އެމްބީބީއެސްއަށް ކިޔެވުމުގެ ފުރުސަތު އިންޑިއާއިން ދިވެހި ހަތަރު ދަރިވަރަކަށް ދީފި

އިންޑިއާ ސަރުކާރުން އައިޓެކް/އައިޖީއެމްއެޗް ސްކީމްގެ ދަށުން ދިވެހިރާއްޖޭގެ ހަތަރު ދަރިވަރަކަށް ދިން 6 އަހަރު ދުވަހުގެ އެމްބީބީއެސް ސްކޮލަޝިޕް ފުރުސަތު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ

އައިޓެކް/އައިޖީއެމްއެޗް ސްކީމްގެ ދަށުން، ހަ އަހަރުގެ ދުވަހުގެ އެމްބީބީއެސްއަށް ކިޔެވުމުގެ ފުރުސަތުތަކެއް އިންޑިއާ ސަރުކާރުން ދިވެހި ހަތަރު ދަރިވަރަކަށް ދީފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ދޭ އެ ސްކޮލަޝިޕް ފުރުސަތުތަކަކީ 2002 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ހިލޭ އެހީގެ ދަށުން ދެމުން އަންނަ ފުރުސަތު ތަކެކެވެ. އެގޮތުން ކޮންމެ އަހަރަކު އެއް ޕޯސްޓް ގުރެޖުއޭޓް ފުރުސަތާއި ހަތަރު އެމްބީބީއެސް ފުރުސަތު ދިވެހި ދަރިވަރުންނަށް އިންޑިއާ ސަރުކާރުން އައީ ދެމުންނެވެ.

ނަމަވެސް، މިފަހަރު ސްކޮލަޝިޕް ފުރުސަތު ދީފައި މިވަނީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ.

އިންޑިއާއިން ދިން އެ ހަތަރު ފުރުސަތު ލިބުނު ދަރިވަރުންނަށް، ސްކޯލޮޝިޕް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފައިވަނީ މިއަދު އެކަމަށްޓަކައި އިންޑިއަން ކަލްޗަރަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އެވެ.

ދަރިވަރުގެ ހުރިހާ ހަރަދެއް އިންޑިއާ ސަރުކާރުން ހަމަޖައްސައިދީފައިވާ އެ ސްކޮލަޝިޕް ފުރުސަތު ތައް ލިބުނު ހަތަރު ދަރިވަރުންނަކީ ވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ ދަރިވަރުންނެވެ. އަދި އެ ދަރިވަރުން ކިޔެވުމަށްފަހު ރާއްޖޭގެ ސިއްހީ ދާއިރާއަށް ހިދުމަތް ކުރުމަށް ބޮންޑުކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އިންޑިއާ ސަރުކާރުން ދިން ސްކޯލޮޝިޕް ފުރުސަތުގެ ދަށުން އެމްބީބީއެސް ހަދަން ފުރުސަތު ލިބުނު ދަރިވަރުންނާ އެ ދަރިވަރުން ކިޔަވަންދާން ހަމަޖެހިފައިވާ ތައުލީމީ އިންސްޓިޓިއުޓް:

  • އަމިނަތު ސަޖާ ސިއްދީގު: ގުރާންޓް މެޑިކަލް ކޮލެޖް، މުމްބާއީ
  • އިއްމަތު އަލީ ނަސީރު: ލޭޑީ ހާޑިންގް މެޑިކަލް ކޮލެޖް، ދިއްލީ
  • އާޝިއާ އަފީފު: އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް، ދިއްލީ
  • އަލީ އިޔާޒު ރާޝިދު: އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް، ދިއްލީ

މިއަދުގެ އެ ރަސްމިއްޔާތުގައި، ފުރުސަތު ލިބުނު ދަރިވަރުންނާ ވާހަކަފުޅުދައްކަވަމުން އިންޑިގެ ސަފީރު އަކިލޭޝް މިޝްރާ ވަނީ ކިޔެވުމަށް ހޭދަކުރާ ދުވަސްތަކުގައި ވީހާވެސް ގިނަ އެއްޗެއް ދަސްކޮށް ވީހާވެސް ގިނަ ރަހްމަތްތެރީން ހޯދުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ރާއްޖޭގެ ސިއްހީ ނިޒާމަށާއި ތައުލީމަށް ބޮޑު ކުރިއެރުންތަކެއް ރާއްޖޭން ހޯދާފައިވާކަން ފާހަގަކުރައްވާ ސަފީރު ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ޓެކްނިކަލް ބޭފުޅުން ނެތުމުގެ މައްސަލައަށް އެހީތެރިވެދިނުމަކީ އިންޑިއާ އިން އިސްކަމެއްދެއްވާ ކަމެއް ކަމަށެވެ.

comment ކޮމެންޓް