"މަސައްކަތް ބަލައިގަންނާތީ ބައްޕަ ހުރީ ވަރަށް އުފަލުން"

ޒީރޯ ޑިގްރީ އެޓޯލްސް ބޭންޑުން ރާއްޖޭގައި އުފެދުނު މިއުޒިކީ ލެޖެންޑް އަހުމަދު ނާޝިދު (ފުލޫ ނާޝިދު) ޝޯއެއްގައި ހުށަހަޅައިދެނީ --- ފޮޓޯ/ އޮބޮފިލި

"އެއީ ހަތްދިހައިގެ މެދުތެރެ. އޭރު ނައިބުގެ ޝިހާމް ކިޔާ ވަރަށް ހާއްސަ ދިވެހި އާޓިސްޓެއް އޭރު އުޅުނު. އޭނާގެ އަމިއްލަ ބޭންޑަކާއެކު ކޮންމެ ހުކުރު ދުވަހު އޮލިމްޕަހުގައި ކުޅޭނެ. ކުޅޭތަން ބަލަން ގޮސް އުޅުނިން. އޭނާ ކުޅޭ ގޮތުން ފެށުނީއްސުރެ ނިމެންދެން ގައިން ހީބިހި ނަގާ،"

މިއީ ކެންސަރާ ހަނގުރާމަކުރަމުންދާ، ޒީރޯ ޑިގްރީ އެޓޯލްސް ބޭންޑުން ރާއްޖޭގައި އުފެދުނު މިއުޒިކީ ލެޖެންޑް އަހުމަދު ނާޝިދު (ފުލޫ ނާޝިދު) ބަލި އެދުގައި އޮވެ، އޭނާގެ މިއުޒިކީ ހަޔާތާ ގުޅޭގޮތުން އޭނާގެ އަންހެން ދަރިފުޅު ނަޝްއާ ނާޝިދުއާ ހިއްސާކުރި ވާހަކަތަކުގެ ފެށުމެވެ.

ނާޝިދު ބުނިގޮތުގައި، އޭނާ މިއުޒިކަށް ޝައުގުވެރިވާން ފެށީ އޭރު އޮސްޓްރޭލިއާ އިން މަތީ ތައުލީމު ހާސިލްކުރުމަށްފަހު މަޖީދިއްޔާ ސްކޫލުގެ ޓީޗަރަކަށް އުޅުނު މިއުޒިކް އާޓިސްޓް ނައިބުގެ ޝިހާމްގެ ސަބަބުންނެވެ. އެއީ ނާޝިދުގެ ޓްރެއިނަރެވެ. ގިޓާގެ ނަރުތަކާ ކުޅެލުމުގެ ހުނަރު ނާޝިދަށް ދަސްކޮށްދިނީ އޭނާ އެވެ.

އަހުމަދު ނާޝިދުގެ ޒުވާން ދުވަސްވަރު (ވ2) --- ފޮޓޯ/ މިސްކު މެގަޒިން

ނަމަވެސް މިއުޒިކުގެ ދާއިރާއަށް ނާޝިދަށް ނުކުމެވުނީ މަޖީދިއްޔާ ސްކޫލުގެ ގްރޭޑް އަށެއްގައި ތައުލީމު ހާސިލްކުރަމުންދިޔަ ދުވަސްވަރު އެވެ. ސްކޫލުގައި އުޅެމުން ވެސް ބައެއްފަހަރު އަމިއްލަ ކޮމްޕޮސިޝަންސްތަކާއެކު ރޭޑިއޯ އޮފް މޯލްޑިވްސްގެ ސްޓޫޑިއޯއަށް ރިކޯޑްކުރަން އޭނާ ދިޔައެވެ.

ކުޑައިރުއްސުރެ އެންމެ ގާތް އެކުވެރިޔާ އަދި ޒީރޯ ޑިގްރީ އެޓޯލްސްގެ މުހިއްމު އެއް މެމްބަރު މޮހޮޖުގެ ބޭންޑުގެ ލީޑް ގިޓަރިސްޓެއްގެ މަގާމު އަދާކުރި ނަމަވެސް މޮހޮޖުގެ ބޭންޑަށް ކުޅުން ހުއްޓާލުމަށްފަހު "މެޓްރޮނޯމް 40"ގެ ނަމުގައި އަމިއްލަ ބޭންޑެއް އުފައްދައި، ބައެއް ރިކޯޑިންތައް ވެސް ނާޝިދު ހެދި އެވެ.

