ނާޝިދުގެ ހަނދާންތަކާއެކު އޭނާގެ ޓްރިބިއުޓް ޝޯ މިރޭ، އެތައް ގޮތަކުން ހާއްސަ ވާނެ

ދިވެހި މިއުޒިކީ ދާއިރާއަށް އިންގިލާބެއް ގެނުވި މަޝްހޫރު ބޭންޑް ޒީރޯ ޑިގްރީ އެޓޯލްސްގެ ލަވަތައް އަލުން އަހާލުމަށް މިރޭ މިއީ ހާއްސަ ރެއެކެވެ. ހާއްސަކޮށް ދިވެހިންގެ މަގްބޫލުކަން ހޯދި، އެ ބޭންޑުގެ ލީޑް ވޯކަލިސްޓް އަހުމަދު ނާޝިދު (ފުލޫ ނާޝިދު) ގެ ހަނދާންތައް މިރޭ އެތައް ގޮތަކުން އާވާނެ އެވެ.

ކެންސަރާ ހަނގުރާމަކުރަމުންދާ ނާޝިދުގެ ހަނދާތްތައް މިރޭ އާވެގެންދާނީ، މިއުޒިކަށް ހާއްސަކޮށްގެން ރާއްޖޭގައި ނެރެމުން އަންނަ ހަމައެކަނި މެގަޒިން މިސްކު މޯލްޑިވްސް އިން އިސްނަގައިގެން ނާޝިދުގެ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ބައްވާ ހާއްސަ ޝޯ އިންނެވެ.

"އަ ޓްރިބިއުޓް ޓު ނާޝިދު" ގެ ނަމުގައި އޮލިމްޕަހުގައި މިރޭ ޝޯ ބޭއްވި ނަމަވެސް، އެތަނުގެ ހުރިހާ ގޮނޑިއެއް ހާއްސަކޮށްފައިވަނީ ނާޝިދުގެ އާއިލާ އާއި ރަހުމަތްތެރިންގެ އިތުރުން އެކުގައި މަސައްކަތްކުރި ގާތް މީހުންނަށެވެ.

އާއްމުންނަށް އެ ޝޯ ފެނިގެންދާނީ ޕީއެސްއެމްގެ ތިން ޗެނަލް މެދުވެރިކޮށެވެ. ވަގުތުން ގެނެސްދޭން ހަމަޖެހިފައިވާ އެ ޝޯ ފަށާނީ މިރޭ 9:00 ގައެވެ.

ރާއްޖޭގެ މަޝްހޫރު މިއުޒިކް ކޮމްޕޯސަރު މުހައްމަދު އިކްރާމް މިއުޒިކް ޑައިރެކްޓްކޮށްފައިވާ މިރޭގެ ޝޯގައި ރާއްޖޭގެ މިއުޒިކީ ދާއިރާގައި މިހާރު ނަގާ ކިޔާ ޒުވާން 24 އާޓިސްޓުން ނާޝިދުގެ ލަވަތައް ހުށަހަޅައިދޭނެ އެވެ.

އޭގެ ތެރޭގައި ނާޝިދުގެ ދޮށީ އަންހެން ދަރިފުޅު އަދި ޒުވާން ލަވަކިޔުންތެރިޔާ ނިޝް ނާޝިދާއި ނާޝިދުގެ މިއުޒިކީ ހަޔާތުން ހިތްވަރު ލިބުނު ފަންނާނުން ހިމެނެއެވެ.

މިރޭގެ ޝޯގައި މިއުޒިކަށް އިންގިލާބެއް ގެނުވި "ދޯނި" އަލްބަމާއި "އައިލެންޑްސް ޕުލަސް" އަދި "ބާޑް އިން ފްލައިޓް" އަލްބަމްގައި ހިމެނޭ ލަވަތަކުގެ އިތުރުން، ބަލި އެދުގައި އޮވެ ނާޝިދު ފަށާފައިވާ ސޯލޯ އަލްބަމް "ޖާނީ" އަލްބަމްގެ ލަވަތަކެއް ވެސް މިރޭ އަލަށް އިވިގެންދާނެ އެވެ.

ނާޝިދުގެ އުއްމީދުތަކާ ގުޅިފައިވާ އެ އަލްބަމްގެ ލަވަތަކާއެކު ނާޝިދުގެ ހަނދާންތައް އިތުރަށް މިރޭގެ ޝޯއިން އާވެގެންދާނެ އެވެ. މީގެ އިތުރުން ވެސް ޝޯގައި ސަޕްރައިޒިން އެތައް ކަމެއް ފެނިގެންދާނެ ކަމަށް މިސްކުން ބުނެއެވެ.

comment ކޮމެންޓް