ޒުވާން ވިޔަފާރިވެރިންގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކޮމާޝަލް ބޭންކް އެހީވާނެ: ޗަމްޕާ އަފީފު

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ހުޅުވުމުގެ ރަސްމިއްޔާތުގައި އަފީފު ވާހަކަ ދައްކަވަނީ --

އަލަށް ހުޅުވި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް" (ސީބީއެމް) މިއަދު ހުޅުވާފައިވާ އިރު އެ ބޭންކުން، ވިޔަފާރީގެ ދާއިރާއަށް ނުކުންނަ ޒުވާނުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭނެ ކަމަށް އެ ބޭންކުގެ ޗެއާމަން ޗަމްޕާ ހުސެއިން އަފީފް ވިދާޅުވެއްޖެ އެވެ.

އެ ބޭންކަކީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްގެ ހިއްސާ އޮންނަ ޓްރީ ޓޮޕް އިންވެސްޓްމަންޓާއި ސްރީލަންކާގެ ކޮމާޝަލް ބޭންކު ގުޅިގެން، 150 މިލިއަން ރުފިޔާގެ ރައުސުލްމާލާ އެކު މިއަދު ހުޅުވި ބޭންކެކެވެ.

އަމީރު އަހުމަދު މަގުގައި ހުންނަ ކޮމާޝަލް ބޭންކު އިފްތިތާހު ކުރުމަށް މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ، ސީބީއެމްއާ އެކު ރާއްޖޭގައި ޒުވާން ވިޔަފާރިވެރިން އުފައްދަން އެ ބޭންކުން އެހީތެރިވާނެ ކަމަށެވެ. އަދި ވިޔަފާރިއަށް ނުކުންނަށް ބޭނުންވާ ޒުވާނުން އެ ހުވަފެން ދެކުން ހުއްޓާ ނުލުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

"ވަރަށް ގިނަ އާ ފުރުސަތުތަކެއް ހުޅުވިގެން ދާނެ، ހަމައެކަނި ވިޔަފާރިތައް ގާއިމުކުރުމަކަށް ނޫން، ނަމަވެސް ކުދި ވިޔަފާރިތަކަށް ބޮޑެތި ފުރުސަތުތަކެއް މި ބޭންކް ހުޅުވިގެން ދިޔުމުން ލިބޭނެ،" ރާއްޖޭގެ ޓޫރިޒަމްގައި ވެސް އުހަށް އަރާފައިވާ އަފީފް ވިދާޅުވި އެވެ.

އަފީފް ވިދާޅުވީ ޓްރީޓޮޕް އިންވެސްޓްމެންޓްގެ ފަރާތުން ރާއްޖޭގައި ގިނަ ހިދުމަތްތަކެއް ކުރިއެރުވުމަށް މަސައްކަތްތްކެއް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާ އަށް ވެސް އަމާޒުކޮށް ގިނަ މަސައްކަތްތަކެއް ކުރާ އިރު، ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު ހޮސްޕިޓަލް ހުޅުމާލޭގައި އަންނަ އަހަރު މެދުތެރޭ ނިންމާލެވޭ ވަރު ވާނެ ކަމަށް އަފީފު ވިދާޅުވި އެވެ.

އަފީފް ވިދާޅުވީ ބޭންކު އުފައްދަން ހެދި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ފައިދާކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި އެ ދެ ފަރާތުން މަސައްކަތްކުރާނީ އިތުބާރާ އެކު ޔަގީންކަމާއެކީ އިގްތިސާދުފުޅާކުރަން އެހީތެރިވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް