ނާޝިދުގެ ޓްރިބިއުޓް ޝޯއިން އޭނާގެ ސްޓައިލާއި ހަނދާންތައް

ރާއްޖޭގައި އުފެދުނު މިއުޒިކީ ލެޖެންޑް، އަހުމަދު ނާޝިދު (ފުލޫ ނާޝިދު)ގެ އަގުވަޒަންކޮށް "އަ ޓްރިބިއުޓް ޓު ނާޝިދު"ގެ ނަމުގައި މިރޭ އޮލިމްޕަހުގައި ބޭއްވި ޝޯގައި ނާޝިދު --- ސަން އެކްސްކުލޫސިވް ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި މިއުޒިކީ ދާއިރާއަށް އިންގިލާބެއް ގެނުވި މަޝްހޫރު ބޭންޑް ޒީރޯ ޑިގްރީ އެޓޯލްސް އިން ރާއްޖޭގައި އުފެދުނު މިއުޒިކީ ލެޖެންޑް، އަހުމަދު ނާޝިދު (ފުލޫ ނާޝިދު) އަކީ ރާއްޖޭގެ މިހާތަނަށް އުފެދުނު އެންމެ ތަފާތު އެއް މިއުޒިކީ ފަންނާނެވެ. ރާއްޖެދެކެ ނުހަނު ލޯބިވާ، ނާޝިދުގެ ލަވަތަކުގައި ރާއްޖޭގެ އާދަކާދައާ ސަގާފަތުގެ ކުލަ ނުޖެހޭ ލަވައެއް މަދުވާނެއެވެ.

މިއުޒިކުގައި އެކަންޏެއް ނޫނެވެ. ޝޯ ތަކުގައި އޭނާގެ ހެދުން އެޅުމަކީ ވެސް ދިވެހި ސަގާފަތުގެ މިސާލެކެވެ. ބޮލުގައި ފޮށާ އަޅައި ފޭލި އަނުމަކީ އޭނާގެ ހާއްސަ ސްޓައިލެކެވެ.

އުމުރުން 53 އަހަރުގެ، ނާޝިދު ދިވެހި މިއުޒިކަށް ކޮށްދީފައިވާ އަގުހުރި ހިދުމަތުގެ އަގުވަޒަންކޮށް މިރޭ އޮލިމްޕަހުގައި ބޭއްވި ޝޯގައި ފެނިގެންދިޔައީ އެ މަންޒަރުތަކެވެ. އާވެގެންދިޔައީ ނާޝިދުގެ ހަނދާންތަކެވެ. މިއަދުގެ ޒުވާން ފަންނާނުންގެ އަޑުން އިވިގެންދިޔައީ އެނާގެ ލަވަތަކެވެ. ފެނިގެންދިޔައީ އޭނާގެ ސްޓައިލުގައެވެ.

ރާއްޖޭގައި އުފެދުނު މިއުޒިކީ ލެޖެންޑް، އަހުމަދު ނާޝިދު (ފުލޫ ނާޝިދު)ގެ އަގުވަޒަންކޮށް "އަ ޓްރިބިއުޓް ޓު ނާޝިދު"ގެ ނަމުގައި މިރޭ އޮލިމްޕަހުގައި ބޭއްވި ޝޯގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ނެރެމުން އަންނަ ހަމައެކަނި މެގަޒިން މިސްކު މޯލްޑިވްސް އިން އިސްނަގައިގެން "އަ ޓްރިބިއުޓް ޓު ނާޝިދު"ގެ ނަމުގައި ރާއްޖޭގެ މިއުޒިކީ ދާއިރާގައި މިހާރު ނަގާ ކިޔާ ޒުވާން 24 އާޓިސްޓުން ވަނީ ނާޝިދުގެ ލަވަތައް ހުށަޅައިދީފައެވެ. ހުރިހާ ފަންނާނުން ވެސް ތިބީ ދިވެހި ވަންތަ ހެދުމެއްގައެވެ.

ކެންސަރާ ހަނގުރާމަކުރަމުންދާ ނާޝިދު ވެސް ބައިވެރިވި ޝޯގައި މިއުޒިކަށް އިންގިލާބެއް ގެނުވި "ދޯނި" އަލްބަމާއި "ބާޑް އިން ފްލައިޓް" އަލްބަމްގައި ހިމެނޭ ލަވަތަކުގެ އިތުރުން، ނާޝިދު ބަލިވެ އުޅެމުން ހަދަން ފަށާފައިވާ ސޯލޯ އަލްބަމް "ޖާނީ" އަލްބަމްގެ ލަވަތަކެއް ވެސް ވަނީ އިވިގެންގޮސްފައެވެ.

ރާއްޖޭގައި އުފެދުނު މިއުޒިކީ ލެޖެންޑް، އަހުމަދު ނާޝިދު (ފުލޫ ނާޝިދު)ގެ އަގުވަޒަންކޮށް "އަ ޓްރިބިއުޓް ޓު ނާޝިދު"ގެ ނަމުގައި މިރޭ އޮލިމްޕަހުގައި ބޭއްވި ޝޯގައި ހުށަހަޅައިދިން ފަންނާނުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނާޝިދުގެ "ޖާނީ"

ނާޝިދުގެ "ޖާނީ" އަލްބަމަކީ އޭނާ ކެންސަރަށް ޑައިގްނޯސް ވުމުގެ ކުރިން ފެށިގެން މަސައްކަތްކުރަމުންދިޔަ އަލްބަމެކެވެ. ކެންސަރުގެ ބައްޔަށް ފަރުވާ ހޯދުމަށް ފައިސާ ހޯދުމަށް ނާޝިދު މަސައްކަތްފެށި އެ އަލްބަމުގެ ލަވަތަކަކީ ކެންސަރު ބަލީގައި ނިޔާވެގެންދިޔަ، ނާޝިދުގެ ބައްޕަ ލިޔެފައިވާ ޅެންތަކެއްގެ މައްޗަށް ހަދާފައިވާ ލަވަތަކެކެވެ.

