ފޭކް އެމްސީ ދޭ ޑޮކްޓަރުންނާއި ތަންތަނާ މެދު ފިޔަވަޅުއަޅަނީ

އުސޫލްތަކާ ހިލާފަށް، މެޑިކަލް ސެޓްފިކެޓް(އެމްސީ) ހަދައިދޭ ޑޮކްޓަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

ޑޮކްޓަރުން ރެގިއުލޭޓްކޮށް ބަލަހައްޓާ، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރައީސް ޑރ. އަބްދުﷲ އަފީފު މިއަދު ސަން އަށް ވިދާޅުވީ ސަންގައި އިއްޔެ ޝާއިއުކުރި ރިޕޯޓާ ގުޅިގެން އެ ކައުންސިލްގެ ސަމާލުކަމަށް މިހާރު އެމައްސަލަ އައިސްފައިވާ ކަމަށެވެ. ކުރިއަށް އޮތްތަނުގައި އެކަންކަން ބަލައި ފޭކް އެމްސީ ދީ ހަދާ ޑޮކްޓަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

"ޑޮކްޓަރެއްގެ އެފަދަ ޑިސިޕްލިން މައްސަލައެއް ފާހަގަ ކުރެވިއްޖެ ނަމަ ޑިސިޕްލިނަރީ ރިއެކްޝަން ނަގާނަން،" އަފީފް ވިދާޅުވި އެވެ.

ޑރ. އަފީފު ސަން އަށް އިންޓަވިއު ދެއްވަނީ-- ސަން ފައިލް ފޮޓޯ

އަފީފް ވިދާޅުވީ އެފަދަ ކަންކަން ފާހަގަކުރެވޭ ޑޮކްޓަރުންނަށް އެކަން ތަކުރާރު ނުކުރުމަށް އެންގުމާއި ހުއްދަ ބާތިލް ކުރުން ފަދަ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ހެލްތް މިނިސްޓުރީގެ ސްޕޯކްޕާސަން ތަސްލީމާ އުސްމާން ވިދާޅުވީ އެފަދަ ފޭކް އެމްސީ ހަދާ ދޭ ސިއްހީ ހިދުމަތްދޭ ތަންތަނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ތަސްލީމާ ވިދާޅުވާ ގޮތުގައި އެމްސީއަށް އެދޭހާ މީހަކަށް އެ ދީގެން ނުވާނެ ކަމަށާއި އެސެޓްފިކެޓް ދޭންވާނީ ބަލަން ޖެހޭ ވަރަށް ސިއްހީ ކަންކަން ބެލުމަށް ފަހު އެވެ.

"މީހަކު އަދި މެޑިކަލް ސެޓްފިކެޓެއް ބޭނުންވެގެން ދިޔަސްދޭ ގޮތަކަށް ނޫން އިންނަނީ. ޑޮކްޓަރު ބެލުމަށް ފަހު މެޑިކަލް ދޭ ވަރު ކަމެއް ފެނިއްޖެ ނަމަ ދޭ ގޮތަށް އުސޫލް އިންނަނީ،" ތަސްލީމާ ވިދާޅުވި އެވެ.

ތަސްލީމާ ވިދާޅުވީ ފޭކް ސެޓްފިކެޓު އުޅޭކަން ފާހަގަކުރެވިގެން ވަޒީފާދޭ ބައެއް ފަރާތްތަކުން އެތަންތަނުގެ މުވައްޒިފުން ހުށައަޅާ ސެޓްފިކެޓުތަކުގެ ސައްހަކަން ބެލުމަށް ހެލްތް މިނިސްޓްރީއަށް ހުށަހަޅާ ކަމަށެވެ.

ވިޔަފާރި އުސޫލުން އެމްސީ ދިނުމަކީ ރާއްޖޭގައި އާންމުކަމެކެވެ. ގިނަ ފަހަރު އެކަން ކުރަނީ ވަޒީފާއަށް ނުނިކުތުމަށް ހަދާ މަކަރެއްގެ ގޮތުންނެވެ. އެއްވެސް ބައްޔެއް ނުޖެހޭ ހާލު ބޮޑެތި ބަލިތައް ޖެހިފައިކަމަށް ހަދާ ދިގު މުއްދަތައް ޗުއްޓީހޯދަ އެވެ.

comment ކޮމެންޓް