ކޮށާލާފައި ބަހައްޓާ މޭވާގެ ކުލަ ބަދަލުވަނީ ކީއްވެ؟

ކޮށާލާފައި ހުންނަ މޭވާތަކުގެ ތާޒާކަމާއި ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި، ވައިގެ ތެރެއަށް މާ ގިނައިރު ހާމަވިޔަނުދީ ވީހާވެސް އަވަހަކަށް ކެއުމަކީ މުހިންމު ކަމެއް--ފޮޓޯ/ހިންދުންސްތާންޓައިމްސް

އާފަލާއި ދޮންކެޔޮ ފަދަ މޭވާތައް ކޮށާލުމަށްފަހު ކުޑައިރުކޮޅަކަށް ބަހައްޓާލާއިރަށް އޭގެ ކުލަ މުށިކުލައަށް ބަދަލުވެ، ތާޒާކަން ކެނޑިގެންދާތަން އަޅުގަނޑުމެންނަށް އާންމުކޮށް ފެނެއެވެ. މި ސަބަބާހުރެ، މޭވާ ކޮށާލުމާއެކު ވީހާވެސް އަވަހަކަށް ކެއުމަށް ސިއްޙީ މާހިރުން އިރުޝާދު ދެއްވައެވެ.

ކޮށާފައި ހުންނަ މޭވާގެ ކުލަ މިގޮތަށް ބަދަލުވުމުގެ ފަހަތުގައިވާ ސައިންޓިފިކް ސަބަބުތަކާއި، ކުލަ ބަދަލުވުމުން މޭވާގައި އެކުލެވޭ ހަށިގަނޑަށް ފައިދާހުރި މާއްދާތަކަށް އަސަރުކުރާ މިންވަރާ ގުޅޭގޮތުން، އިންޑިއާގެ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލްސްގެ އިންޓާނަލް މެޑިސިން ކޮންސަލްޓަންޓް ޑރ. ނެތުރާ އެން ވަނީ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ.

ޑރ. ނެތުރާ އޮޅުންފިލުއްވައިދެއްވާ ގޮތުގައި، ކޮށާލާފައި ހުންނަ މޭވާގެ ކުލަ ބަދަލުވުމަކީ "އެންޒައިމެޓިކް ބްރައުނިންގް" ކިޔާ ޤުދުރަތީ ކެމިކަލް މަރުހަލާއެއްގެ ސަބަބުން ހިނގާ ކަމެކެވެ. މޭވާއެއް ކޮށާލުމުން، ނުވަތަ ތޮށި މަށާލުމުން ނުވަތަ ބިންމައްޗަށް ވެއްޓި ޗިސްވުމުން، އޭގެ އެތެރޭގައިވާ ނާޒުކު ސެލްތަކަށް ގެއްލުން ލިބެއެވެ. މިގޮތަށް ސެލްތައް ހަލާކުވުމުން، މޭވާގައި ހުންނަ "ޕޮލިފީނޯލް އޮކްސިޑޭސް" ކިޔާ އެންޒައިމެއް ވައިގެ ތެރޭގައި ހުންނަ އޮކްސިޖަނާ ބައްދަލުވެ އެކުވެއެވެ.

މި ދެ މާއްދާ އެކުވުމާއެކު އުފެދޭ ކެމިކަލް ރިއެކްޝަންގެ ސަބަބުން، މޭވާގައި ޤުދުރަތީ ގޮތުން ހުންނަ ފީނޯލިކް މާއްދާތައް އޮކްސިޑައިޒްވެ، "ކުއިނޯންސް" ކިޔާ މާއްދާއެއް އުފެދެއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން "މެލަނިންސް" ކިޔާ މުށިކުލައިގެ ޕިގްމަންޓްތައް އުފެދި، މޭވާގެ ބޭރުފުށަށް މުށިކުލަ އަރައިގެންދެއެވެ. އާފަލާއި، ދޮންކޭލާއި، ޕެއާސް އަދި އެވޮކާޑޯ ފަދަ މޭވާތައް ކޮށާލާތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކުލަ ބަދަލުވާން ފަށަނީ މި ސަބަބާ ހުރެއެވެ.

ފްރިޖުގައި ހުރި މޭވާތައް ބޭނުންކޮށްގެން ސިއްހަތަށް ފައިދާހުރި ވަގުތީ ކާނާއެއް ތައްޔާރުކޮށް، ގަވާއިދުން މޭވާ ކެއުން ދިރިއުޅުމުގެ އާދައަކަށް ހެދިދާނެ--ފޮޓޯ/ފޭސްބުކް

މޭވާގެ ކުލަ މުށިކުލައަށް ބަދަލުވުމަކީ އެ މޭވާ ކެއުމަށް ރައްކާތެރި ނުވުމެއް ނުވަތަ އޭގައި އެކުލެވޭ ކާނާގެ ފައިދާ އެއްކޮށް ގެއްލިގެން ދިއުމެއް ނޫންކަމަށް ޑރ. ނެތުރާ ޔަޤީންކޮށްދެއްވައެވެ. ކުލަ ބަދަލުވާން ފަށާ ފުރަތަމަ މަރުހަލާގައި، މޭވާގައި ހުންނަ ޑައެޓަރީ ފައިބަރާއި، ކާބޯހައިޑްރޭޓްސް އާއި، މިނަރަލްސްގެ އިތުރުން ގިނަ އަދަދެއްގެ އެންޓިއޮކްސިޑެންޓްތައް އެއްވެސް އުނިކަމެއް ނެތި އޭގެ އަސްލު ގޮތުގައި ދެމިހުރެއެވެ.