"އަމިއްލަ ބޭންޑާއެކު ބައެއް ރިކޯޑިންތައް ހަދަން އުޅުމުގެ ތެރޭގައި އިސްމާއިލް އަބްދުﷲ އަށް އަހަރެން ފެނުނީ. އޭނާއަކީ ވަރަށް ހުނަރުވެރި ސްކައުޓެއް. ރިކޯޑިންތައް ހަދަން އުޅުމުގެ ތެރޭގައި އަބްދުﷲ އައިސް އެހީ އޭނާގެ އަމިއްލަ ކޮމާޝަލް ބޭންޑް، "ކުއިކްސޭންޑް" އަށް ކުޅެވިދާނެހޭ. އަހަރެން ބުނިން އާއެކޭ،" މިއުޒިކު ކުޅެންފެށި ގޮތް ނާޝިދު ކިޔައިދިނެވެ.

އަހުމަދު ނާޝިދުގެ ޒުވާން ދުވަސްވަރު (ވ2): އޭނާއަކީ ދިވެހި މިއުޒިކަށް އިންގިލާބެއް ގެނެސްދިން މިއުޒިކީ ލެޖެންޑެއް --- ފޮޓޯ/ މިސްކު މެގަޒިން

އިސްމާއިލް އަބްދުﷲގެ ބޭންޑުން ޖާގަ ލިބުނު އިރު ނާޝިދު ދިޔައީ ގްރޭޑް 10ގައި ކިޔަވަމުންނެވެ. އޯލެވެލް އިމްތިހާން އޮތީ ބޯމަތިވެފައެވެ. ނަމަވެސް މިއުޒިކަށް ހުރި ފޯރިއެއްގެ ބޮޑުކަމުން އެކަމަށް ވެސް ކުރިމަތިލި އެވެ. ގޭގައި ހެދުމަށް ސްކޫލުންދޭ ފިލާވަޅުތައް ވެސް ހެދީ މިއުޒިކުގެ ތެރޭގައެވެ. ބޭންޑުގެ ފަރިތަކުރުންތަކަށް ވެސް ނާޝިދު އޭރު ދިޔައީ ފޮތް ދަބަސް ކޮނޑުއަޅައިގެންނެވެ. ލިބޭ ހުސްވަގުތުކޮޅުގައި ކިޔަވައިހެދިއެވެ.

"ދެން އަހަރެން ފެށީ ރިސޯޓްތަކުގައި ކުޅެން. ރިސޯޓްތަކަށް ވެސް ދަނީ ޓެކްސްޓު ފޮތްތައް ހިފައިގެން. ރިސޯޓަށްދާނީ ހަވީރު ގާތްގަނޑަކަށް ތިނެއް ނުވަތަ ހަތަރެއް ޖަހާއިރު. އޭރު އަހަރެންގެ ވަރަށް ގިނަ ޕްލޭންހުރި. އިމްތިހާނަށް ތައްޔާރުވަމުން ރިސޯޓްތަކުގައި ޝޯދެމުން،" އޭރު އުމުރުން އެންމެ 17 އަހަރުގެ ނާޝިދު ބުންޏެވެ.

އެއީ މިއުޒިކުގެ ތެރެއަށް ނާޝިދު ވަދެގެން އައި ގޮތެވެ. ކުޑަ ކުއްޖެއްގެ ގޮތުގައި ބޭންޑަކަށް ކުޅެންޖެހުމުން އޭނާގެ ހެއާސްޓައިލް ވެސް އޭރު ބަދަލުކުރި އެވެ. ބަޔަކަށް އޭނާއަކީ ކިޔަވާ ކުއްޖެއްކަން އެނގިދާނެތީ އެވެ. އެކަމަކު އޭނާގެ ބެލެނިވެރިންގެ ހުއްދައާއެކުގައެވެ. އެމީހުންގެ ވެސް އެއްބާރުލުމާއެކުގައެވެ.

އަހުމަދު ނާޝިދު ޝޯއެއްގައި ހުށަހަޅައިދެނީ: އޭނާ ދަނީ ކެންސަރާ ހަނގުރާމަކުރަމުން --- ފޮޓޯ/ މިސްކު މެގަޒިން

ކުޑައިރުއްސުރެ ގާތް އެކުވެރިން ކަމަށްވާ މޮހޮޖު އާއި ނާޝިދު ގުޅިގެން ނެރުނު އެންމެ ފުރަތަމަ ލަވައަކީ "ރީތި ހަނދުވަރު" އެވެ. ލަންކާގެ ވޯލްޑްވިއު އިންޓަނޭޝަނަލް ފައުންޑޭޝަންއާއި ހޯމް މިނިސްޓްރީއާ ގުޅިގެން ޕްރޮޑިއުސްކުރި އެ ލަވަ އަކީ ތިމާވެއްޓާ މެދު އާއްމުން ހޭލުންތެރިކުރުވުމަށް ބޭނުންކުރި ލަވައެކެވެ.

އޭގެ އިތުރުން އެ ލަވައަކީ ޒީރޯ ޑިގްރީ އެޓޯލްސް ވުޖޫދަށް އައުމުގެ އަސްލެވެ. މޮހޮޖާއި އަހުމަދު ޖޯންސްއާއެކު ފްލޫ ނާޝިދު އެ ބޭންޑު އުފެއްދީ 1987 ވަނަ އަހަރުގެ ތެރޭގައެވެ. އަދި އެ ތިން ފަންނާނުންނަކީ ދިވެހި މިއުޒިކަށް "ދޯނި" އޭ ކިޔުނު އިންގިލާބެއް ގެނުވި އަލްބަމް އުފެއްދި ހުނަވެރިންނެވެ.

ރާއްޖޭގެ ތާރީހުގައިވެސް އަލްބަމެއް އުފައްދަން ބަޔަކު ނުކުރާހާ ބުރަ މަސައްކަތްތަކެއް ކޮށްފައިވާ "ދޯނި" އަލްބަމްގެ ލަވަތަކުގައި ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކޮށް ރަށްފުށުގެ މީހުންނާ އެކު ދިރިއުޅެ އެ މީހުންގެ އާދަކާދަ ތަކާއި ދިރިއުޅުމުގެ ވައްޓަފާޅި ތަޖުރިބާ ކޮށްފައެވެ. ދަތުރުގައި ބޮއްކުރައެއްގައި ގޮސް ފަލި ޖަހާ އަޑާއި އަދި އެ ދަތުރުގައި އެމީހުން ވަނީ އަލްބަމަށް ބޭނުންވާ ގުދުރަތީ އަޑުތަކާއި ރައްފުށު ދިރިއުޅުމުގެ އާއްމު އަޑުތަކާއި ރާގުތައް ރެކޯޑު ކޮށްފައެވެ.

"މާމަ ބަތްޕޮޅިން ހަނޑޫ ސާފުކުރާ އަޑާއި ބަދިގޭގައި ގެންގުޅޭ ވަން ތަޅާ އަޑު ކަހަލަ އަޑު އަބަދުވެސް އިވޭ. އަހަރެމެން ކާފަގެ ރަށް، އަލިފުއްޓަށާއި އެކި ރަށްރަށަށް ދަތުރުކޮށް ހެދިން. އެ ދަތުރުތަކުގައި ގޮސް ރަށްރަށުގައި އިވޭ އަޑުތަކުން މޮހޮޖު ކައިރީގައި ބުނިން މީއޭ އަހަރެމެންގެ ކޮންސެޕްޓަކަށް ވާންވާނީ. ގިޓާތަކުން އެކަނި އަލްބަމެއް ކުޅެން އަހަރެން ބޭނުމެއް ނުވި،" ދޯނި އަލްމަބް ހަދަން ހިޔާލު އައިގޮތް ނާޝިދު ކިޔައިދިނެވެ.

