ބްރައިޑް ފެއާގެ ޓައިޓަލް ސްޕޮސަރަކަށް މިފަހަރުވެސް ފިލިޕްސް

ބްރައިޑް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން މިދިޔަ އަހަރު ބޭއްވި ފިލިޕްސް ބްރައިޑް ފެއާގެ ތެރެއިން -- ސަން ފައިލް ފޮޓޯ

ބްރައިޑް މޯލްޑިވްސްއިން ބާއްވަމުން އަންނަ 'ބްރައިޑް ފެއާ'ގެ ޓައިޓަލް ސްޕޮންސަރަކަށް މިފަހަރުވެސް އެސްޓީއޯއިން ރާއްޖެ އެތެރެކޮށް މާކެޓްކުރާ ބްރޭންޑެއް ކަމަށްވާ ޕިލިޕްސް ހަމަޖައްސައި އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. މިދިޔަ އަހަރު ބޭއްވި ބްރައިޑް ފެއާގެ ޓައިޓަލް ސްޕޮންސަރަކީވެސް ފިލިޕްސް އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ބްރައިޑް މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ޑިރެކްޓަރ އިބްރާހިމް ނިހާދެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ މުހައްމަދު މުރާދެވެ.

ސޮއިކުރެއްވުމަށް ފަހު އެސްޓީއޯގެ ޖެނެރަލް މެނޭޖަރ މުރާދު ވިދާޅުވީ، އެސްޓީއޯއިން ވިއްކާ ގްރޫމިންގ ޕްރޮޑަކްޓްސްގެ ތެރެއިން ގިނަ ޕްރޮޑަކްޓްތަށް ހާއްސަ ކުރެވިފައިވަނީ އަންހެން ކަނބަލުންނަށް ކަމަށާއި މި ފެއާ އެސްޓީއޯގެ ފަރާތުން ސްޕޮންސަރ ކުރި މައިގަނޑު ސަބަބަކީ އެއީ ކަމަށެވެ.

ބްރައިޑް މޯލްޑިވްސްގެ ޑިރެކްޓަރ ނިހާދު ވިދާޅުވީ، ބްރައިޑް ފެއާގެ މަގުސަދަކީ ކޮންމެ އަހަރެއްގައި ވެސް އާޑިޒައިންތަށް މާކެޓަށް ނެރުން ކަމަށާއި އެކަން ވަރަށް ރަނގަޅަށް ހާސިލްވަމުންދާ ކަމަށެވެ.

މިއަހަރުގެ ފެއާގެ ޕާފިއުމް ޕާޓްނަރުގެ ގޮތުގައި ހަމަޖައްސާފައި ވަނީ ލިންޓެލް އިންވެސްޓްމަންޓެވެ. ޝޫސް އެންޑް ޖުވެލަރީ ޕާޓްނަރުގެ ގޮތުގައި ފިނޭސް ހަމަޖައްސާފައިވާއިރު، މޭކްއަޕް ޕާޓްނަރަކީ ހީޓް ސެލޫނެވެ. ޕްރިންޓިން ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ޕްރިންޓް ލެބެވެ. ކޭކް ޕާޓްނަރަކީ އެފެސް ކޭކްސް އެވެ. އޮންލައިން ޕާޓްނަރަކީ "މިހާރު" އެވެ.

މިފަހަރުގެ ބްރައިޑްފެއާ އޮންނާނީ އަންނަ މަހުގެ ހަޔަކުން އަށަކަށް ދަރުބާރުގޭގައެވެ.

comment ކޮމެންޓް