މިހާތަނަށް ޚިދުމަތް ނުފަށާ ޑިވެލޮޕްމެންޓް ބޭންކް މާކެޓް ކުރާނެ ވެރިއަކު ހޯދަނީ

ރައީސާއި މިނިސްޓަރު ސައީދު: އަދިވެސް ޚިދުމަތް ނުފަށާ ޑިވެލޮޕްމަންޓް ބޭންކު މާކެޓުކުރާނެ ވެރިޔަކު ހޯދަން މިއަދު ވަނީ އިއުލާނުކޮށްފައި -- ފޮޓޯ/ ބީސީސީ

އުމްރާނީ ތަރައްގީއަށާއި އިގްތިސޯދީ މަޝްރޫއުތަކަށް އިންވެސްޓުކުރުމަށް ސަރުކާރުން އުފެއްދި ނަމަވެސް، އަދިވެސް ޚިދުމަތް ނުފަށާ ޑިވެލޮޕްމަންޓް ބޭންކު މާކެޓުކުރާނެ ވެރިޔަކު ހޯދަން މިއަދު އިއުލާނުކޮށްފިއެވެ.

ޑިވެލޮޕްމަންޓް ބޭންކުގެ އިއުލާނުގައިވާ ގޮތުން، މާކެޓިން ވެރިޔަކު ހޯދަނީ އެއް އަހަރު ދުވަހުގެ މަސައްކަތަށް ބެލުމަށްފަހު ކޮންޓްރެކްޓް އައުކުރާ އުސޫލުންނެވެ.

މި މަގާމަށް އައްޔަންކުރެވޭ މީހާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޑިވެލޮޕްމަންޓް ބޭންކު އިޝްތިހާރުކޮށް ސޯޝަލް މީޑިއާއާއި ބޭންކުގެ ވެބްސައިޓުގައި ބޭންކާ ގުޅޭ މައުލޫމާތު އަދާހަމަކުރުމާއި، އެކިއެކި އިވެންޓުތައް ރޭވުމާއި، ނޫސްބަޔާންތައް ލިޔެ މީޑިއާއާ ގުޅުން ބަދަހިކޮށް، މާކެޓިން ކެމްޕެއިން ހިންގުން ހިމެނެއެވެ.

މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި މާކެޓިން އަދި ކޮމިއުނިކޭޝަންސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަނާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއި، އޯލެވެލް އިނގިރޭސިން ފާސްވެފައިވުން ހިމެނެއެވެ. އެކަމަކު މާކެޓިން އަދި ކޮމިއުނިކޭޝަންސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަނާއި ގުޅުންހުރި ދާއިރާއަކުން ޑިގްރީ ހާސިލްކުރާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް، ޝަރުތުތަކުގައި ވެއެވެ.

އޭގެ އިތުރުން ގުޅުންހުރި ދާއިރާތަކުން މަދުވެގެން ފަސް އަހަރުގެ މަސައްކަތުގެ ތަޖުރިބާއެއް އޮތުމާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކާއި މާކެޓިން ކެމްޕެއިން ހިންގުމުގެ ތަޖުރިބާއަށް ވެސް، މަގާމަށް ހޮވާއިރު ބަލާނެއެވެ.

މަގާމުގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 20،000 ރުފިޔާއާއި 30،000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ. އެ ދެމެދުން މުސާރަ ކަނޑައަޅާނީ ތަޖުރިބާއާއި ތައުލީމަށް ބެލުމަށްފަހު ކަމަށް، އިއުލާނާއެކު އާންމުކުރި ކަރުދާހުގައި ވެއެވެ.

މި މަގާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހު އިރުއޮއްސި ހައެއް ޖަހާއިރެވެ.

ފާހަގަކުރެވޭ ގޮތުގައި، ޑިވެލޮޕްމަންޓް ބޭންކު، ޑީބީއެމަށް 10 މެނޭޖަރުން ހިމެނޭ ގޮތަށް، 13 މަގާމަކަށް މުވައްޒަފުން ހޯދަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް އިއުލާނުކުރިއެވެ.

https://sun.mv/215392

ޑީބީއެމުން ވަނީ ފްރަންޓް އޮފީސް އެގްޒެކެޓިވަކާއި މާކެޓިން އެގްޒެކެޓިވެއް ހޯދުމަށް ކުރި އިއުލާނުގެ އިތުރުން އެތެރޭގެ އޮޑިޓް މެނޭޖަރަކާއި ލީގަލް މެނޭޖަރަކާއި ކްރެޑިޓް އެންޑް ރިސްކް މެނޭޖަރަކާއި އެޗްއާރާއި އިދާރީ މެނޭޖަރަކާއި އައިޓީ މެނޭޖަރެއްގެ އިތުރުން ދެ ކޮމްޕަލަޔަންސް މެނޭޖަރަކާއި ތިން ފައިނޭންސް މެނޭޖަރަކު ހޯދަން އިއުލާނުކޮށްފައެވެ.