އަހުމަދު ނާޝިދު ޝޯއެއްގައި ހުށަހަޅައިދެނީ: އޭނާ އަކީ މަޝްހޫރު ޒީރޯ ޑިގްރީ އެޓޯލްސްގެ ލީޑް ވޯކަލިސްޓް --- ފޮޓޯ/ މިސްކު މެގަޒިން

ނާޝިދު ގަބޫލުކުރާ ގޮތުގައި އޭނާގެ މިއުޒިކީ ހަޔާތުގެ ހާސިލްވި އެންމެ ބޮޑު ކާމިޔާބީއަކީ "ދޯނި" އަލްބަމެވެ. އެއީ ނާޝިދުގެ ސިކުނޑީގައި ކުރަހާލެވުނު ތަސްވީރު ހަގީގީ މަންޒަރެކެވެ. އެއީ އޭނާގެ ހިތްހަމަޖެހުމެވެ. ނާޝިދު ބުނިގޮތުގައި، މިއަދު އޭނާއާ މޮހޮޖު ގުޅިގެން އަލްބަމެއް ނެރެން އުޅުނު ނަމަވެސް "ދޯނި" އަލްބަމާ ވާދަކުރެވޭ ފެންވަރުގެ އަލްމަބެއް ވެސް ނުއުފެއްދޭނެ އެވެ. ތިން ފަންނާނުންނަކަށް ވެސް އެވަރެއް ނުވާނެ އެވެ.

ނާޝިދުގެ އަޑެއް ދިވެހިންނަށް ނީވި އަހަރުތަކެއްވި ނަމަވެސް އަދިވެސް އޭނާއަކީ ދިވެހިންގެ އެއްވަނައެވެ. ދިވެހިންގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ވެސް އޭނާ އަކީ މަގްބޫލު ފަންނާނެކެވެ. ރާއްޖޭގެ އިތުރުން ބައިނަލްއަގްވާމީ ފެންވަރުގެ އެތައް އެވޯޑްތަކެއް ވެސް މިއުޒިކީ ދާއިރާއިން ހޯދާފައިވާ ހުނަރުވެރި އެކެވެ.

އެގޮތުން 2003 ވަނަ އަހަރު ބޭއްވި ނިއު ޔޯކު އިންޓަނޭޝަނަލް މިއުޒިކް ފެސްޓިވަލުގައި އޭނާއަށް ވަނީ ބެސްޓް އެކޯސްޓިކް ބުލޫސް އެކްޓުގެ އެވޯޑް ލިބިފައެވެ. އެ އެވޯޑާއެކު އޭނާ ވަނީ ނިއު ޔޯކުގެ މަގްބޫލު މެޑިސަން ސްކުއާ ގާޑަންގައި ހުށަހަޅައިދިނުމުގެ ޝަރަފް ލިބުނު ދިވެހި ފަންނާނުގެ މަގާމް ހޯދާފައެވެ. އަދި ރައީސްގެ ހާއްސަ އެވޯޑް ވެސް ހާސިލްކޮށްފައިވާ ނާޝިދަކީ އޮސްޓްރޭލިއާ އަދި އެމެރިކާގައި ވެސް ހުށަހެޅުންތައް ހުށަހަޅައިދީފައިވާ ފަންނާކެވެ.

އޭނާގެ ލަވަތައް އަދިވެސް މި ޖައްވުން ފަޑުވުމެއް ނެތެވެ. އޭނާގެ ހިދުމަތް މިއަދުގެ ޒުވާން ޖީލުން ވެސް ފާހަގަކުރަނީ ޝުކުރުވެރި ހިތަކުންނެވެ. އޭނާގެ އަގުވަޒަންކޮށް ރާއްޖޭގައި މިއުޒިކަށް ހާއްސަކޮށްގެން ނެރެމުން އަންނަ ހަމައެކަނި މެގަޒިން، މިސްކުން އިސްނެގީ ނާޝިދު ދިވެހި މިއުޒިކީ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކުރުމަށެވެ.

