މެސީ އަދި ރޮނާލްޑޯގެ ފެންވަރު އަހަރެން ގައިގައި އެބަހުރި: ސަންޗޭޒް

އާސެނަލްގެ ޗިލީ ތަރި އެލެކްސިސް ސަންޗޭޒް: އޭނާ އަކީ މެސީ އަދި ރޮނާލްޑޯއާ އެއް ފެންވަރުގެ ކުޅުންތެރިއެއް ކަމަށް އޭނާ ގަބޫލުކުރޭ ---

އާސެނަލްގެ ޗިލީ ތަރި އެލެކްސިސް ސަންޗޭޒް އަކީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއް ފެންވަރުގެ ކުޅުންތެރިއެއް ކަމަށް އޭނާ ބުނެފި އެވެ.

ސަންޗޭޒް އަކީ މެސީއާ އެކު ބާސާގައި ދުވަސްތަކެއް ހޭދަކުރި ކުޅުންތެރިއެކެވެ. ބާސާ އަށް ކުޅުމަށްފަހު އާސެނަލްއާ ސަންޗޭޒް ގުޅުނީ 2014-15 ސީޒަނުގައެވެ. އާސެނަލްއާ ގުޅުނުތާ މާ ގިނަ ދުވަސްތަކެއް ނުވެ، ސަންޗޭޒް ހިމެނިފައިވަނީ އެ ކްލަބުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައެވެ.

ފާއިތުވެދިޔަ އަށް އަހަރު ތެރޭގައި ފުޓްބޯޅައިގައި ރަސްކަން ކުރަމުންދިޔަ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ(ކ) އާއި ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ(ވ) ---

މެސީ އަދި ރޮނާލްޑޯ އަކީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނި، ފާއިތުވެދިޔަ އަށް އަހަރުގެ ތެރޭގައި ފުޓްބޯޅައިގައި ރަސްކަންކުރި ދެ ކުޅުންތެރިންނެވެ.

"އެންމެ މޮޅެތި ކުޅުންތެރިންނާ ވާދަކުރެވޭ ފެންވަރަށް މިހާރު އަހަރެންނަށް ދެވިއްޖެ. އަހަރެން ގައިގައި މެސީ އަދި ރޮނާލްޑޯގެ ފެންވަރު އެބަހުރި. އަހަރެން އުޅެނީ އެ ކުޅުންތެރިންނާ އެއް ފެންވަރެއްގައި. އަހަރެންނަކީ ވަކި ކުޅުންތެރިޔަކަށްވުރެ ދަށް ކުޅުންތެރިއެއް ކަމަކަށް އަހަރެން ނުދެކެން،" ސަންޗޭޒް ބުންޏެވެ.

އާސެނަލްއާ ގުޅުމުގެ ކުރިން ސަންޗޭޒް ވަނީ ބާސާއާއެކު ސްޕެނިޝް ލަލީގާ އާއި ކޮޕާ ޑެލްރޭ ކާމިޔާބުކޮށްފަ އެވެ. އާސެނަލްއާ ގުޅުމަށްފަހު އޭނާ އަށް އެ ޓީމާއެކު މިހާތަނަށް ހޯދިފައިވަނީ އެފްއޭ ކަޕްގެ ތަށްޓެކެވެ.

comment ކޮމެންޓް