މުންޑޫ އާއި ގާދޫއަކީ ފަޅު ރަށެއްގެ ގޮތުގައި ކަނޑައަޅައިފި

ލ. މުންޑޫ --

ލ. އަތޮޅުގެ ދެ ރަށް ކަމުގައިވާ ލ. މުންޑޫ އާއި ލ. ގާދޫއަކީ މީހުން ދިރިނޫޅޭ ދެ ރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަނޑައަޅުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ސޮއިކުރައްވައި، ވަކިވަކިން ނެރުއްވި ދެ ގަރާރެއްގައި ވިދާޅުވެފައި ވަނީ ގާދޫ އާއި މުންޑޫއަކީ މީހުން ދިރިނޫޅޭ ދެ ރަށް ކަމުގައި ވާތީ، ލާމަރުކަޒީ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރުގެ ދަށުން އެ ދެ ރަށަކީ މީހުން ދިރިނޫޅޭ ދެ ރަށް ކަމުގައި ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ލ. ގާދޫ --

ލ. ގާދޫއަކީ ލ. ފޮނަދޫގެ ފަޅުތެރޭގައި އޮންނަ ރަށެކެވެ. މި އަހަރުގެ ކުރީކޮޅު ގާދޫގެ ރައްޔިތުން ވަނީ ފޮނަދޫއަށް ބަދަލުކޮށްފަ އެވެ. ފޮނަދޫ ކައުންސިލުން ނިންމާފައި ވަނީ ގާދޫއަކީ ފަޅު ރަށެއް ކަމަށެވެ. އަދި ގާދޫއަކީ ފޮނަދޫގެ ފަޅުތެރޭގައި އޮންނަ ރަށެއް ކަމުން، ފޮނަދޫގެ އިހްތިސާސްގެ ދަށަށް ގާދޫ ގެނައުމަށް ހުށަހަޅަން ކައުންސިލުން ނިންމި އެވެ.

ދެހާސް ސާދަވަނަ އަހަރު ރާއްޖޭގައި ކުރިޔަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުގައި ލ. މުންޑޫގައި ދިރިއުޅެނީ 230 މީހުންނެވެ. އަދި ބޯހިމެނުން ކުރިޔަށް ގެންދިޔަ އިރު ލ. ގާދޫގެ އާބާދީއަކީ 174 މީހުންނެވެ.

comment ކޮމެންޓް