ޣިޔާސުއްދީން ސްކޫލް ޓެކްނޮލޮޖީއާ އެކު އާ ހަރުފަތަކަށް

ޣިޔާސުއްދީން ސްކޫލުގައި ގާއިމް ކުރި 3ޑީ ކްލާސްރޫމް --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި 3ޑީ ކްލާސްރޫމެއް ގާއިމްކޮށް، ރާސްބެރީ ޕައި އަދި ބީޔޫއޯޑީ ޕްރޮގްރާމް ތައާރަފް ކޮށް ޓެކްނޮލޮޖީގެ ރޮނގުން އާ ހަރުފަތަކަށް ޖެހިލައިފިއެވެ.

މިއަދު އެ ސްކޫލްގައި ވަނީ، 3ޑީ ކްލާސް ރޫމާއި ރާސްބެރީ ޕައި އަދި ބީޔޫއޯޑީ ތައާރަފް ކުރުމަށް ހާއްސަ އެސެމްބްލީ އެއްވެސް ބާއްވައިފައެވެ.

އެ ސްކޫލްގެ ސައިންސް ޑިޕާޓްމަންޓުގެ ހެޑް އާރުބީ ޕްރަޝާބް ވިދާޅުވީ، 3ޑީ ކްލާސްރޫމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި، ގިނަ ދަރިވަރުންނަކީ ފެންނަ އެއްޗަކުން ފަސޭހައިން އެއްޗެހި ނަގައިގަންނަ ކުދިން ކަމަށެވެ.

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ރާސްބެރީ ޕައި އަދި ބީޔޫއޯޑީ ޕްރޮގްރާމް ތައާރަފް ކުރުމަށް މިއަދު ބޭއްވި ހާއްސަ އެސެމްބްލީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

"ހާއްސަގޮތެއްގައި ސައިންސްގެ މާއްދާތަކުގައި ކިޔަވައިދޭ އެއްޗެހި 3ޑީ ކްލާސްރޫމް ބޭނުންކޮށްގެން ފަސޭހައިން ދެނެގަނެވޭނެ." ޕްރަޝާބް ވިދާޅުވި އެވެ.

އެ ސްކޫލުގައި 3ޑީ ކްލާސްރޫމެއް ގާއިމް ކުރުމުގެ އިތުރުން ރާސްޕްބެރީ ޕައި ބޭނުން ކޮށްގެން އެ ސްކޫލުގެ ގްރޭޑް 1، 2 އަދި 3 ގެ ދަރިވަރުން ކޮމްޕިއުޓާ ޕްރޮގްރާމް ކުރަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއްވެސް ވަނީ ފަށާފައެވެ.

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ރާސްބެރީ ޕައި އަދި ބީޔޫއޯޑީ ޕްރޮގްރާމް ތައާރަފް ކުރުމަށް މިއަދު ބޭއްވި ހާއްސަ އެސެމްބްލީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

އެ ސްކޫލުގެ ކޮމްޕިއުޓާ އެޗްއޯޑީ ފާތިމަތު ސިތާ ވިދާޅުވީ މި ޒަމާނަކީ ޓެކްނޮލޮޖީގެ ޒަމާން ކަމަށާއި، އެހެން ކަމުން މި ޖީލު ކޮމްޕިއުޓަރަށާއި ކޮމްޕިއުޓާ ޕްރޮގްރާމިން އަށް އަހުލުވެރި ކުރުވަން ޖެހޭ ކަމަށެވެ.

ރާސްޕްބެރީ ޕައި ބޭނުން ކޮށްގެން ޕްރޮގްރާމިން ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާ އަކުވެސް އެއް ގަޑި އެވެ.

އެ ސްކޫލުން ތައާރަފްކުރި ބްރިންގް ޔުއާ އޯން ޑިވައިސް (ބީވައިއޯޑީ) ނުވަތަ އަމިއްލަ ޑިވައިސް ބޭނުން ކޮށްގެން ކިޔަވައިދޭން ފެށުމުން ކުދިންގެ ޝައުގުވެރިކަން އިތުރުވެ ނަގައިދޭ ފިލާވަޅަށްދޭ ސަމާލުކަން އިތުރުވާނެ ކަމަށް ބީވައިއޯޑީ އިންޗާޖު ރެޖިނަލްޑް ވިލްސަން ވިދާޅުވި އެވެ.

3ޑީ ކްލާސްރޫމެއް ގާއިމްކޮށް، ރާސްބެރީ ޕައި އަދި ބީޔޫއޯޑީ ޕްރޮގްރާމް ތައާރަފް ކުރުމަށް މިއަދު ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

އޭނާ ވިދާޅުވީ ބޭރުގެ ގިނަ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގައި އެގޮތަށް ކިޔަވައިދޭ ކަމަށާއި، އެހެން ކަމުން ދަރިވަރުން ސްކޫލު ނިމި މަތީ ސާނަވީ ހާސިލް ކުރުމަށް އެފަދަ ޔުނިވާސިޓީ ތަކަށްދާއިރު އެކަމަށް ހޭނިފައި ހުރުމުގެ ސަބަބުން ކިޔެވުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ބައެއް ދަރިވަރުންނަކީ ކްލާސްތެރޭގައި ވާހަކަ ދައްކަން ޖެހިލުންވާ ކުދިން ކަމަށާއި ނަމަވެސް ސްމާޓް ޑިވައިސްތައް ބޭނުން ކޮށްގެން ކިޔަވައިދިނުމުގެ ސަބަބުން އެކުދިން ކުރަން ބޭނުންވާ ސުވާލެއް ލިޔެގެން އަހާލެވޭނެ ކަމަށެވެ.

ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުން އަމިއްލަ ޑިވައިސް ބޭނުން ކޮށްގެން ކްލާސް ރޫމުގައި ކިޔަވައިދެނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މައިކްރޯސޮފްޓްގެ ވަން ނޯޓް ކްލާސް ނޯޓްބުކް ބޭނުންކޮށްގެން ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އޮންލައިން ޕްލެޓްފޯމެއްގައެވެ. އެހެން ކަމުން ދިމާވާ ސަބަބަކާހުރެ ކްލާހަށް ހާޒިރު ނުވެވޭ ދަރިވަރުންނަށްވެސް ނަގައިދޭ ފިލާވަޅުތައް ނުގެއްލި ގޭގައި ތިބެގެންވެސް ކްލާހުގައި ބައިވެރިވެވޭނެ އެވެ.

ބީވައިއޯޑީ ގެ ދަށުން ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ގްރޭޑް 5ން 10 ގެ ދަރިވަރުންނަށްކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ތައާރަފްކޮށްފައިވާ އާ ތިން ޓެކްނޮލޮޖީގެ ސަބަބުން ކިޔެވުމަށް އިތުރު ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް އެ ސްކޫލުން ބުނެ އެވެ.

comment ކޮމެންޓް