ފުލުހުންގެ ސްޕޯކްސްޕާސަންގެ މަގާމަށް ޝިފާން އައްޔަންކޮށްފި

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން: އޭނާގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ފުލުހުންގެ މީޑިއާ ކަންތައްތައް ހިންގުން ހިމެނޭ-- ސަން ފައިލް ފޮޓޯ

ފުލުހުންގެ އިދާރާގެ ސްޕޯކްސްޕާސަންގެ މަގާމަށް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އައްޔަންކޮށްފި އެވެ.

ޝިފާނަކީ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް، ހުސައިން ވަހީދުގެ ސްޕޯކްސްޕާސްގެ މަގާމު ވެސް ފުރުއްވެވި ބޭފުޅެކެވެ.

ފުލުހުންގެ ސްޓްރެޓެޖީ އެންޑް ލީގަލް ޑިޕާޓްމަންޓްގެ ހެޑްގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވާ ޝިފާން "ސަން"އަށް މިއަދު ވިދާޅުވީ ސީޕީގެ ސްޕޯކްސްޕާސަންގެ މަގާމަށް މިއަދު އޭނާ އައްޔަން ކުރައްވާފައިވާ ކަމަށާއި މަސްއޫލިއްޔަތުގެ ތެރޭގައި ފުލުހުންގެ މީޑީއާ ހިންގުން ހަވާލު ކުރައްވާފައިވާ ކަމަށެވެ.

"އަޅުގަނޑު އުންމީދަކީ ފުލުހުން ކުރަމުންދާ އިހްލާސްތެރި މަސައްކަތުގެ މައުލޫމާތު ތާޒާ ކަމާއެކު، އާންމުނަށް ލިބޭނެ މަގު ތަނަވަސް ކުރުން. ފުލުހުންގެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ވެސް އެ މައުލޫމާތު ތެދުވެރިކަމާއެކު ވީހާ ވެސް އަވަހަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ މަގުސަދު،" ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ހެޑްގެ މަގާމު ވެސް ފުރުއްވެވި ޝިފާން ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާ ފަހުގެ ތާރީހެއްގައި އެންމެ ހަލަބޮލިވި ދުވަސްވަރު ޝިފާން ވަނީ ސައުތު ޕޮލިސް ޑިވިޝަންގެ ހެޑްގެ މަގާމު ވެސް ފުރުއްވާފަ އެވެ.

ފުލުހުންގެ ސްޕޯކްސްޕާސަންގެ މާގަމަށް ޝިފާން އައްޔަން ކުރެއްވުމުގެ ކުރިން އެ މަގާމުގައި ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒެވެ.

comment ކޮމެންޓް