ޑްރޯން ހުއްޓުވަން ނެދަލޭންޑްސްއިން ބޭނުން ކުރަނީ ބާޒުގެ ލަޝްކަރެއް!

މަނާ ސަރަހައްދުތަކުން ފެންނަ ޑްރޯން ހުއްޓުވަން ބާޒު ވަނީ ތަމްރީނުކޮށްފަ -- ފޮޓޯ: ބީބީސީ

އެމްސްޓާޑަމް (ސެޕްޓެމްބަރު 21): ޑްރޯން އުދުހުން މަނާ ސަރަހައްދުތަކުން ފެންނަ ޑްރޯންތައް ހުއްޓުވަން ބާޒުގެ ލަޝަކަރެއް ތަމްރީނުކޮށް، މަސައްކަތަށް ނެރެން ތައްޔާރުކޮށްފައިވާ ކަމަށް ނެދަލޭންޑްސްގެ ފުލުހުން ބުނެފި އެވެ.

އޭއެފްޕީގައިވާ ގޮތުން އެމަސައްކަތަށް ބާޒު ތަމްރީނު ކުރަން ނެދަލޭންޑްސްގެ ފުލުހުން ފެށީ މިދިޔަ އަހަރެވެ. އަދި އެތަމްރީނުތައް ކާމިޔާބުވެފައިވާ ކަމަށް އިއްޔެ ފުލުހުން ވަނީ ބުނެފަ އެވެ. އެގޮތުން އިއްޔެ ފުރަތަމަ ފަހަރަށް ފުލުހުން ވަނީ މަނާ ސަރަހައްދަކުން ޑްރޯނެއް ފެނުމުން ތަމްރީނުކޮށްފައިވާ ބާޒުތައް އަމަލު ކުރާނެ ގޮތް ދައްކާލާފަ އެވެ.

މިދިޔަ އަހަރުން ފެށިގެން ތަމްރީނު ކުރި ބާޒުތަކުގެ އިތުރުން ޑަޗް ފުލުހުން ވަނީ އަނެއްކާވެސް ހަތަރު ކުޑަ ބާޒު ގަނެފަ އެވެ. އަދި އެބާޒުތައް ގެންގުޅެން 100 އޮފިސަރުން ތަމްރީނު ކުރާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ފުލުހުން މިހާރު ބޭނުން ކުރަމުން ދަނީ ޑްރޯން ހުއްޓުވަން އެކި ބާވަތްތަކުގެ ދޫނި ތަމްރީނު ކުރާ ޖަމްއިއްޔާއެއް ކަމަށްވާ 'ގާޑް ފްރޮމް އެބަވް'ގެ ބާޒުތަކެކެވެ. ނަމަވެސް މިއަހަރު ނިމޭ އިރު ފުލުހުންގެ އަމިއްލަ 'ފްލައިން ސްކޮއެޑެއް' ތަމްރީނުކޮށް ނިމޭނެ ކަމަށް ފުލުހުން ބުންޏެވެ.

ޑަޗް ފުލުހުންގެ ބާޒުގެ ލަޝްކަރަށް ގިނަ ބަޔަކު މަރުހަބާ ކިޔަމުންދާ ނަމަވެސް ޖަނަވާރުގެ ހައްގުތަކާ މަސައްކަތް ކުރާ ފަރާތްތަކުން ވަނީ އެޕްރޮގްރާމުގެ ސަބަބުން ބާޒުތަކަށް އަނިޔާވެ ދާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް ޑަޗް ފުލުހުން ވަނީ އެމީހުން ކުރިއަށް ގެންދިޔަ ތަމްރީނުތަކުގައި ބާޒުތަކަށް އަނިޔާވެފައި ނުވާ ކަމަށް ބުނެފަ އެވެ.

"އެއްވެސް ބާޒަކަށް އަނިޔާއެއް ނުވޭ، ނަމަވެސް އެއްވެސް ޑްރޯނެއް ސަލާމަތެއް ނުވޭ. ވައިމަތީގައިވާ ޑްރޯންތައް ބާޒަށް ފެންނަނީ ޝިކާރައެއްގެ ގޮތުގައި. އެހެންކަމުން އޭގެ ވަކިތަކުން ޑްރޯން ހިފަހައްޓައިގެން އުދުހިފައި ގޮސް ރައްކާތެރިހެން ހީވާ ސަރަހައްދެއްގައި ޖައްސާނެ،" ޑަޗް ފުލުހުންގެ ތަރުޖަމާނު ޑެނިސް ޖަނުސް ވިދާޅުވި އެވެ.

އެއާޕޯޓުތައް ފަދަ ސަރަހައްދުތަކުގައި ޑްރޯން އުދުއްސުމުގެ ނުރައްކަލާ ބެހޭ ގޮތުން ގިނަ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. ނަމަވެސް ޑްރޯން ހުއްޓުވުމަށް ދޫންޏެއް ބޭނުން ކުރި ފުރަތަމަ ގައުމަކީ ނެދަލޭންޑްސް އެވެ. (އޭއެފްޕީ)

comment ކޮމެންޓް