ޔުނައިޓެޑްގައި ކުޅެންޖެހޭ މަގާމާމެދު މިކިތާރްޔަން ހިތްހަމައެއް ނުޖެހޭ!

ހެންރިކް މިކިތާރްޔަން މެންޗެސްޓަރ ޔުނައިޓެޑަށް ގެނައީ އެ ކްލަބުގެ ކަނާތްފަރާތު ވިންގު ވަރުގަދަކުރުމަށް. އެހެން ނަމަވެސް އޭނާ ކުޅެން ބޭނުންވަނީ މެދުތެރޭން ޕްލޭ މޭކަރަކަށް -- ފޮޓޯ: މެންޗެސްޓަރއިވްނިންގނިއުސް

މެންޗެސްޓާ ޔުނައިޓެޑް އިތުރަށް ވަރުގަދަ ކުރުމަށް ނިމިދިޔަ ސަމަރ ޓްރާންސްފާގައި އެ ކްލަބަށް ގެނައި، އަރްމީނިއާގެ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން، އޭނާގެ އާ ކްލަބުގައި ކުޅެން ޖެހޭ މަގާމާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ ސަން އިން ރިޕޯޓްކޮށްފައި ވާގޮތުން، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ޔުނައިޓެޑާ ގުޅުނު އުމުރުން 27ގެ މިޑްފީލްޑަރު ވަނީ، ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ އޭނާލައްވައި ކުޅުވާ މަގާމާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން މިކިތާރްޔަން ކުޅެން ބޭނުންވަނީ، "ފޯވާޑްގެ ފަހަތުން، ޖާޒީ ނަންބަރު 10 ކުޅޭ މަގާމަށް" ކަމަށް ވެއެވެ.

މިކިތާރްޔަން ޔުނައިޓެޑާ ގުޅުނު ފަހުން އަދި މިހާތަނަށް ވާދަވެރި އެންމެ މެޗެއް ކުޅެފައިވާއިރު، ކޯޗު މޮރީނިއޯ އޭނާ ލައްވައި ކުޅުވާފައި ވަނީ، ވިންގަރ އެއްގެ މަގާމަށެވެ. އެހެން ނަމަވެސް، އޭނާ އެ މަގާމަށް ކުޅެން ބޭނުން ނުވާ ކަމަށާއި އޭނާ ބޭނުން ވަނީ، ޒްލަޓަން އިބްރަހިމޮވިޗްގެ ފަހަތުން މިހާރު އެ ޓީމުގެ ކެޕްޓަން ވޭން ރޫނީ އަދާކުރާ ރޯލު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޕްރިމިއަރ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު، މެންޗެސްޓަރ ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީ ވާދަކޮށް 2-1 ލަނޑުން ޔުނައިޓެޑް ބަލިވި ޑާރބީ މެޗުގެ ފުރަތަމަ 45 މިނިޓްގައި މިކިތާރްޔަން ލައްވައި ކުޅުވުމަށްފަހު، މޮރީނިއޯ ވަނީ އޭނާގެ ބަދަލުގައި އެންޑަރ ހެރޭރާއަށް ފުރުސަތު ދީފައެވެ.

ޕްރިމިއަރ ލީގު 20 ފަހަރު ކާމިޔާބުކޮށްފައި ވާ ޔުނައިޓެޑުން މިކިތާރްޔަން ގެނައީ އެ ކްލަބުގެ ކަނާތްފަރާތު ވިންގު ވަރުގަދަ ކުރުމަށެވެ. އެގޮތުން އެ ކްލަބާއެކު ކޯޗު މޮރީނިއޯ ހޭދަކުރާ ފުރަތަމަ ސީޒަންގައި ރަނގަޅު ކާމިޔާބެއް ހޯދުމަށް އަމާޒު ހިފާފައިވާ އިރު މޮރީނިއޯ ބުނީ، އޭނާ ކުޅުންތެރީން މަގާމުތަކަށް ބަހާލާފައި ވާނީ، އެ ކުޅުންތެރީންގެ ޕާރފޮމަންސަށް ބަލައިގެން ކަމަށެވެ.

comment ކޮމެންޓް