"ޝޯއާ ދޭތެރޭ ބައްޕަ ވަރަށް އުފާވޭ. ބަޔަކު މިކަހަލަ ކަމަކަށް އިސްނެގޭތީ އެކަމާ ވަރަށް އުފާވޭ. ބައްޕަ ވަރަށް އުފާވޭ ބައްޕަގެ ފަރާތުން ބަޔަކަށް މިކަހަލަ އަސަރެއް ކޮށްފާނެ ކަމަކަށް. ބައްޕަގެ މަސައްކަތް ބަލައިގަންނާތީ ވެސް ވަރަށް އުފަލުން ހުރީ. ބައްޕަ ހުރީ ޝޯއާ ދޭތެރޭ ވަރަށް ޝައުގުވެރިވެފަ،" ނާޝިދުގެ އަގުވަޒަންކޮށް މިރޭ ބާއްވާ ޝޯއާ ގުޅިގެން ދޮށީ ދަރިފުޅު ނިޝް ނާޝިދަށް ނާޝިދު ބުންޏެވެ.

"އަ ޓްރިބިއުޓް ޓު ނާޝިދު" ގެ ނަމުގައި އޮލިމްޕަހުގައި މިރޭ ބާއްވާ ޝޯ އަކީ ދިވެހި މިއުޒިކީ ދާއިރާއަށް އިންގިލާބެއް ގެނުވި މަޝްހޫރު ބޭންޑް ޒީރޯ ޑިގްރީ އެޓޯލްސްގެ ލަވަތައް އަލުން އަހާލުމަށް ހާއްސަ ރެއެކެވެ. ހާއްސަކޮށް އަހުމަދު ނާޝިދުގެ ހަނދާންތައް މިރޭ އެތައް ގޮތަކުން އާވާނެ އެވެ.

މިއުޒިކަށް ހާއްސަކޮށްގެން ރާއްޖޭގައި ނެރެމުން އަންނަ ހަމައެކަނި މެގަޒިން މިސްކު މޯލްޑިވްސް އިން އިސްނަގައިގެން މިރޭ ޝޯ ބޭއްވި ނަމަވެސް، އެތަނުގެ ހުރިހާ ގޮނޑިއެއް ހާއްސަކޮށްފައިވަނީ ނާޝިދުގެ އާއިލާ އާއި ރަހުމަތްތެރިންގެ އިތުރުން އެކުގައި މަސައްކަތްކުރި ގާތް މީހުންނަށެވެ.

އާއްމުންނަށް އެ ޝޯ ފެނިގެންދާނީ ޕީއެސްއެމްގެ ތިން ޗެނަލް މެދުވެރިކޮށެވެ. ވަގުތުން ގެނެސްދޭން ހަމަޖެހިފައިވާ އެ ޝޯ ފަށާނީ މިރޭ 9:00ގައެވެ.

މިރޭގެ ޝޯގައި މިއުޒިކަށް އިންގިލާބެއް ގެނުވި "ދޯނި" އަލްބަމާއި "އައިލެންޑްސް ޕަލްސް" އަދި "ބާޑް އިން ފްލައިޓް" އަލްބަމްގައި ހިމެނޭ ލަވަތަކުގެ އިތުރުން، ބަލި އެދުގައި އޮވެ ނާޝިދު ފަށާފައިވާ ސޯލޯ އަލްބަމް "ޖާނީ" އަލްބަމްގެ ލަވަތަކެއް ވެސް މިރޭ އަލަށް އިވިގެންދާނެ އެވެ.

ނާޝިދުގެ އުއްމީދުތަކާ ގުޅިފައިވާ އެ އަލްބަމްގެ ލަވަތަކާއެކު ނާޝިދުގެ ހަނދާންތައް އިތުރަށް މިރޭގެ ޝޯއިން އާވެގެންދާނެ އެވެ. މީގެ އިތުރުން ވެސް ޝޯގައި ސަޕްރައިޒިން އެތައް ކަމެއް ފެނިގެންދާނެ ކަމަށް މިސްކުން ބުނެއެވެ.

comment ކޮމެންޓް