފަސޭހަ ބަސްތައް އިޚުތިޔާރުކުރުމަކީ މުސްތަޤުބަލުގައި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން ވެސް އަދާކުރަން ޖެހޭ މުހިންމު ޒިންމާއެކެވެ.

comment ކޮމެންޓް