ފިއުލް ސަރޗާޖުގެ ގޮތުގައި ކަރަންޓު ޔުނިޓަކުން ހަތަރު ލާރި ނަގާ ގޮތަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ނިންމައިފި އެވެ.
ސްޓެލްކޯއިން މި ގޮތަށް ނިންމީ އެ ކުންފުންޏަށް ޑީސަލް ލީޓަރެއް ގަންނަން ލިބޭ އަގު 8.12 ރުފިޔާއަށް ބޮޑުވެފައިވާތީ އެވެ. އަދި މިއީ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކަރަންޓުގެ އަގަށް ބަދަލު ގެނައި ފަހުން ފިއުލް ސާޗާޖު ކަރަންޓް ބިލުގައި ހިމަނާ ފުރަތަމަ ފަހަރެވެ.
މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން މި ޗާޖު ނަގަން ނިންމާފައިވާއިރު ސްޓެލްކޯގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފެބްރުއަރީ މަހު ޑީސަލް ލީޓަރެއް ގަންނަން ލިބުނީ 7.05 ރުފިޔާ އަށެވެ. އެޕްރީލް މަހު މި އަގު ވަނީ 7.50 ރުފިޔާއަށް ބޮޑުވެފައެވެ. އަދި އޭގެ ފަހުން ޖޫން މަހު ތެޔޮ ލީޓަރެއްގެ އަގު 7.97ރ. އަށް ބޮޑުވެފައިވެ އެވެ.
ކަރަންޓުގެ ހިދުމަތްދޭ ސަރުކާރު ކުންފުނިން މިބަދަލު ގެނެސްފައި މިވަނީ އެކުންފުންޏަށް ޑީސަލް ގަންނަން ލިބޭ އަގު ލީޓަރެއް 8 ރުފިޔާއަށްވުރެ ބޮޑުވެއްޖެ ނަމަ އިތުރުވާ ކޮންމެ 10 ލާރިއަކަށް ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގުމުގެ ހުއްދަ މޯލްޑިވްސް އެނާޖީ އޮތޯރިޓީން ވަނީ ދީފައި ވަނިކޮށެވެ.