މަޝްވަރާތަކުގައި ބައިވެރިވާނީ ލީޑަޝިޕުން ކަނޑައަޅާ މަންދޫބެއް: އެމްޑީޕީ

އެމްޑީޕީން މިރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ އެމްޑީޕީ

ސަރުކާރާ ސިޔާސީ ޕާޓީތަކާ ދެމެދު މަޝްވަރާތައް ފެށުމަށް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގު)ން ރާއްޖެއަށް އަންގާފައި ވާތީ، އެ މަޝްވަރާތަކުގައި އެމްޑީޕީ ތަމްސީލުކުރާނީ، އެޕާޓީގެ ލީޑާޝިޕުން ކަނޑައަޅާ މަންދޫބެއް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމައިފި އެވެ.

އެމްޑީޕީން އެގޮތަށް ނިންމީ މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ހުށަހެޅި ގަރާރަކުންނެވެ. ގައުމީ މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވީ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ.

ގަރާރު ހުށަހަޅުއްވަމުން ޝިފާޒު ވިދާޅުވީ، ސީމެގުގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމެނުމުން މަރުހަބާ ކިޔާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީން ބޭނުން ވަނީ ސީމެގުން ހުށަހަޅާފައިވާ ކަންތައްތަކާ ބެހޭ ގޮތުންސަރުކާރާ އެކު އިހުލާސްތެރިކަމާ އެކު ވާހަކަދައްކަން ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން ފަށާފައިވާ މަޝްވަރާތަކުގައި އެޕާޓީން ބައިވެރިވާނީ އދ. ފަދަ ޖަމިއްޔާއެއްގެ މަންދޫބަކާއެކު ކަމަށެވެ.

ޝިފާޒު މިރޭ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރަށް 37 މެމްބަރަކު ވޯޓު ދެއްވި އެވެ. ގައުމީ މަޖިލީހަށް މިރޭ ހާޒިރުވީ 39 މެމްބަރުން ނެވެ.

ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ގަރާރު ހުށަހަޅުއްވަނީ: ފޮޓޯ/ އެމްޑީޕީ

ސަރުކާރުން ފަށާފައިވާ މަޝްވަރާތަކުގައި ބައިވެރިވާނީ ޕާޓީގެ ލީޑާޝިޕުން ކަނޑައަޅާ މަންދޫބަކާ އެކު ކަމަށް އިދިކޮޅު އެމްޑީޕީން މިރޭ ނިންމާފައިވާއިރު ސަރުކާރުން އިއްޔެ ވަނީ، މަޝްވަރާތަކުގައި އެމްޑީޕީގެ އިތުރުން އަދާލަތު ޕާޓީގެ ފަރާތުން ބައިވެރިވާނެ ފަރާތްތަކުގެ ނަންތައް ރައީސް އޮފީހަށް ފޮނުވުމަށް އަންގައިފައެވެ.

އެމްޑީޕީއާއި އަދާލަތު ޕާޓީ އިން މިހާތަނަށް ވަނީ، ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދަން މަސައްކަތްކުރި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އެއްބާރުލުން ނުދީ އެވެ. އެ ދެ ޕާޓީން ވެސް އެކި ފަހަރު މަތިން ސަރުކާރަށް ޝަރުތުތަކެއް ކުރިމަތިކުރުވި އިރު، ސަރުކާރުން ވަނީ ދޫ ވެސް ދީފައެވެ. އެހެން ނަމަވެސް އެ ދެ ޕާޓީން އެއްބާރުލުން ލިބޭ ގޮތް ވަނީ ނުވެފައެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި، ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕުގެ ބައްދަލުވުމުގައި، އެ ގްރޫޕުން ވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް އެއްވެސް ޝަރުތުތަކެއް ކުރިމަތި ނުކޮށް މަޝްވަރާތައް ފެށުމަށް އަންގައިފައެވެ.

ސީމެގުން އެހެން އެންގުމާ ގުޅިގެން އިދިކޮޅު އެމްޑީޕީއިން ބުނެފައިވަނީ، ސީމެގުން ރާއްޖެއާ މެދު ފިޔަވަޅު އަޅައި، ރާއްޖެއަށް އެކަމުގެ ގެއްލުންތައް ކުރިމަތިވުމުގެ ކުރިން މަޝްވަރާތައް އަލުން ފެށުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ރޭ "ސަން" އަށް ވިދާޅުވީ، ސީމެގުގެ ނިންމުން ރަނގަޅު ކަމަށާއި މި ހަފްތާ ތެރޭގައި މަޝްވަރާތަކުގެ މަސައްކަތް އަލުން ފަށާނެ ކަމަށެވެ.

"ސަރުކާރުން އެކި ފަހަރު މަތިން މަސައްކަތް ކޮށްފައި ވާނީ މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް. އިދިކޮޅު ދެ ޕާޓީއަކުން، އެއީ އެމްޑީޕީއާ އަދާލަތުން ވަނީ ދެކޮޅު ހަދާފައި މަޝްވަރާގައި ބައިވެރިވާން،" ޑރ. ޝައިނީ ވިދާޅުވިއެވެ.

comment ކޮމެންޓް