އެސްޓީއޯ ހޯމްއިޕްރޫވްމަންޓް ބަށި މުބާރާތް ނޮވެމްބަރު 20ގައި

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުން -- ސަން ފައިލް ފޮޓޯ

ބަށި ބޯލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ބަށި ބޯޅަ މުބާރާތް މިއަހަރު ވެސް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ސްޕޮންސަރކޮށް، ނޮވެމްބަރު 20ގައި އެ މުބާރާތް ބޭއްވުމަށް ނިންމައިފިއެވެ.

އެސްޓީއޯއިން ބުނީ މިއަހަރުގެ ބަށި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމް ކަނޑައަޅާފައިވާ ކަމަށާއި ދެވަނަ ޓީމަކަށް ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމް ދޭނެކަމަށެވެ. އަދި ތިން ވަނައަށް ދާ ޓީމަކަށް ފަންސަވީސް ހާސް ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ އޮކްޓޯބަރު މަހުން ފެށިގެން، އެ މަސް ނިމެންދެން ވަނީ ހުޅުވާލާފައެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން ފޯމް ފުރިހަމަ ކުރުމަށް ފަހު، އެސްޓީއޯއަށް ނުވަތަ ބަށި ބޯޅަ އެސޯސިއޭޝަނަށް ހުށަހެޅުމުން މުބާރާތުގައި ބައިވެރިވެވޭނެއެވެ.

އެސްޓީއޯއިން ބުނީ ވޭތުވެދިޔަ ފަސް އަހަރު ވެސް އެ މުބާރާތުގައި ބައިވެރިވި ޓީމްތަށް އައީ އަހަރަކަށް ވުރެ އަހަރެއް އިތުރު ވަމުން ކަމަށާއި މިއަހަރުގެ އަމާޒަކީ ވެސް މިދިޔަ އަހަރަށް ވުރެ ގިނަ ޓީމްތަށް މުބާރާތުގައި ބައިވެރިވުން ކަމަށެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ ވޭތުވެދިޔަ ހަތަރު އަހަރުގެ ޗެމްޕިއަނުންނަކީ ވެސް ފ. ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމެވެ.

comment ކޮމެންޓް