ތުއްތު ދަރިފުޅަށް ކުރިމަތިވެދާނެ މައްސަލަތަކަށް އަވަސް އަދި ފެންވަރު ރަނގަޅު ހިދުމަތް ލިބެން ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ސީނިއާ މެޑިކަލް އޮފިސާ ޑރ. ރަޒާނާ ފާއިޒް ވިދާޅުވެއްޖެ އެވެ.
ކުރުނބާ މޯލްޑިވްސްގައި މިއަދު ފަށައިގެން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ރަޒާނާ ވިދާޅުވީ، އާއްމުންނަށް ފޯރުކޮށްދެވޭ ހިދުމަތްތަކަކީ ރަނގަޅު ފެންވަރެއްގެ އޯގާތެރި ހިދުމަތްތަކަކަށް ވާންޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ، ބަލީގެ ކުރިން އަލާމާތްތައް ދެނެގަނެ ތުއްތު ދަރިފުޅަށް ކުރިމަތިވެދާނެ އިތުރު މައްސަލަތައް ދެނެގަނެވިއްޖެ ނަމަ އެފަދަ މައްސަލަތަކަށް އަވަސް ފިޔަވަޅު އެޅުމަށް މަގުފަހިވެ، އިތުރު މައްސަލަތަކުން ރައްކާތެރި ކުރެވި އަނބުރާ ދުޅަހެޔޮ ސިއްހަތަކަށް ރުޖޫއަ ކުރެވޭނެ ކަމަށެވެ.
"ތުއްތު ދަރިފުޅަށް ކުރިމަތިވެދާނެ މައްސަލަތަކަށް އަވަސް އަދި ފެންވަރު ރަނގަޅު ހިދުމަތް ލިބެންޖެހޭ. ސަބަބަކީ ދިމާވާ މިފަދަ މައްސަލަތަކަށް ފަރުވާ ނުލިބިއްޖެ ނަމަ އެ ތުއްތު ދަރިފުޅުގެ މުޅި ދިރިއުޅުމަށްވެސް އަސަރު ކުރުމަކީ ވަރަށް އެކަށީގެންވާ ކަމެއް،" ރަޒާނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ މަންދޫބު ޑރ. އަރުވިންދު މާތުރު ވިދާޅުވީ ރާއްޖޭގެ އަތޮޅު ތެރޭގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ޖެހޭ ކަމަށާއި، މީހަކު ވިހަން ވެއްޖެ ނަމަ ފެންނަނީ އަބަދުވެސް މާލެ ނުވަތަ ރާއްޖެއިން ބޭރަށް ދާ މަންޒަރު ކަމަށެެވެ.
އަރުވިންދު ވިދާޅުވީ، ރަނގަޅު ފެންވަރެއްގެ ސިއްހީ ހިދުމަތް އަގު ހެޔޮކޮށް ދިނުމަކީ މުހިއްމު ކަމެއް ކަމަށާއި، މިއަދު ފެށި ތަމްރީން ޕްރޮގްރާމަކީ ސިއްހީ ހިދުމަތުން ދެކެން ބޭނުންވާ 'ބޮޑު މަންޒަރު' ގެ ބައެއް ކަމަށެވެ.
ސިއްހީ ހިދުމަތްދޭ ތަންތަނުގައި ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން ތުއްތު ކުދިންނަށް ދެވޭ ފަރުވާގެ ފެންވަރު މަތިކޮށް މޮނިޓާ ކުރާނެ ގޮތްތައް ދަސްކޮށްދިނުމަށްޓަކައި ދެދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ އެ މަސައްކަތު ބައްދަލުވުމުގައި މާލެއާއި އަތޮޅުތެރޭގެ ސިއްހީ ހިދުމަތްދޭ ތަންތަނުން 35 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.