އިއުލާނުގައިވާ ގޮތުން މެނޭޖަރު ފެންވަރުގެ މަގާމުތަކުގެ މުސާރަ އުޅެނީ 35،000 ރުފިޔާއާއި 45،000 ރުފިޔާ އާ ދެމެދެވެ. އަދި އެގްޒެކެޓިވް ފެންވަރުގެ މަގާމުތަކުގެ މުސާރަ އުޅެނީ 20،000 ރުފިޔާއާއި 30،000 ރުފިޔާއާ ދެމެދެވެ.

ރާއްޖޭގައި ޑިވެލޮޕްމަންޓު ބޭންކެއް ގާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެ ބޭންކް އެސްޓީއޯގެ އެލައިޑް ބިލްޑިންގުގައި ހިންގާ ގޮތަށް އިފުތިތާހުކުރީ ނޮވެންބަރު 16، 2024ގައެވެ. އެ ތާރީޚުން ފެށިގެން ޑީބީއެމުން މަހު ކުލީގެ ގޮތުގައި އެސްޓީއޯއަށް 75،892 ރުފިޔާ ދައްކަންޖެހެއެވެ. ނަމަވެސް އަދިވެސް އެ ބޭންކުގެ ޚިދުމަތް ރަސްމީކޮށް ދޭން ފެށިފައެއް ނުވެއެވެ.

އެ ބޭންކު ހިންގަން ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވި ނަމަވެސް، އަދިވެސް އެ ބޭންކުގެ ޚިދުމަތް ފެށޭނެ ތާރީޚެއް ނޭނގެއެވެ.

https://sun.mv/221563

އޭގެ އިތުރުން އެ ބޭންކަށް ފުރަތަމަ އަހަރު 2.3 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ބޭންކުގެ 2024 ވަނަ އަހަރުގެ ރިޕޯޓުން ވަނީ ދައްކައިފައެވެ.

ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކުގެ މާކެޓިން ހެޑްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް އުސޫލުން ހަމަޖައްސާ މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ބޭންކު އިޝްތިހާރުކުރުމާއި، ސޯޝަލް މީޑިއާ ހިންގުމާއި، މާކެޓިން ކެމްޕެއިންތައް ރާވައި ހިންގުމެވެ. މި މަގާމުގެ މުސާރައަކީ ތަޖުރިބާއާއި ތައުލީމަށް ބަލައި 20,000 އާއި 30,000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ. ނޮވެންބަރު 16، 2024 ގައި އިފުތިތާހުކުރި މި ބޭންކުން އަދި ރަސްމީކޮށް ޚިދުމަތް ދޭން ފަށާފައިނުވާއިރު، އެސްޓީއޯ އެލައިޑް ބިލްޑިންގުގައި ހިންގާ އޮފީހަށް މަހަކު 75,892 ރުފިޔާ ކުލީގެ ގޮތުގައި ދައްކަންޖެހެއެވެ. މީގެ އިތުރުން، ބޭންކު ހިންގަން ފެށޭނެ ސީދާ ތާރީޚެއް ނޭނގޭއިރު، ފުރަތަމަ އަހަރު ބޭންކަށް 2.3 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ.

  • އިއުލާނުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓަކަށް މާކެޓިން ވެރިޔަކު ހޯދުމަށެވެ.
  • މަގާމުގެ ޝަރުތަކީ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ނުވަތަ ޑިގްރީއެއް އޮތުމާއެކު، ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވުމެވެ.
  • މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 20,000 ރުފިޔާއާއި 30,000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.
  • މި މަގާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އެވެ.
  • ބޭންކުގެ ޚިދުމަތް އަދި ފެށިފައިނުވާއިރު، ފުރަތަމަ އަހަރު 2.3 މިލިއަން ރުފިޔާގެ ގެއްލުންވެފައިވެއެވެ.
  • ޑިވެލޮޕްމަންޓް ބޭންކުގެ ޚިދުމަތްތައް އާންމުންނަށް ތައާރަފުކުރުމަށް މާކެޓިން ވެރިޔަކު އައްޔަންކުރުން.
  • އާދީއްތަ ދުވަހުގެ އިރުއޮއްސި ހައެއްގެ ކުރިން މަގާމަށް އެދި ހުށަހެޅުން.
  • ބޭންކުގެ އޮޕަރޭޝަންސް ނުފެށި، ބޮޑު ކުއްޔެއް ދައްކަންޖެހުމާއި މާލީ ގެއްލުންތަކަކާ ކުރިމަތިލާންޖެހިފައިވުން.
comment ކޮމެންޓް