އެހެންނަމަވެސް، ކޮށާފައި ހުންނަ މޭވާ އޮކްސިޖަނާއި، އަލި އަދި ކޮޓަރީގެ ފިނިހޫނުމިނަށް މާ ގިނައިރު ހުށަހެޅިފައި ހުންނަނަމަ، ވިޓަމިން ސީ އަދި ބައެއް ޕޮލިފީނޯލިކް އެންޓިއޮކްސިޑެންޓްސް ފަދަ ނާޒުކު މާއްދާތައް މަޑުމަޑުން މަދުވުމަކީ އެކަށީގެންވާ ކަމެކެވެ. މި މާއްދާތައް އުނިވާ މިންވަރު ބިނާވަނީ މޭވާގެ ބާވަތަށާއި، އެ ރައްކާކޮށްފައި ބަހައްޓާ ގޮތުގެ އިތުރުން ހާމައަށް ހުންނަ ވަގުތުގެ ދިގުމިނަށެވެ.

މީގެ އިތުރުން، ޤުދުރަތީ ގޮތުން ކުލަ ބަދަލުވުމާއި މޭވާ ކުނިވެ ހަލާކުވުމާ ދެމެދު ހުރި ތަފާތު ދެނެގަތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ޑރ. ނެތުރާ ފާހަގަކުރައްވައެވެ. ރަނގަޅަށް ރައްކާކޮށްފައި ހުރި، ކުޑަކޮށް މުށިކުލަ އަރާފައިވާ އާފަލެއް ނުވަތަ ދޮންކޭލެއް ކެއުމަކީ އާންމު ގޮތެއްގައި އެއްވެސް މައްސަލައެއް ނެތް ރައްކާތެރި ކަމެކެވެ.ނަމަވެސް، މޭވާއިން ނުބައި ވަހެއް ދުވާނަމަ، ނުވަތަ އޭގައި ލޮނދިކަމެއް ހުރިނަމަ، ނުވަތަ ފޫޖަހައި ކުނިވާން ފަށާފައިވާ ކަމުގެ އަލާމާތެއް ފެންނަނަމަ އެ މޭވާއެއް ކެއުމަށް ބޭނުންކޮށްގެން ނުވާނެއެވެ. އެހެނީ، ހަމައެކަނި މުށިކުލަ އެރުމަކީ ބެކްޓީރިއާގެ އަސަރުކޮށްފައިވާ ކަމުގެ ހެއްކެއް ނޫނެވެ.

ކޮށާފައި ހުންނަ މޭވާގެ ތާޒާކަން ހިފަހައްޓައި، އޭގެ ކުލަ ބަދަލުވުން ލަސްކުރުމަށްޓަކައި ބަދިގޭގައި ވަރަށް ފަސޭހައިން ކުރެވިދާނެ އާދައިގެ ކަންތައްތަކެއް އެބަހުއްޓެވެ. މިގޮތުން، މޭވާ ކޮށާލުމަށްފަހު އޭގެ މައްޗަށް ކުޑަ ލުނބޯ ހުތްކޮޅެއް ޖަހާލުމަކީ ވަރަށް ބޭނުންތެރި އުކުޅެކެވެ. ލުނބޮލުގައި ހުންނަ ހުތްކަމުގެ ސަބަބުން މުށިކުލަ އަރުވާ އެންޒައިމްގެ މަސައްކަތް މަޑުޖައްސާލާއިރު، ލުނބޮލުގައި އެކުލެވޭ ވިޓަމިން ސީ އަކީ ވަރުގަދަ އެންޓިއޮކްސިޑެންޓަކަށް ވާތީ، އޮކްސިޑޭޝަންގެ މަރުހަލާ ލަސްކޮށްދެއެވެ. ހަމައެއާއެކު، ވައި ނުވަންނަ ގޮތަށް ރަނގަޅަށް ބަންދުކުރެވޭ ތަށްޓަކަށް މޭވާ އެޅުމަށްފަހު ވީހާވެސް އަވަހަކަށް ފްރިޖަށް ލުމަކީ، ވައިގެ ތެރެއަށް މޭވާ ހާމަވާ މިންވަރު ކުޑަކޮށްދީ، އޭގެ ކުލަ އާއި ފައިދާ ހިފަހައްޓައިދޭނެ ކަމެކެވެ.

ކުރުކޮށް ދަންނަވާނަމަ، އެންމެ ރަނގަޅު ގޮތަކީ މޭވާ ކޮށާލުމަށްފަހު ވީހާވެސް އަވަހަކަށް ކެއުން ކަމުގައި ވިޔަސް، ހަމައެކަނި ބޭރުފުށުގެ ކުލަ މުށިކުލައަށް ބަދަލުވުމަކީ މޭވާ އުކާލަންޖެހޭ ސަބަބެއް ނޫނެވެ. ސިއްހީ ނަޒަރަކުން ބަލާއިރު، މޭވާ ކެއުމުން އެއްކޮށް ދުރުހެލިވުމަށްވުރެ، ކުޑަކޮށް މުށިކުލަ އަރާފައިވާ މޭވާއެއް ކެއުންވެސް ހަށިގަނޑަށް މާ ބޮޑަށް ފައިދާހުރެއެވެ. އެންމެ މުހިންމު ކަމަކީ ކުލައަށް އަންނަ ކުދިކުދި ބަދަލުތަކާ މެދު މާ ބޮޑަށް ކަންބޮޑުވުމުގެ ބަދަލުގައި، ދުވަހުގެ ހަމަހަމަ ކާނާގެ ތެރޭގައި ޤަވާއިދުން މޭވާ ހިމެނުމެވެ.

comment ކޮމެންޓް