މަޝްވަރާތަކާ މެދު ގޮތެއް ނިންމަން އެމްޑީޕީގެ ގައުމީ މަޖިލިސް މިރޭ ބައްދަލުކުރަނީ

އެމްޑީޕީއިން މީގެ ކުރިން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ

ސަރުކާރާ ސިޔާސީ ޕާޓީތަކާ ދެމެދު މަޝްވަރާތައް ކުރަން ފެށުމަށް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގު)ން ރާއްޖެއަށް އަންގާފައި ވާތީ، މަޝްވަރާތަކުގައި ބައިވެރިވުމާ މެދު ގޮތެއް ނިންމުމަށް އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީސް މިރޭ ބޭއްވުމަށް އެ ޕާޓީން ނިންމައިފި އެވެ.

އެމްޑީޕީ އިން ބުނެފައި ވަނީ، މަޝްވަރާތަކާ މެދު ގޮތެއް ނިންމުމަށް އެޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރޭ 9:00ގައި އޮންނާނެ ކަމަށެވެ.

އެމްޑީޕީ އިން މަޝްވަރާތަކުގައި ބައިވެރިވުމާ މެދު ގޮތެއް މިރޭ ނިންމާނެ ކަމަށް ބެލެވޭ އިރު، ސަރުކާރުން އިއްޔެ ވަނީ، މަޝްވަރާތަކުގައި އެމްޑީޕީގެ އިތުރުން އަދާލަތު ޕާޓީގެ ފަރާތުން ބައިވެރިވާނެ ފަރާތްތަކުގެ ނަންތައް ރައީސް އޮފީހަށް ފޮނުވުމަށް އަންގައިފައެވެ.

އެމްޑީޕީއާއި އަދާލަތު ޕާޓީ އިން މިހާތަނަށް ވަނީ، ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދަން މަސައްކަތްކުރި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އެއްބާރުލުން ނުދީ އެވެ. އެ ދެ ޕާޓީ އިން ވެސް އެކި ފަހަރު މަތިން ސަރުކާރަށް ޝަރުތުތަކެއް ކުރިމަތިކުރުވި އިރު، ސަރުކާރުން ވަނީ ދޫ ވެސް ދީފައެވެ. އެހެން ނަމަވެސް އެ ދެ ޕާޓީއިން އެއްބާރުލުން ލިބޭ ގޮތް ވަނީ ނުވެފައެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި، ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕުގެ ބައްދަލުވުމުގައި، އެ ގްރޫޕުން ވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް އެއްވެސް ޝަރުތުތަކެއް ކުރިމަތި ނުކޮށް މަޝްވަރާތައް ފެށުމަށް އަންގައިފައެވެ.

ސީމެގުން އެހެން އެންގުމާ ގުޅިގެން އިދިކޮޅު އެމްޑީޕީއިން ބުނެފައިވަނީ، ސީމެގުން ރާއްޖެއާ މެދު ފިޔަވަޅު އަޅައި، ރާއްޖެއަށް އެކަމުގެ ގެއްލުންތައް ކުރިމަތިވުމުގެ ކުރިން މަޝްވަރާތައް އަލުން ފެށުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ރޭ "ސަން" އަށް ވިދާޅުވީ، ސީމެގުގެ ނިންމުން ރަނގަޅު ކަމަށާއި މި ހަފްތާ ތެރޭގައި މަޝްވަރާތަކުގެ މަސައްކަތް އަލުން ފަށާނެ ކަމަށެވެ.

"ސަރުކާރުން އެކި ފަހަރު މަތިން މަސައްކަތް ކޮށްފައި ވާނީ މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް. އިދިކޮޅު ދެ ޕާޓީއަކުން، އެއީ އެމްޑީޕީއާ އަދާލަތުން ވަނީ ދެކޮޅު ހަދާފައި މަޝްވަރާގައި ބައިވެރިވާން،" ޑރ. ޝައިނީ ވިދާޅުވިއެވެ.

comment ކޮމެންޓް