"ބައްޕަ ހޮސްޕިޓަލުގައި އޮވެ އައި ހިޔާލެއްގެ މައްޗަށް އަލްބަމަށް "ޖާނީ" ކިއީ. ބައްޕަ ބުނާތީ ހަނދާންވޭ އެކި ތަންތަނަށް ދާން ބޭނުންވާ ވާހަކަ. އެކަމަކު ބައްޕަގެ ބަލިކަމުން އިނގޭ ބައްޕައަކަށް އެކަމެއް ވުމަކީ ދަތިކަމެއްކަން. އެހެންވެގެން ބައްޕަގެ ހިޔާލަކީ ބައްޕައަށް ނުދެވުނު ދަތުރުގައި ބެލުންތެރިން ގެންދިއުން،" ނާޝިދުގެ "ޖާނީ" އަލްބަމާ ގުޅޭގޮތުން ނާޝިދު ދެއްކި ވާހަކަތައް އޭނާގެ އަންހެން ދެ ދަރިންކަމަށްވާ ނަޝްއާ އަދި ނިޝް ކިޔައިދިނެވެ.

އަހުމަދު ނާޝިދު (ފުލޫ ނާޝިދު)އަށް މިރޭ އޮލިމްޕަހުގައި ބޭއްވި ޝޯގެ އޮންލައިން ޕާޓްނަރުންގެ ގޮތުގައި ހަމަޖެއްސި ސަން އޮންލައިންގެ ފަރާތުން ނާޝިދުގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއް ނާޝިދުގެ އަންހެން ދަރިފުޅު ނަޝްއާ އާ ހަވާލުކުރަނީ: ޝޯގެ ގިނަ ޕާޓްނަރުން ވަނީ ހަނދާނީ ފިލާ ނާޝިދަށް އަރުވާފައި ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ޖާނީ" އަލްބަމާ ގުޅޭގޮތުން ޝޯގައި ދެއްކި ވީޑިއޯއެއްގައި ނާޝިދު ބުނި ގޮތުގައި، އެ އަލްބަމަކީ އޭނާގެ ފޭނުންނަށާއި މިއުޒިކަށް ލޯބިކުރާ މީހުންނަށާއި އޭނާގެ އެކުވެރިންގެ އިތުރުން ހަތުރުންނަށް އޭނާ ދޭ އެއްޗެކެވެ.

ނާޝިދުގެ އުއްމީދުތަކާ ގުޅިފައިވާ "ޖާނީ" އަލްބަމުގައި އަމަލީ ގޮތުން އޭނާ ބައިވެރިވެ މިއުޒިކް ކުޅެފައިވާއިރު، އެ އަލްބަމުގެ ހުރިހާ ލަވައެއް ވަނީ ރިކޯޑްކޮށް ނިމިފައެވެ. އަދި ވަރަށް އަވަހަށް ރިލީޒްކުރާނެ ކަމަށް ނާޝިދުގެ ދޮށީ ދަރި އަދި ޒުވާން ލަވަކިޔުންތެރިއާ ނިޝް ނާޝިދު ބުންޏެވެ.

ޝޯއާ ދޭތެރޭ ނާޝިދު ވަރަށް އުފާވޭ

މިރޭގެ ޝޯއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ ނާޝިދު ޝޯ ބަލާލަން އައުމުންނެވެ. އެކަމުން އޭނާގެ ހިތްވަރުގަދަ ކަން ފެނިގެންދިޔައެވެ. މިއުޒިކަށް އަދިވެސް އޭނާ ކުރާ ލޯބި ހާމަކޮށްދިނެވެ.

ޝޯގެ ކުރިން އޭނާގެ ދޮށީ ދަރި ނިޝް ނާޝިދަށް ނާޝިދު ބުނެފައިވަނީ، ޝޯއާ ދޭތެރޭގައާއި އެކަހަލަ ޝޯއަކަށް އިސްނެގޭތީ އެކަމާ ވަރަށް އުފާވާ ކަމަށެވެ. އަދި ނާޝިދުގެ ފަރާތުން ބަޔަކަށް އަސަރެއް ކޮށް، އޭނާގެ ހިދުމަތް ބަލައިގަތުމުން އެކަމާ އުފާކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖޭގައި އުފެދުނު މިއުޒިކީ ލެޖެންޑް، އަހުމަދު ނާޝިދު (ފުލޫ ނާޝިދު)ގެ އަގުވަޒަންކޮށް "އަ ޓްރިބިއުޓް ޓު ނާޝިދު"ގެ ނަމުގައި މިރޭ އޮލިމްޕަހުގައި ބޭއްވި ޝޯގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކަން ކިތަންމެ ރަނގަޅަކަށް ވެސް ނާޝިދުގެ މޫނު މަތިން މިރޭ ފެނިގެންދިޔައެވެ. ބަލި އެނދުގައި އޮތް ނަމަވެސް، ޝޯ ބޭއްވި މާލަމުން ދަމުން ވެސް އޭނާ ވަނީ ޝޯ ބަލަން އައި އެންމެންނަށް ހިނިތުންވެލާފައެވެ. އޭނާ ހުރީ އުފަލުންކަން އެކަމުން ދައްކުވައިދެއެވެ.

comment ކޮމެންޓް